ހަބަރު

އިންޑިއާއަށް ނޭރުވީ އަޅުގަނޑަށް ބުލީ ކުރަން: ނިހާން

Jun 5, 2018
57

ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ބޭސްފަރުވާއަށް އިންޑިއާގެ ޗެންނާއީއަށް އިއްޔެ ދިޔަ ނަމަވެސް އެ ގައުމަށް ވަނުމުގެ ހުއްދަ ނުދީ އިމިގްރޭޝަނުން އޭނާ ފޮނުވާލާފައިވާ ކަމަށާއި އެކަން ސިފަވަނީ ބުލީ ކުރުމުގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އިންޑިއާ އެމްބަސީ ކުރިމަތީގައި ހުންނަ ހޮޓަލް ޖެންގެ ބޭރުގައި ހުރެ އިންޑިޔާއަށް ކުރި ދަތުރުގައި ދިމާވީ ކަންތައްތަކުގެ ވާހަކަ މީޑިއާތަކަށް ހިއްސާ ކުރައްވަމުން ނިހާން ވިދާޅުވީ އޭނާ ޗެންނާއީއަށް ދިޔައީ ސައިނަސްގެ މައްސަލައެއްގައި އަބަދުވެސް އިންޑިޔާއިން ހަދަމުން އަންނަ ރޫޓިން މެޑިކަލް ޗެކަޕެއް ހެދުމަށް އޮންއެރައިވަލް ވިސާގައި ކަމަށާއި އެހެން ނަމަވެސް އޭނާ ޗެންނާއީގެ އިމިގްރޭޝަނުން އެ ގައުމަށް ވަނުމަށް ހުއްދަ ނުދިން ކަމަށެވެ. އަދި އިންޑިއާގެ އިމިގްރޭޝަނުން އޭނާ ޗެންނާއީއަށް ވަނުމަށް ހުރަސް އަޅަނީ ކީއްވެ ކަމެއް ވެސް އެ މީހުންނަށް ސާފުކޮށް ނުދެވުނު ކަމަށާއި އެހެންކަމުން ހަތަރު ގަޑިއިރު މަޑު ކުރުމަށް ފަހު އަނބުރާ ފުރައިގެން މާލެ އައި ކަމަށް ނިހާން ވިދާޅުވި އެވެ.

"މިކަމާ ގުޅިގެން އަޅުގަނޑު އަތުން އެއްވެސް ކަހަލަ ލިޔުމެއްގައި ސޮއި ކުރުވައި ނުވަތަ އަޅުގަނޑުގެ ޕާސްޕޯޓުގެ އެއްވެސް ހިސާބެއްގައި ތަތްގަނޑެއް ޖަހައި ނުވަތަ އިންޑިޔާއަށް އެރުން މަނާ ފަދަ އެއްވެސް ވާހަކައެއް އަޅުގަނޑު ކައިރީ ނުބުނެ، އަދި އަޅުގަނޑަށް އެއްވެސް ޑޮކިއުމަންޓެއް ނުއެއް ދައްކާ، އެކަމަކު ތިން ކަރުދާހެއް ގެންގުޅުން، އެއް ކަރުދާސް އެއާލައިންގެ އެޖެންޓާ ހަމަޔަަށް ގެންދިޔަ ނަމަވެސް އަޅުގަނޑަކަށް އޭގައި އޮތް އެއްޗެއް ނުދައްކާ،" ނިހާން ވިދާޅުވި އެވެ. "އަޅުގަނޑު މަސައްކަތް ކުރަނީ ކޮން ޕާޓީއެއްގައިތޯ ސުވާލު ކުރީމަ ޕީޕީއެމްއޭ ބުނި ހިސާބުން އިތުރަށް މަޑުކޮށްފައި އަދިވެސް ހަމަ ކުޑަ އިރުކޮށްފައި އިތުރު މައުލޫމާތު ހޯދަން ދިޔައީ،"

ނިހާން ވިދާޅުވީ އެ ގައުމަށް ވަނުން މަނާ ކުރާ ނަމަ އެކަން ދިވެހިންނަށް އެނގެން ޖެހޭ ކަމަށާއި އެ މައްސަލަ އެހެން ދިވެހިންނަށް ވެސް ވެދާނެ ކަމަށެވެ. އަދި އިންޑިޔާގެ އެ އަމަލު ސިފަ ވަނީ ބުލީ ކުރުމުގެ އަމަލެއް ގޮތަށް ކަމަށާއި އެކަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އިންޑިޔާއާ ސުވާލުކޮށް އެ މައްސަލަ ސީރިޔަސް ގޮތެއްގައި ބަލަން ޖެހޭ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ މިއީ ޖީއެމްއާރުގެ މައްސަލައަށް ފަހު އުފެދުނު ހިތްހަމަ ނުޖެހުމުގެ ތެރޭގައި އުޅޭ ކަމެއްހެން. މިއީކީ އެއްވެސް ވަރަކަށް ފިޔަވަޅު އެޅުމާ ގުޅޭ ކަމެއް ނޫންހެން. ބޮޑަށް ހީވަނީ މިއީ އަޅުގަނޑަށް ބްލީކުރުމަށް ކުރި ކަމެއްހެން. އެކަހަލަ ގޮތަކަށް އިމިގްރޭޝަންގެ ހަރަކާތްތައް ހުރީ. އަޅުގަނޑު ބޭނުން ބަލަން މިއީ އަޅުގަނޑަށް ވީމާ އެކަނި ދިމާވި ކަމެއްތޯ ނޫނީ ސަރުކާރަށް ތާއީދު ކުރާ މީހަކަށް ވީމާ ދިމާވި ކަމެއްތޯ؟،" ނިހާން ވިދާޅުވި އެވެ.

އިންޑިޔާއަށް ވަނުމަށް އެ ގައުމުން ނިހާންއަށް ހުރަސް އެޅިއިރު އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުގެ ކަންކަން އިސްލާހު ނުކުރާ ނަމަ ވަކިވަކި ފަރުދުންނަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ ފަރާތްތަކުގައި އެދިފަ އެވެ. އަދި ނިހާންއަށް އެ ގައުމަށް ނޭރުނި އެކަމާ ހެދިތޯ ސުވާލު ކުރުމުން ނިހާން ވިދާޅުވީ އެފަދަ މައްސަލައެއް ނަމަ ލިޔުމުންނާއި އެހެނިހެން ގޮތްގޮތުން އެނގެން ހުންނާނެ ކަމަށެވެ. ނަމަވެސް މިފަދަ ނާތަހުޒީބު ގޮތަކަށް އަމަލު ކުރުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށް ނިހާން ވިދާޅުވި އެވެ.

"ކަމާ ގުޅުން ހުރި ފަރާތްތަކުން އެފަދަ ލިސްޓެއް އިންޑީޔާއިންވަކިވަކި މީހުންނަށް ފިޔަވަޅު އަޅާ ލިސްޓެއް ގެންގުޅޭތޯ ނުވަތަ ނޫންތޯ އެބަ ބަލަން ޖެހޭ، އޭރުުންތާ އިނގޭނީ އެފަދަ ގައުމަކަށް ދަތުރު ނުކުރާން، އަޅުގަނޑަކަށް ނޭނގޭ އެ ލިސްޓުގައި އޮތް ކަމެއް ނޫންކަމެއް އެއީ އިމިގްރޭޝަނަށް އެކަން ބުނެނުދެވުނީމަ، އެހެންވެ މި ނޫން އެހެން ގައުމަކުން އެކަންކޮށްފާނެތޯ ވެސް ބަލަން ޖެހޭ،" ނިހާން ވިދާޅުވި އެވެ.

ނިހާން އިތުރަށް ވިދާޅުވީ ރާއްޖެ އިގްތިސާދީ މިނިވަންކަން ހޯދަންވީ މިފަދަ ސަބަބުތަކާ ހެދި ކަމަށެވެ. އަދި މިއަދު ދިވެހިންނަށް އެ ހާލުގައި އުޅެން ޖެހުނީ ވެސް ކުރީގެ ސަރުކާރުތަކުން ބުނި ކަމަކަށް ބޯލެނބުމުން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އޭގެ ބަދަލުގައި އިގްތިސަދީ މިނިވަންކަމާ ދިމާލަށް ދަތުރު ކުރާ އިރު އެފަދަ ގޮންޖެހުންތައް ދިމާވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.