ދުނިޔެ

ދެކުނު އޭޝިއާގެ އެންމެ އުސް އިމާރާތް ލަންކާގައި އަޅަނީ

ދެކުނު އޭޝިއާ ސަރަހައްދުގައި މިހާތަނަށް ބިނާކުރާ އެންމެ އުސް އިމާރާތް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި އަޅަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކޮށްފި އެވެ.

ކޮލަމްބޯ ގެޒެޓް ނޫހުން ބުނީ ލަންކާގެ ވަން ޓްރާންސްވޯކްސް ސްކޮޔާ ޕްރައިވެޓް ލިމިޓެޑުން އަޅާ އެ އިމާރާތުގެ އުސްމިނުގައި 376 މީޓަރު ހުންނަ އިރު އެތަނުގައި 92 ފަންގިފިލާ ހުންނާނެ ކަމަށެވެ. އެތަން އިމާރާތް ކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ޒޯންގް ޓިއާން ޑިންހުއި (ޒެޑްޓީޑީއެޗް) ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

ކޮލަމްބޯ1 ގެ ޓްރާންސްވޯކްސް ސްކޮޔާގައި އަޅާ އެ އިމާރާތުގައި ތިން ޓަވަރުު ހުންނަ އިރު އެތަނުގައި ހުންނާނެ އެންމެ މަޝްހޫރު ދެ ތަނަކީ ރިޒްކާލްޓަން އަދި ދަ ރިޒްކާލްޓަން ރެސިޑެންސް އެވެ. އޭގެ އިތުރުން އެތަނުގައި ބައެއް އޮފީސްތަކާއި ލަގްޒަރީ ޝޮޕިންމޯލަކާއި މަލްޓި ސްޓޯރީ ކާޕާކެއް ވެސް ހުންނާނެ ކަމަށް ޓްރާންސްވޯކްސް ސްކޮޔާ ޕްރައިވެޓްލިމިޓެޑާ ހަވާލާދީ ނޫހުން ބުންޏެވެ.

ދަ ރިޒްކާލްޓަން ހޮޓެލްއާއި ދަ ރިޒްކާލްޓަން ރެސިޑެންސް ހުންނާނީ އިމާރާތުގެ ތިން ޓަވަރުގެ ތެރެއިން ދަ "ރިޒްކާލްޓަން ޓަވާ" ގެ ނަންދީފައިވާ ދެ ޓަވަރުގަ އެވެ. އެއިން ކޮންމެ ޓަވަރެއްގެ އުސްމިނުގައި 326 މީޓަރު ހުންނަ އިރު 80 ފަންގިފިލާ ހުންނާނެ އެވެ.