ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އިންޑިޔާއަށް ވަނުމުގެ ހުއްދަ ނުދީ ފޮނުވާލި މައްސަލައިގެ ތަފްސީލް ދިވެހި ސަރުކާރާ ހިއްސާކުރަން ދިވެހި ފޮރިން މިނިސްޓްރީ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އިންޑިޔާގެ ސަފީރު އަކިލޭޝް މިޝްރާ އާއި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒްގައި އެދެފި އެވެ.
ރޫޓީން މެޑިކަލް ޗެކަޕްއަކަށް ނިހާން އިންޑިޔާއަށް ވަޑައިގަތުމުން އެއްވެސް ސަބަބެއް އެންގުމެއް ނެތި އޭނާ ޗެންނާއީއަށް ވަންނަން ހުއްދަ ނުދީ ފޮނުވާލާފައި ވަނީ މިދިޔަ ހޯމަ ދުވަހުގަ އެވެ. އެކަމާ ގުޅިގެން ނިހާން ވަނީ އިންޑިޔާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މީޑިއާގައި ވާހަކަދައްކާފަ އެވެ. އެކަމާ ގުޅޭ ގޮތުން "ދަ އިންޑިއަން އެކްސްޕެސް"އަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވީ ނިހާންއަށް އިންޑިޔާއަށް ނޭރުނު މައްސަލަ މާލޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި އަދި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒްއަށް ވެސް އެކަން އަންގާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އިންޑިޔާއިން މިކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ނުބުނާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެން އެދިފައި ވާނީ ނިހާން އިންޑިޔާއަށް ވަނަ ނުދިން ސަބަބު ބުނެދޭން، މީގެ ކުރިން ވެސް ނިހާން ވަނީ މެޑިކަލް ޗެކަޕް ހަދަން އިންޑިޔާއަށް ގޮސްފައި، މިފަހަރުވެސް ދިޔައީ ހަމަ އެއް ޗެކަޕްއެއް ހަދަން،" އަންޑޭ ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން "އަވަސް"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރު ހީނާ ވަލީދު ވިދާޅުވީ ނިހާންގެ މައްސަލަ ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އެ މައްސަލައާ ގުޅިގެން ނިހާން ވިދާޅުވީ އެއްވެސް މީހަކު ގައުމަކަށް ނާރުވާނަމަ އެކަން ކުރަން ޖެހޭ ސަބަބު ބަލަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުން އެކަން ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނިހާން ވަނީ ވިދާޅުވެފަ އެވެ.