ފިނިޕޭޖް

ސޮނާކްޝީގެ ހާއްސަ ޝުކުރެއް މިފަހަރުވެސް އިންނުއަށް

މަރުދޭ މަޝްހޫރު ފިލްމީ ތަރިއަކު ތިމާއަށް ހާއްސަ ޝުކުރެއް އަދާކޮށްފިނަމަ އުފާވާނެކަން ކަށަވަރެވެ. ފާތިމަތު އީނަތް (އިންނު) އަށް ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ހާއްސަ ޝުކުރެއް އަދާކުރި މިއީ ދެ ވަނަ ފަހަރެވެ.

ސޮނާކްޝީގެ ޝުކުރުގެ މެސެޖެއް ޓުވިޓާ މެދުވެރިކޮށް އިންނުއަށް ލިބުނީ މިދިޔަ ހޮނިހިރު ދުވަހު ފާހަގަކުރި ސޮނާކްޝީގެ 31 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި ފޮނުވި ވީޑިއޯއާއި ގުޅިގެންނެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ސޮނާކްޝީގެ އެންމެ ބޮޑު 25 ފޭނުން ތައްޔާރުކުރި އެ ވީޑިއޯގައި އިއްނުވެސް ހިމެނުނެވެ.

އިންނުއަކީ މިހާރު ރާއްޖޭގައި ހުރި ސޮނާކްޝީގެ އެންމެ ބޮޑު ފޭނެވެ. ސޮނާކްޝީގެ ވަރަށް ގިނަ ފޭން ގްރޫޕްތަކުގައިވެސް އޭނަ ހަރަކާތްތެރިވެ އެވެ.

ސޮނާކްޝީގެ އުފަންދުވަހަށް ފޭނުން ތައްުޔާރުކުރި ވީޑިއޯ.

ސޮނާކްޝީގެ ހިތުން އެންމެ ފުރަތަމަ އިންނު ހާއްސަ ޖާގައެއް ހޯދީ މިދިޔަ އަހަރު ސޮނާކްޝީގެ ފޮޓޯއެއް އޭނާ ކުރަހާފައި ޓުވިޓާ މެދުވެރިކޮށް ފޮނުވި ހިސާބުންނެވެ. އެ ކުރެހުމާއެކު ފޮނުވި މެސެޖުގައި ސޮނާކްޝީއަށް ރާއްޖެއައުމަށް ދައުވަތުވެސް ދިނެވެ. އަދި ރާއްޖެ އައިސްފިނަމަ އޭނާއަށް ބައްދަލުކުރަންވެސް އެދުނެވެ.

އިންނުއަށް ޝުކުރު އަދާކޮށް ސޮނާކްޝީ ފޮނުވި ޓުވީޓް.

އިންނުގެ ހިތް ބަންޑުންވެގެން ދިޔައީ ސޮނާކްޝީ އެ ޓުވީޓަށް ރިޕްލައިކުރި ހިސާބުންނެވެ. ސޮނަކްޝީ އެ ޓުވީޓަށް ރިޕްލައި ކުރީ ވީޑިއޯ މެސެޖަކުންނެވެ. އިއްނުގެ ކުރެހުމުގެ ހުނަރަށް ތައުރީފުކޮށް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށްވެސް ބުނެފައިވެ އެވެ. ސޮނާކްޝީގެ ހިތުގައި ރާއްޖެއަށް އޮތް ލޯބި ހާމަކުރިއިރު، ރާއްޖެއައިސް އިއްނުއާއި ބައްދަލުކުރާނެ ކަމަށް ސޮނާކްޝީ ވަނީ ވައުދުވެސްވެފަ އެވެ.

އެދުވަސް ވެގެން ދިޔައި އިންނުގެ ހަޔާތުގައި އައި އެންމެ "ބެސްޓު" ދުވަސް ކަމަށް މީގެ ކުރިން "އަވަސް" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ. އަދިވެސް އެކަން ގަބޫލުނުކުރެވޭ ކަމަށް ބުންޏެވެ. އިއްނުގެ އުފަންދުވަހު އެ ދުވަހު ތަހުނިޔާގެ މެސެޖެއްވެސް ސޮނާކްޝީ ފޮނުވާފައިވެ އެވެ.

މިދިޔަ އަހަރު އިންނު ކުރި ޓުވީޓަށް ސޮނާކްޝީ ފޮނުވި ވީޑިއޯ މެސެޖް.

ސޮނާކްޝީ ބޮލީވުޑަށް ތައާރަފުވީ 2012 ވަނަ އަހަރު ރިލީޒްކުރި ސަލްމާން ޚާންގެ ފިލްމު "ދަބަންގް" އިންނެވެ. އޭގެ ފަހުން އޭނަ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ފޯސް 2"، "ނޫރް"، "ތިވާރް" އަދި "ރައުޑީ ރާތޯރް" ހިމެނެ އެވެ. އެންމެ އަވަހަށް ދެން ސޮނާކްޝީ ފެނިގެންދާނީ މިއަހަރު ރިލީޒްކުރާނެ ފިލްމު "ހެޕީ ބާގް ޖާޔޭގީ ރިޓާންސް" އިންނެވެ.