ކުޅިވަރު

ބްރެޒިލްގެ މިޑްފިލްޑާ ފްރެޑް ޔުނައިޓަޑަށް

ޔޫކްރޭންގެ ޝަކްޓާ ޑޮނެސްކްގެ ބްރެޒިލްގެ މިޑްފީލްޑާ ފްރެޑް 52 މިލިއަން ޕައުންޑްގެ އަގަކަށް މެންޗެސްޓާ ޔުނައިޓަޑަށް ބަދަލުވާން އެއްބަސް ވެއްޖެ އެވެ.

ފްރެޑް،25 ވަނީ ބްރެޒިލްގެ ވޯލްޑްކަޕް ސްކޮޑުގައި ހިމަނާފަ އެވެ. އޭނާ ވަނީ މިދިޔަ ހަފުތާހައި ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކޮރޭޝިއާ އާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުމެފަ އެވެ.

އަންނަ ސީޒަނަށް ޔުނައިޓަޑް ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމަށް ގެންނަ ފުރަތަމަ ކުޅުންތެރިޔަކަށް ވަނީ ފްރެޑް އެވެ. ބްރެޒިލްގެ ސްޕޯޓްސް ކުލަބު އިންޓަނޭޝިއަނަލް ދޫކޮށް ފްރެޑް ޝަކްޓާއަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ.

އޭނާ ވަނީ ޝަކްޓާއަށް ޔޫކްރޭންގެ ލީގް ތިން ފަހަރަށް ހޯދައިދިފަ އެވެ. ޔޫކްރޭންގެ ކަޕުވެސް ތިން ފަހަރު އެ ޓީމަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި އެވެ. މިދިޔަ ސީޒަންގެ ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުގައި މެންޗެސްޓާ ސިޓީ ބަލި ކުރުމަށް ވެސް ޝަކްޓާގެ ޓީމުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރި އެވެ.

ހަށިގަނޑުގައި ވަރުޖެއްސުމަށް މަނާ ބޭހެއް ބޭނުން ކުރި ކަން ސާބިތުވުމުން 2015 ވަނަ އަހަރު އޭނާ ސަސްޕެންޑްވެސް ކުރި އެވެ.

ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ދަނީ، ޕޯޓޯއަށް ކުޅެމުން އަންނަ ޒުވާން ފެންޑަރު ޑިއޭގޯ ޑަލެޓް ޔުނައިޓަޑަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އިނގިރޭސި މިޑީއާ ރިޕޯޓްތައް ބުނާގޮތުން ޑަލެޓްގެ ޓްރާންސްފާއާ މެދު މިހަފުތާގައި ވަކި ގޮތެއް ނިމިގެންދާނެ އެވެ.