އިޒްރޭލާއެކު މިއަންނަ ހޮނިހިރު ދުވަހު އާޖެންޓީނާ ކުޅެން ހަމަޖެއްސި މެޗު ނުކުޅޭ ގޮތަށް އާޖެންޓީނާގެ ޓީމުން ނިންމުމުން ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އާއި ޓީމަށް ތައުރީފު އައްސަން ފަށައިފި އެވެ.
އިޒްރޭލާ އާޖެންޓީނާގެ މެޗު ކުޅެން އިޒްރޭލްގެ ފުޓްބޯޅަ ފެޑްރޭޝަނުން ހަމަޖައްސާފައި އޮތީ ގުދުސްގަ އެވެ. އާޖެންޓީނާ އާއި އިޒްރޭލްގެ މެޗު ކުޅެން ހަމަޖެއްސުމުން އެކަމާ ދެކޮޅަށް އެންމެ ފުރަތަމަ މުޒާހަރާ ކުރަން ފެށީވެސް އާޖެންޓީނާގެ ރައްޔިތުންނެވެ.
އާޖެންޓީނާގެ ފުޓްބޯޅަ ސަޕޯޓަރުން ނުކުމެ، ވެރިރަށް ބިއުނަސްއައިރީސްގައި ހުންނަ އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން ކުރިމަތީ މިދިޔަ މަހު ފަހު ކޮޅު އާޖެންޓީނާގެ ސަޕޯޓަރުން ވަނީ އިޒްރޭލް މެޗު ކެންސަލް ކުރުމަށް ގޮވާލައި މުޒާހަރާ ކޮށްފަ އެވެ.
މިދިޔަ ހަފުތާގައި ފަލަސްތީން ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް ޖިބްރީލް ރަޖޫބު ވަނީ މެޗު ކުޅެން ގުދުސް އަށް ނުދިއުމަށް އާޖެންޓީނާގެ ޓީމަށާއި މެސީއަށް ގޮވާލާފަ އެވެ.
"މެސީ އަށް ސަޕޯޓް ކުރާ އެތައް މިލިއަން ބަޔަކު އަރަބި އަދި މުސްލިމް ދުނިޔޭގައި ހިމެނޭ، އެ ފަރާތްތަކުން ނޭދޭ މެސީ ގުދުސަށް އައިސް އިޒްރޭލް މެޗުގައި ބައިވެރިވާކަށް،" ޖިބްރީލް ވިދާޅުވެފައި ވެއެވެ. "އަހަރެމެން އުންމީދު ކުރަނީ އިޒްރޭލާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް މެސީ ނާންނާނެ ކަމަށް."
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އާޖެންޓީނާގެ ކޯޗް ސަމްޕައޮލީ ވަނީ މާކުރިން ވެސް އިޒްރޭލް މެޗަށް ޝައުގުވެރި ނުވާކަން ހާމަ ކޮށްފަ އެވެ. އާޖެންޓީނާގެ ފޯވަޑް ގޮންޒާލާ ހިގުއައިން އީއެސްޕީއެންގައި ބުނެފައި ވަނީ މެޗު ކެންސަލް ކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
މެޗު ކެންސަލް ކުރުމުން، ޖިބްރީލް ރަޖޫބް ވަނީ އާޖެންޓީނާ އާއި މެސީ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އޭނާ މެސީ ސިފަ ކޮށްފައި ވަނީ "ސުލްހައިގެ ސިމްބަލް" އެއްގޮތަށެވެ.