ހަބަރު

ނިހާންއަށް އިންޑިޔާއަށް ނޭރުވުމުން ޖަމީލް ދެރަވެއްޖެ

ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކުއަށް އިންޑިޔާއަށް ވަނުމަށް ހުރަސް އެޅި މައްސަލާގައި އިދިކޮޅު ޕާޓީތަކާއެކު މަސައްކަތް ކުރައްވާ މި ސަރުކާރުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަންބޮޑުވެއްޖެ އެވެ.

ބޭސްފަރުވާއަށް ނިހާން އިންޑިޔާއަށް ވަޑައިގަތުމުން އިމިގްރޭޝަނުން ވަނީ ނިިހާން ހިފެހެއްޓުމަށް ފަހު އެ ގައުމަށް ވަނުމަށް ހުރަސް އަޅައިފަ އެވެ. އަދި އެކަން ކުރީ ކީއްވެ ކަމެއް އިމިގްރޭޝަނަކަށް ބުނެއެއް ނުދެވުނެވެ. އެކަމަށް އިޝާރަތް ކުރައްވާ ޖަމީލު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ ދެރަ ކަންކަން ދިމާވަނީ މި ސަރުކާރުން އެންމެ އަވައްޓެރި ގައުމު އިންޑިޔާއަށް ނިސްބަތްކޮށް ހަގީގަތެއް ނެތް ވާހަކަތައް ދައްކާ ފުުރައްސާރަ ކުރާތީ ކަމަށެވެ. އަދި ކޮންމެ ދިވެއްސަކަށް ދިމާވި ނަމަވެސް މިއީ ހިތާމަވެރި ކަމެއް ކަމަށް ޖަމީލު ވިދާޅުވި އެވެ. އަދި ވިދާޅުވީ ދެރަ ވެއްޖެ ކަމަށެވެ.

ޖަމީލު މިހެން ވިދާޅުވީ ނިހާންއަށް އިންޑީޔާއަށް ނޭރުނު މައްސަލާގައި އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމާއި ހަޖޫތައް އަމާޒުވެފައި ވަނިކޮށެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީ ތަމްސީލު ކުރައްވާ ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ޑިޕްލޮމެޓިކް ޕާސްޕޯޓެއް ގެންގުޅެ ފަރާތަކުން އިންޑިޔާއަށް ވަނަނުދީ ހިފެހެއްޓުމަކީ ހިތާމަ ހުރި ކަަމެއް ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ވަރަށް ދަށްވެފައިވާ ކަމަށް ފެންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ނިހާން ވިދާޅުވީ އެއްވެސް މީހަކު ގައުމަކަށް ނާރުވާނަމަ އެކަން ވާންވީ ސަބަބު ބަލަން ޖެހެ ކަމަށެވެ. އަދި ސަރުކާރުން އެކަން ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. ނަމަވެސް މި މައްސަލާގައި މިހާތަނަށް އިންޑިޔާއިން ވަަކި އެއްޗެއް ނުބުނެ އެވެ.