ހަބަރު

އިންޑިޔާއަށް އެރި ރުޅިގަނޑު މައިތިރިވެ ނިހާން އަމާން ދީފި!

ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މިދިޔަ ހޯމަ ދުވަހު އިންޑިޔާއަށް ވަޑައިގަންނަން އުޅުމުން އެމަނިކުފާނު ވަނަ ނުދީ ހިފަހައްޓާ އެތަށް ގަޑިއިރަކު މަޑު ކުރުމަށް ފަހު އަނބުރާ ފޮނުވާލި މައްސަލާގައި ނިހާން ވަނީ މީޑިއާތަކުގެ ކުރިމަތީ އިންޑިޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އިންޑިޔާގެ އެމްބަސީ ކުރިމަތީގައި ހުންނަ ޖެން ހޮޓަލުގެ ބޭރުގައި ނޫސްވެރިންނަށް ވާހަކަދައްކަވަމުން ނިހާން ވަނީ ހެއްކާ ގަރީނާއައެކު އޭނާ އިންޑިޔާއަށް ނާރުވަންވީ ސަބަބެއް ނެތްކަން ދައްކާ އެއީ ބުލީ ކުރުމުގެ ގޮތުން ކުރި ކަމެއް ގޮތުގައި އިންޑިއާގެ އެ އަމަލު ސިފަކޮށްފަ އެވެ.

އިންޑިޔާއަށް ނުވެއްދި މައްސަލާގައި އެ ގައުމަށް ބަހުގެ ހަމަލާތަކެއް ފޮނުވަމުން ނިހާން ވިދާޅުވި ގޮތުގައި އެއީ އޭނާ ކޮންމެހެން ދާން ޖެހޭ ގައުމެއް ނޫނެވެ. އަދި އެތެރެވިޔަ ނުދިނުމުން ދެރަވެސް ނުވެ އެވެ. އަދި އިންޑިޔާއަކީ "މައްކާ އަދި މަދީނާ" އެއް ނޫން ކަމަށް ވެސް ވިދާޅުވެ ނިހާން ވަނީ ރުޅިގަނޑު ބާލުވާލައިފަ އެވެ. އަދި އެ މައްސަލާގައި އޭނާއަށް ފާޑު ވިދާޅުވި އިދިކޮޅު ފަރާތްތަކާ ވެސް ވަނީ ޓްވިޓާގެ ތެރޭގައި ވަރުގަދަ ޒުވާނެއް ހިންގައިވައިފަ އެވެ.

އެ މައްސަލަ ފެންމަތިވެ، އިންޑިޔާގެ އެކްސްޓާނަލް އެފެއާޒްއާ ހަމަޔަށް ވެސް ގޮސްފައި ވަނިކޮށް ނިހާން މިރޭ އަނެއްކާވެސް ވަނީ ޓްވީޓެއް ކުރައްވައިފަ އެވެ. ނަމަވެސް މިފަހަރުގެ ޓްވީޓުގެ "ރާގު" މުޅިން އޮތީ ބަދަލުވެފަ އެވެ. އިންޑިޔާ އާއި ރާއްޖޭގެ ދިދައިގެ ދެމެދުގައި ސަލާން ކުރާ އިމޯޖީ ޖެހުމަށް ފަހު ނިހާން ހިންދީ ބަހުން ވިދާޅުވީ "ޔޭ ދޯސްތީ ހަމް ނެހީ ތޯޑެނގޭ" އެވެ. މާނައަކީ މި އެކުވެރިކަމެއް ދުވަހަކުވެސް ދޫކޮށް ނުލާނަމެވެ. -- އެއީ އެކުވެރިކަން ދައްކުވައިދޭ އިންޑިޔާގެ މަޝްހޫރު ލަވައެއްގެ ކަޑިއެކެވެ. --

ނިހާން ކުރެއްވި ޓްވީޓް

ނިހާން އަނބުރާ ރާއްޖެ ފޮނުވާލި ސަބަބެއް މިހާތަނަކަށް އިންޑިޔާއިން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް އިން ވަނީ އެ މައްސަލާގައި ވަރަށް ފިނި ރައްދެއް ދީފަ އެވެ. އެގައުމުން ބުނީ ނިހާންއަށް އެކަން ދިމާވާން މެދުވެރިވީ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ވެސް އަންނަނީ އެކަން ހިނގަން މެދުވެރިވި ގޮތް ބަލަމުންނެވެ.