ހަބަރު

ސިއްރު ހެކި ބަސް ނެގޭނީ ގާނޫނު ބަދަލުކޮށްގެން: މައުމޫން ހަމީދު

ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރުމެއް ނެތި ސިއްރުން ހެކި ބަސް ނުނެގޭނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުން ގިނަ އަދަދެއްގެ ސިއްރު ހެކި ކޮންމެ މައްސަލައެއްގައި ވެސް ހުށަހަޅަމުންދާތީ އަޑު ގަދަވެފައިވާ ބަހުސުގައި ބައިވެރިވަޑައިގެން ރޭ މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިއްރުން ހެކި ބަސް ނެގުމުގައި އޮތް އެންމެ ބޮޑު ސިއްރަކީ އެގޮތަށް ހެކި ބަސް ނަގަމުން ދަނީ ގާނޫނާ އެއްގޮތަށް ނޫންކަން ކަމަށެވެ. އޭގެ ސަބަބު ވެސް ދެއްކެވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ސިއްރުން ހެކި ބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައިވާ ހާލަތްތަކުގައި އެކަންޏެވެ. އެކަމަކު މިހާރު އަމަލުކުރަމުންދާ ހެއްކާ ބެހޭ ގާނޫނުގައި ސިއްރުން ހެކި ބަސް ނެގޭ ހާލަތްތައް ބަޔާންކޮށްފައިނުވާކަން މައުމޫން ހަމީދު ވަނީ ފާހަގަކުރައްވާފަ އެވެ.

ޖިނާއީ އިޖުއާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގައި ވަނީ މިހެނެ؛ ހެކި ބަސް ނަގަންވާނީ ޝަރީއަތުގެ މަޖިލީހަށް ހެކިން ހާޒިރުކޮށްގެން ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އަދި އެ ގާނޫނުގައި ހެކި ބަސް ދޭ މީހުން ހިމާއަތްކޮށް ރައްކާތެރިކުރެވޭނެ ގޮތަށް ހެކި ބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކި ބަސް ނެގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ހެއްކާ ބެހޭ ގާނޫނަކީ މީގެ 40 އަހަރު ކުރިން ފާސްކުރި ގާނޫނެކެވެ. ޖުމްލަ ހަތް މާއްދާގެ މައްޗަށް އެކުލެވޭ އެ ގާނޫނުގައި ސިއްރު ހެކީގެ ވާހަކައެއް ނެތެވެ. ސިއްރުން ހެކި ބަސް ނެގޭނެ އުސޫލުތަކާއި ހެކިންނަށް ހިމާއަތް ދެވޭނެ ގޮތްތައް ހިމަނައި މަޖިލީހަށް ހެއްކާ ބެހޭ ބިލެއް ވެއްދިތާ ވަނީ ދުވަސްތަކެއްވެފަ އެވެ. އެ ބިލް މިހާރު އޮތީ ކޮމެޓީ މަރުހަލާގަ އެވެ. އެއީ ހެއްކާ ބެހޭ ކަންކަމަށް ބޮޑު އިންގިލާބެއް ގެންނާނެ ބިލެކެވެ.

ސިއްރު ހެކި ބަސް ނެގުމާ ގުޅޭ ބަހުސް ފެށިފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުއާ ދެކޮޅަށް ސިއްރު ހެކިތަކެއް ހުށަހެޅުމުން އެ ތިން ބޭފުޅުން ސިއްރު ހެކި ބަސް ނެގުމަށް އިއުތިރާޒު ކުރެއްވުމުންނެވެ.

އެ ޝަރީއަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ސިއްރު ހެއްކަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމާއި އެހެންވެ ރާއްޖޭގައި ސިއްރުން ހެކި ބަސް ނުނެގޭނެ ކަމަށް ވިދާޅުވެފަ އެވެ. އެއަށް ތާއީދު ކުރައްވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، ސިއްރު ހެއްކަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެކަށް ނުވާތީ ސިއްރުން ހެކި ބަސް ނެގުމާމެދު އެމަނިކުފާނު އިއުތިރާޒް ކުރައްވާ ކަމަށެވެ.

މިކަމާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިންނާއި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި އެ ބޭފުޅުންގެ ހިޔާލު ފާޅުކުރައްވާފަ އެވެ.