ކުނީގެ ގޮތުގައި އުކާލާ ޕްލާސްޓިކް ކޮތަޅުތަކުގެ ސަބަބުން މޫދާއި ކަނޑުގެ ދިރުންތަކަށް ގިނަ ގެއްލުން ވަމުންދާ ކަމަށާއި ތިމާވެށީގެ ހައްގުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ތިމާވެށި މިނިސްޓަރު ތޯރިގް އިބްރާހިމް ގޮވާލައްވައިފި އެވެ.
މިއަދު ފާހަގަކުރާ ތިމާވެއްޓާ ބެހޭ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ތޯރިގް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ ނިސްބަތް ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދު ނުކޮށްފިނަމަ ތިމާވެށީގެ ދިރުންތަކަށް ސީރިއަސް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
"މި ބީދައިން ކަން ހިނގާ ނަމަ ދުނިޔޭގެ ކަނޑުތަކުގައިވާ މަހަށްވުރެ ޕްލާސްޓިކް ކުނި ގިނަވެދާނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އަދި ކުރިއަށް އޮތްތާ ހެޔޮ ބަދަލު ނުގެނެވިއްޖެ ނަމަ ކަނޑު މަތީގެ ހުރިހާ ދޫނި ނަސްލެއްގެ ކެއުމުގެ ތެރޭގައި ކުންޏަށް އުކާލެވޭ ޕްލާސްޓިކް ހިމެނިގެންދާނެ ކަމުގެ އިންޒާރަކީ ވަކިން ހާއްސަކޮށް ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ވަރަށް ބޮޑު ގެއްލުމެކެވެ،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއަކީ ކަނޑުގެ ދިރުންތަކަށް މަޝްހޫރު ގައުމަކަށް ވެފައި މޫދާއި ފަރުތައް ކުނިން ތަގައްޔަރުވެ، ޕްލާސްޓިކްގެ ސަބަބުން ދިރުންތައް މަރުވާން ފަށައިފިނަމަ އޭގެ ގެއްލުން އިގްތިސޯދީ ގޮތުންނާއި އެހެންވެސް ގޮތްގޮތުން އާންމު ދިރިއުޅުމަށް ކުރާނެ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.
"އާހިރުގައި އިންސާނާގެ ސިއްހަތާއި ދުޅަހެޔޮކަމާއި އެކަމަށް ބޭނުންވާ އެތައް އަސާސީ ހައްގުތަކެއް ވެސް މި ގުދުރަތީ ދިރުންތަކާ ވަނީ ގުޅި ލާމެހިފަ އެވެ. މިގޮތުން ސާފު ވައި، ކެއުން، ފެނުގެ ރައްކާތެރިކަމާއި މޫސުމީ ބަދަލުތަކުގެ އަސަރުތަކުން ރައްކާތެރިވުން ހިމެނެ އެވެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން ގެއާއި އޮފީހުގައި ކަރުދާސް ކޮތަޅު ބޭނުންކުރަން އިސްކަންދިނުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.