ހަބަރު

ދެ ފަނޑިޔާރުން މެލޭއިން ބުކްކުރި ފުލެޓަށް ފައިސާ ދެއްކީ ވިލާއިން: ދައުލަތް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު މެލޭޝިޔާއިން ބުކްކޮށްފައިވާ ވިލާތަކުގެ އެއްބަޔަށް ފައިސާ ދައްކާފައި ވަނީ ވިލާ ކުންފުނިން ކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނެފި އެވެ.

މިއަދު އޮތީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމެވެ. މިއަދުގެ ޝަރީއަތުގައި ދައުލަތުން ވަނީ ދެ ފަނޑިޔާރުންގެ ދައުވާ ވަކިވަކީން އިއްވާފަ އެވެ.

އެގޮތުން ދައުލަތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާއާ ގުޅިގެން އޭނާ ދިރިއުޅޭ ގެއިން، ނިޝާން ޕްލާޒާގެ ތިިން ވަނަ ފަންގި ފިލާ ފުލުހުން ފާސްކުރުމުގެ ތެރެއިން ކަޅުކުލައިގެ ބެކްޕެކް އަކުން ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑްގެ ލެޓާ ހެޑްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކޮށްފައިވާ 20 ޑިސެމްބަރު 2017 ގެ ތާރީހުގައި ލިޔެފައިވާ ސިޓީއެއް ފެނިފައިވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. އެ ސިޓީގައި އަލީ ހަމީދުގެ ދަރިއަކަށާއި އިތުރު ތިން މީހަކަށް 2.4 މިލިއަން ޑޮލަރު ދީފައިވާ ކަމަށާއި އަލީ ހަމީދު މެލޭޝިއާއިން ބުކްކޮށްފައިވާ ވިލާތަކުގެ އެއްބަޔަށް ވިލާއިން ފައިސާ ދައްކާފައިވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، އަލީ ހަމީދާއި ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރުން ގުޅިގެން ނެރުނު އެކެއް ފެބްރުއަރީގެ އަމުރުގައި ވިލާ ޝިޕިންގެ ވެރިފަރާތްކަމަށްވާ ގާސިމް އިބްރާހިމް ވަގުތުން ވަގުތަށް ދޫކޮށްލުމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެ ސިޓީގައި ބަޔާންކޮށްފައިވާ ފައިސާ އަކީ އަމުރު ނެރުމަށް ދީފައިވާ ފައިސާ ކަން ހާމަވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރަށް ކޮށްފައިވާ ދައުވާ އިއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ދައުލަތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާއާ ގުޅިގެން އޭނާ ދިރިއުޅޭ ގެ، ނިޝާން ޕްލާޒާގެ ތިިން ވަނަ ފަންގި ފިލާ ފުލުހުން ފާސްކުރުމުގެ ތެރެއިން ކަޅުކުލައިގެ ބެކްޕެކް އަކުން ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑްގެ ލެޓާ ހެޑްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކޮށްފައިވާ 20 ޑިސެމްބަރު 2017 ގެ ތާރީހުގައި ލިޔެފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ. އެ ސިޓީގައި އަލީ ހަމީދުގެ ދަރިއަކަށާއި އިތުރު ތިން މީހަކަށް 2.4 މިލިއަން ޑޮލަރު ދީފައިވާ ކަމަށާއި އުއްތަމަ ފަނޑިޔާރު މެލޭޝިއާއިން ބުކްކޮށްފައިވާ ވިލާތަކުގެ އެއްބަޔަށް ވިލާއިން ފައިސާ ދައްކާފައިވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރުން ގުޅިގެން ނެރުނު އެކެއް ފެބްރުއަރީގެ އަމުރުގައި ވިލާ ޝިޕިންގެ ވެރިފަރާތްކަމަށްވާ ގާސިމް އިބްރާހިމް ވަގުތުން ވަގުތަށް ދޫކޮށްލުމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެ ސިޓީގައި ބަޔާންކޮށްފައިވާ ފައިސާ އަކީ އަމުރު ނެރުމަށް ދީފައިވާ ފައިސާ ކަން ހާމަވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، ދައުލަތުން އުފުލާފައިވާ ދައުވާގެ ކުށް ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ ޖިނާއަތުގެ ތިން ވަނަ ދަރަޖައިގެ ދަށުން ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތަކަށް ދެ ފަނޑިޔާރުން ވަޑައިގަތީ ވަކީލަކާއި ނުލަ އެވެ. އެގޮތުން ދައުވާ އިއްވާ ނިމުމުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވޭތޯ އުއްތަމަ ފަނޑިޔާރާ ސުވާލްކޮށްފަ އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މި ދުވަސްކޮޅުގެ ގޮތުން ވަކީލަކު ހަމަޖައްސަން އުނދަގޫ ކަމަށާއި އެހެން ކަމުން 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

ގާޒީ ވަނީ އަލީ ހަމީދަވެސް އެސުވާލު ކުރައްވާފަ އެވެ. އަލީ ހަމީދު ވިދާޅުވީ، ބަލިހާލަތު ހުރި ގޮތުންނާއި ވާހަކަ ދެއްކުމަށް ނުކުޅެދުންތެރިކަން ހުރުމާއެކު ވަކީލަކު ހަމަ ޖެއްސުމަށް ފުރުސަތު ދިނުމަށެވެ.

ގާޒީ ހައިލަމް ވަނީ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތުދީ އަންނަ އާދިއްތަ ދުވަހުގެ 12:00 ކުރިން އެކަން ކޯޓަށް އެންގުމަށެވެ. ގާޒީ ވަނީ އިތުރު ކަމެއް ދެ ފަރާތުންވެސް ފާހަގަ ކުރަން ނެތުމުން މިއަދުގެ ޝަރީއަތް ނިންމާލައްވާފަ އެވެ.