ރައީސް މުހައްމަދު ނަޝީދު

ޕާޓީތަކުން އިބޫގެ ކެބިނެޓަށް "ސަވާރުވާން" އުޅެގެން ނުވާނެ: ނަޝީދު

އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރައިސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބީ ކޯލިޝަނެއްގެ ތެރެއިން ކަމަށްވީ ނަމަވެސް އެމަނިކުފާނު އެކުލަވާލާ ކެބިނެޓް ވެގެން ދާނީ އެމަނިކުފާނު އިހްތިޔާރު ކުރައްވާ ކެބިނެޓަކަަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު އިބޫގެ ކެބިނެޓް ވަނީ ކޯލިޝަން ހަތަރު ޕާޓީގެ މެދުގައި ބަހާލާފަ އެވެ. އެމްޑީޕީއަށް ކެބިނެޓްގެ 40 ޕަސެންޓް ދޭން ނިންމާފައިވާއިރު ޖުމްހޫރީ ޕާޓީއަށް ދެނީ 25 ޕަސެންޓެވެ. ކެބިނެޓްގެ 20 ޕަސެންޓް ރައީސް މައުމޫންއަށް އޮތްއިރު އަދާލަތު ޕާޓީއަށް އޮތީ 15 ޕަސެންޓެވެ. ކެބިނެޓްގައި ހިމަނަން ޕާޓީތަކުން ބޭނުންވާ ނަންތައް ފޮނުވުމަށް އިބޫ އެދިވަޑައިގެންފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

އއ. އުކުޅަހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިބޫ އިންތިހާބު ކުރުމަށް ޕާޓީތައް ގުޅިގެން ކުރި މަސައްކަތް ކާމިޔާބުވެފައިވާއިރު މިހާރު އިބޫގެ މަސައްކަތްޕުޅަކީ އެމަނިކުފާނުގެ ކެބިނެޓެއް ގާއިމްކުރުން ކަމަށެވެ. އެމަނިކުފާނު އެ މަސައްކަތްޕުޅު ކުރައްވާއިރު އެންމެން ވެސް ހަނދާން ބަހައްޓަންވީ އަސްލުތަކެއް އެބަހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން ވަޒީރުންގެ މަޖިލީހަކީ ރައިސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތާއި ޒިންމާ އަދި ރައިސުލްޖުމްހޫރިއްޔާގެ ހައްގެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

"ތެދުފުޅެއް ރައިސުލްޖުމްހޫރިއްޔާ އިންތިހާބުވެވަޑައިގެންނެވީ އިއްތިހާދަކުން ކަމަަށް، އެހެންނަމަވެސް ރައިސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ ވަޒީރުންގެ މަޖިލީހަކީ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހެއް، އެއީ އެމަނިކުފާނުގެ ގާނޫނީ ހައްގެއް، ކޮންމެ ހައްގަކާއެކު ޒިންމާއަކާއެކު އެކުލެވޭ އަސްލެއް،"

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އިބޫ ކެބިނެޓް އެކުލަވާލަން މަސައްކަތްޕުޅު ކުރައްވާއިރު ޕާޓީތަކުން އެ މައްޗަށް "ސަވާރުވުމަށް" ނުވަތަ ބުރަވުމަށްމަސައްކަތް ކުރުމަކީ ގާނޫނުތައް ވެސް އަދި އާންމު އަހްލާގު ވެސް ތަންދޭ ކަމެއް ނޫނެވެ.

"ތަކުރާރުކޮށް އަޅުގަނޑު ދަންނަވާނަން، ތެދުފުޅެއް ރައިސުލްޖުމްހޫރިއްޔާ އެނގިވަޑައިގަންނަވާނެ ރައިސުލްޖުމްހޫރިއްޔާ އިންތިހާބުވެވަޑައިގެންނެވީ އިއްތިހާދަކުންކަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކަށް ވެސް އަދި އަޅުގަނޑުމެން އެކަކަށް ވެސް އެ ހަގީގެއް ނޯޅޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެމަނިކުފާނު ވަޒީރުންގެ މަޖިލިސް އެކުލަވާލައްވަނީ އެ ހަގީގަތް އެނގިވަޑައިގެން ހުންނަވާ، އެހެންނަމަވެސް އެމަނިކުފާނު އެކުލަވާލައްވަނީ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހެއް، އުފައްދަވާނީ އެމަނިކުފާނު ރިޔާސަތު އަދާކުރައްވާ އެމަނިކުފާނުގެ ސަރުކާރެއް، އެ ސަރުކާރު ހިމެނިގެން ވާނީ ޝައްކެއް ވެސް ނެތް ގޮތުގައި އިއްތިހާދުގެ ވިސްނުން، އިއްތިހާދުގެ ތަސައްވުރު، އިއްތިހާދުގެ އުއްމީދުތައް އެކުލެވޭ ސަރުކާރެއް،"

ރައީސް ނަޝީދު ވިދާޅުވީ އިބޫ އެކުލަވާލައްވާ އިއްތިހާދުގެ ތަސައްވުރެއްވާ ކަމަށާއި އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެކަމަށްޓަކައި އެކުލަވާލާ ސަރުކާރުގެ ކޮންމެ މަގާމަކީ ވެސް ހުދު އިބޫ އައްޔަން ކުރައްވާ
މަގާމަކަށް ވެގެންދާނެ ކަމަށެވެ.