ހަބަރު

ކޯލިޝަނުން ހަދާ އެއްޗެއް ނޭންގި، އަދާލަތަކަށް ގޮތެއް ނުނިންމުނު!

ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ނުކުންނަން އިދިކޮޅު ޕާޓީތަކުން ގެންގުޅޭނެ ސިޔާސަތެއް މުޅިން ސާފު ނުވާތީ އަދާލަތު ޕާޓީއިން ރޭ ބޭއްވި މަޝްވަރާ މަޖިލީހުގެ ސިއްރު ބައްދަލުވުމުގައި ވެސް ރިޔާސީ އިންތިހާބާ ބެހޭ ކަންކަމުގައި އެ ޕާޓީއަށް ގޮތްތަކެއް ނުނިންމުމުކަން "އަވަސް"އަށް ކަށަވަރު ވެއްޖެ އެވެ.

އަދާލަތު ޕާޓީ އިން ރޭ ވަނީ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މުހިންމު ނިންމުންތަކެއް ނިންމުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ސިއްރު ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތެއް ނަން ހާމަ ނުކުރާ ގޮތަށް "އަވަސް"އާ ވާހަކަދައްކަވަމުން ވިދާޅުވީ ރޭގެ ބައްދަލުވުމުގައި މަޝްވަރާ ކުރީ އިދިކޮޅު ޕާޓީތަކާ ބެހޭ ގޮތުންނާއި އިލެކްޝަން ކޮމިޝަން (އީސީ)ގެ އަމަލުތައް ހުރި ގޮތާ ބެހޭ ގޮތުން ކަމަށެވެ. އެގޮތުން އެ ސިއްރު ބައްދަލުވުން ގިނަ ވަގުތުތަކަށް ދެމިގެން ގޮސް ވަރަށް ހޫނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާޓީތަކާ ގުޅޭ ގޮތުން ކުރެވުނު މަޝްވަރާގައި މައިގަނޑު ކަންބޮޑުވުމަކަށްވީ އިދިކޮޅު ޕާޓީތަކުން ރިޔާސީ އިންތިހާބާ ގުޅިގެން ހަދަން އުޅޭ އެއްޗެއް ސާފު ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މައްސަލާގައި މެންބަރުންގެ މެދުގައި ހޫނު ބަހުސްތައް ކުރެވުނު ކަމަށާއި އެކަމާ ހެދި އިންތިހާބާ ގުޅެ ގޮތުން ނިންމަން ޖެހޭ އެއްވެސް ނިންމުމެއް ރޭގެ ބައްދަލުވުމުގައި ނުނިންމުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޯލިޝާނުން އިންތިހާބުގައި ހަދަން އުޅޭ އެއްޗެއް ނޭންގޭ، އެއްކޮށް ވާދަ ކުރުމަކީ ވެސް އޮތް ކަމެއް ކަން ރަނގަޅަށް ސާފު ނުވާ ހިސާބުގައި އޮތީ،" އޮފިޝަލް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓެއް ނެރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އިދިކޮޅު އެންމެ ބޮޑު ދެ ޕާޓީ އެމްޑީޕީ އާއި ޖޭޕީ އިން ވަކީ ވަކިން ކެމްޕެއިންގެ މަސައްކަތްތައް ފަށައިފަ އެވެ. އެއާއެކު ކޯލިޝަން އަދިވެސް އޮތީ ބަދަހިކޮށް ކަމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް އިދިކޮޅުން އަދިވެސް ބުނަމުން އަންނަނީ އެއް ކެންޑިޑޭޓަކު ނެރެވޭނެ ކަމަށެވެ.