ހަބަރު

ޖޫން 12 ގައި ދެ "އަނިޔާ" މުޑިއަރަނީ!؟

May 25, 2015
1

އަންނަ މަހުގެ 12 ވަނަ ދުވަހަކީ ބޮޑު ދުވަހެކެވެ. މި ދުވަސް އެއް ގޮތުން ބޮޑުވަނީ އެމްޑީޕީން އިސްނަގައިގެން "އަނިޔާ ވެރިކަމާ ދެކޮޅަށް" މާލޭގައި ބޮޑު އެއް ވުމެއް ބާއްވަން ނިންމުމެވެ. އަނެއް ގޮތަކީ ކުޑަކުދިންނަށް ކުރާ "އަނިޔާއާ ދެކޮޅަށް" ދިރާގުން ބާއްވާ ބޮޑު ދުވުމެވެ. ކޮންމެ އަކަށް މި ދެކަންތައް ވެސް މި އޮތީ 12 ވަނަ ދުވަހު އެވެ. އެހެންކަމުން އެ ދުވަހަކީ ދެ "ދެ އަނިޔާ" ފައްތަރުވާ ދުވަހަށް ނޫނީ ނުވާނެ އެވެ.

ދިރާގުން މެދު ނުކެނޑި ބާއްވަމުން އަންނަތާ ނުވަ އަހަރުވީ މި ދުވުމުމަށް މިދިޔަ އަހަރުން ފެށިގެން ދަނީ ތައްޔާރުވަމުންނެވެ. އަދި މި ދުވުމަކީ މިހާރު ބައިނަލްއަގުވާމީ ދިގު ދުވުމުގެ ޖަމިއްޔާ އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަން އެންޑް ޑިސްޓެންސް (އެއިމްސް) ގެ ކަލަންޑަރުގައި ހިމަނައިގެން ބާއްވާ ދުވުމެކެވެ.

މާނައަކީ މި ދުވުން ބާއްވަން ދީފައިވާ 12 ވަނަ ދުވަހުގެ ތާރީހަށް ދުނިޔޭގެ އެކި ގައުމުތަކުން މީހުން އަންނާނެ ކަމެކެވެ. ދިގު ދުވުމަށް "ދެވިހިފާފައިވާ" މި މީހުން އަންނާނީ ދުވާށެވެ. އެހެންކަމުން މިއީ ފަސޭހައިން ބަދަލު ކުރެވޭނެ ތާރީހެއް ކަމަށް ނުބެލެވޭނެ އެވެ. މި ދުވުމުގައި ގާތްގަނޑަކަށް 3،000 މީހުން ބައިވެރިވާނެ އެވެ.

ދެން އޮތީ އިނދިކޮޅު، އެމްޑީޕީ، އަދާލަތު އަދި ޖުމްހޫރީ ޕާޓީ ގުޅިގެން ބާއްވާ ދެވަނަ ބޮޑު އެއްވުމެވެ. މި އެއްވުމަށް ރަށްރަށުގައި ކެމްޕޭންތައް ދަނީ ކުރަމުންނެވެ. އިނދިކޮޅު ފަރާތްތަކުން ތަފާކުރާ ގޮތުގައި މި އެއްވުމަށް 30،000 އަށްވުރެ ގިނަ މީހުން ރަށްރަށުން މާލެ އަންނާނެ އެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މި މުޒާހަރާގެ ބޭނުމަކީ "އަނިޔާވެރިކަމާ ދެކޮޅު" ހެދުމެވެ. އަނިޔާވެރިކަން ނިންމުމެކެވެ.

ކޮންމެއަކަށް މިކަމުގައި "ގޮތްދޫކުރާނެ" ބަޔަކު އަދި ނޭނގެ އެވެ. ނަމަވެސް އިއްތިފާގަކުން ނަމަވެސް 12 ވަނަ ދުވަސް ވެގެންދާނީ "ދެ އަނިޔާ ފައްތަރުވާ" ދުވަހަކަށެވެ