ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު އިންޑިއާގެ ޗެންނާއީއަށް އެތެރެވުމުގެ ފުރުސަތު ނުދީ ފޮނުވާލި މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެ އިންޑިއާއިން އެ މައްސަލައިގައި ފިނި ޖަވާބެއް ދީފަ އެވެ.
ރޫޓިން މެޑިކަލް ޗެކަޕްއަކަށް ނިހާން ޗެންނާއީއަށް އެތެރެވާން މަސައްކަތް ކުރީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ޑިޕްލޮމެޓިކް ޕާސްޕޯޓްގައި ނިހާން ޗެންނާއީއަށް އެތެރެވާން އެ ގައުމުގެ އިމިގްރޭޝަނުން ހުރަސްއަޅައި އޭނާ އެއާޕޯޓްގައި ބޭންދުމަށް ފަހު އެންމެ އަވަހަށް ރާއްޖެއަށް ފުރި ފްލައިޓަކުން އޭނާ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެ މައްސަލައިގައި އިންޑިއާއިން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއިން ކޮންމެ ހަފްތާއަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިއްޔެ ބޭއްވި ނޫސްކޮންފަރެންސްގައި އިންޑިއާގެ ނޫސްތަކުން އެކްސްޓާނަލް އެފެއާޒްގެ ސްޕޯސްޕާސަން ރަވީޝް ކުމާރާ ސުވާލުކުރުމުން އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ މެންބަރަކު ހުއްޓުވާފައި ވަނީ ޗެންނާއީގެ އިމިގްރޭޝަނުން ކަމަށެވެ. އަދި އެކަން އެހެންވީ ކިހިނެތް ވެގެންތޯ ބަލަމުން އަންނަ ކަމަށާއި އެ މައުލޫމާތު ލިބުނުހާ އަވަހަކަށް ދިވެހި ސަރުކާރާ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. މައުލޫމާތެއް ނެތް ކަމަށް ވިދާޅުވެ އިތުރު އެއްޗެއް އޭނާ އެ މައްސަލައިގައި ވިދާޅެއްނުވެ އެވެ.
ނިހާން އިންޑިއާއަށް ނުވެއްދި ސަބަބުން، ބަޔާންކޮށްދިނުމަށް ދިވެހި ސަރުކާރުން ވަނީ މިހާރު ރަސްމީކޮށް އިންޑިއާގައި އެދިފަ އެވެ. އެހެން ނަމަވެސް، އެ މައްސަލައަށް އަށް ދުވަސް ފާއިތުވީ އިރުވެސް، ދިވެހި ސަރުކާރަށް އިންޑިއާއިން އަދިވެސް ރަސްމީ ޖަވާބެއް ދީފައެއް ނުވެ އެވެ.
ނިހާން ވިދާޅުވީ، އިންޑިއާގެ އެ އަމަލަކީ އޭނާއަށް ބްލީކުރުން ކަމަށް ސިފަކުރެވޭ ކަމަށާއި އެކަން ހިނގި ގޮތް އިންޑިއާއިން ރާއްޖެއަށް ކިޔައިދޭން ޖެހޭނެ ކަމަށެވެ. ޗައިނާގެ ނުފޫޒު ރާއްޖޭގައި ގަދަވުމުގެ ސަބަބުން އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ވަނީ އަސަރުކޮށްފަ އެވެ.
މިފަހުން ރާއްޖެއިން އިންޑިއާއަށް އަންގާފައި ވަނީ އެ ގައުމުން ދިވެހި އަސްކަރިއްޔާއަށް ދީފައިވާ ދެ ހެލިކޮޕްޓަރު އަނބުރާ ގެންދިޔުމަށެވެ. އެކަމާ ގުޅިގެން ސުވާލުކުރުމުން ރަވީޝް ކުމާރު ވިދާޅުވީ ރާއްޖެ-އިންޑިއާގެ އަސްކަރީ ގުޅުން އަދިވެސް އޮތީ ބަދަހިކޮށް ކަމަށާއި އެ މައްސަލައިގައި ދެ ގައުމުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައި ވަނީ، ރާއްޖެއިން ދެ ހެލިކޮޕްޓަރު ގެންދަން އިންޑިއާގައި އެދުނީ ދެ ހެލިކޮޕްޓަރުގެ ބަދަލުގައި ސާޗް އޮޕަރޭޝަން ތަކުގައި ބޭނުން ކުރާ ފަދަ ދޯނިއާ ފްލައިޓެއް ހޯދުމަށް ކަމަށެވެ.