ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ކަމަށް ހީކޮށް، އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން، އިންޑިއާގެ އެއާޕޯޓްގައި ހިފަހައްޓާ އޭނާއާ ސުވާލުކޮށްފި އެވެ.
ނިހާންގެ އާއިލާ ބޭފުޅަކު ވިދާޅުވީ ނިހާން އިއްޔެ އިންޑިއާއަށް ވަޑައިގެންނެވީ އާއިލާގެ ބޭފުޅަކާއެކު ބޭސްފަރުވާއަށް ކަމަށެވެ. ނަމަވެސް އިންޑިއާ އެއާޕޯޓުން ނިހާން ހިފަހައްޓާ ގިނަ އިރުތަކެއް ވަންދެން އޭނާއާ ސުވާލު ކޮށްފައިވާ ކަމަށެވެ.
ގާޒީ ނިހާންއާ ސުވާލު ކޮށްފައި ވަނީ ކުރީގެ މެންބަރު އަހުމަދު ނިހާން ކަމަށް ހީކޮށެވެ. އެގޮތުން ކުރީގެ މެންބަރު ނިހާންގެ ފޮޓޯ ދައްކާ އެއީ އޭނާތޯ ވަނީ ސުވާލު ކޮށްފަ އެވެ. އަދި ދުވަހަކު ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އުޅުއްވިންތޯ ވެސް ސުވާލު ކޮށްފައި ވެއެވެ.
އަދި ގާޒީ ނިހާން އޭނާގެ ކާޑު ދެއްކުމުން އިންޑިއާއަށް އެތެރެވާން ހުއްދަ ދިނީ އެއީ މެންބަރު ނިހާން ނޫންކަން ޔަގީން ކުރުމަށްފަހު އެވެ.
"އެ މީހުން ޔަގީންކުރި އެއީ ކުރީގެ އެމްޕީ ނޫންކަން. ވިއްސަކަށް މިނެޓް ވަންދެން އެކި ސުވާލުތައް ކުރީ. ފުރަތަމަ އަސްލު ނޭންގުނު ހިފެހެއްޓީ ކީއްވެގެން ކަމެއްވެސް. ކުރީގެ އެމްޕީގެ ފޮޓޯ ދައްކާފައި އެއީ އިންޑިއާއަށް ނޭރޭނެ މީހެކޭ ބުނުމުން އެނގުނީ. ފަހުން މައާފަށްވެސް އެދުނު،" ނިހާންގެ އާއިލާގެ މެންބަރަކު ބުންޏެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ބޭސްފަރުވާއަށް އިންޑިއާގެ ޗެންނާއީ އަށް ވަޑައިގަތުމުން އެ ގައުމަށް ވަނުމުގެ ހުއްދަ ނުދީ ފޮނުވާލާފައެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އޭނާ ޗެންނާއީއަށް ދިޔައީ ސައިނަސްގެ މައްސަލައެއްގައި އަބަދު ވެސް އިންޑިޔާއިން ހަދަމުން އައި ރޫޓިން މެޑިކަލް ޗެކަޕެއް ހަދާށެވެ.