ކުޅިވަރު

ސަލާހްއަށް އަނިޔާއެއް ނުދެން، އެލިގަތީ އޭނަ: ރާމޯސް

ޗެމްޕިއަންސް ލީގް ފައިނަލުގައި، އަނިޔާ ވެގެން ބާލަން ޖެހުނު ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހްއަށް އަނިޔާވުމާއި، ލިވަޕޫލްގެ ކީޕަރު ލޮރިސް ކައުރިއަސްއަށް ކުރިމަތިވި މައްސަލައާ ބެހޭގޮތުން ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފި އެވެ.

ސަލާހް އަށް އަނިޔާވީ، ރާމޮސްއާ ދެކުޅުންތެރިން ކުރި ޗެލެންޖެއްގަ އެވެ. ރާމޮސް ބުނީ ސަލާހްއަށް އަނިޔާވީ އޭނާ އާ ހެދި ނޫން ކަމަށެވެ. ސަލާހް އަށް އަނިޔާ ވުމާ ގުޅިގެން ގިނަ ބަައެއްގެ ފާޑު ކިޔުން ރާމޯސްއަށް އަމާޒުވި އެވެ. ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ އެދުވަސްވަރު ރާމޯސްގެ ފޯނަށް އިންޒާރުގެ މެސެޖުތައްވެސް އައި ކަމަށެވެ.

"ސަލާހްގެ މައްސަލައަށް އެމީހުން ވަރަށް ބޮޑު ސަމާލު ކަމެއް ގެނައި،" ސްޕެއިންގެ ވޯލްޑްކަޕު ސްކޮޑު މީޑިއާއަށް ތާރަފު ކުރުމަށް ބޭއްވި އިވެންޓްގައި ވާހަކަ ދައްކަމުން ސްޕެއިންގެ ކެޕްޓަން ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން އެ ވާހަކަ ދައްކާކަށް އެ މައްސަލައާ ބެހޭގޮތުން އަސްލަށް ވުރެ ބޮޑުކޮށްގެންވެސް ވާހަކަ ދައްކައިފި، ނަމަވެސް މެޗުގެ ވީޑިއޯ ބަލައިފިނަމަ ފެނިގެންދާނެ އަހަރެންގެ އަތުގައި އެލިގަތީ އޭނާ، އަދި އަހަރެން ވެއްޓުނީ އަނެއް ފަރާތަށް."

"ހަގީގަތުގައި އަނިޔާވީ އޭނާގެ އަނެއް އަތަށް އެކަމަކު އެމީހުން ބުނަނީ އަހަރެން އޭނާ ޖޫޑޯ ޖެއްސީ ކަމަށް."

އެ މެޗުގައި ރާމޯސްގެ އޮޅަނބޮށިން، ކީޕަރު ކައުރިސްގެ މޫނު މަތީގައި ޖެހުނެވެ. ރާމޯސް ބުނީ އެ މެޗުގައި ކައުރިސްއަށް އަސަރު ކުރީ އޭނާ ހެދި ގޮތުން ކަމަށް ވާހަކަ ދައްކާ ކަމަށެވެ.

"އަހަންނަށް ހަމައެކަނި މަދުވި ވާހަކަ އަކީ ރޮބާޓޯ ފިރުމީނޯ އަށް ހުން އައީ އަހަރެންގެ ދާތިއްކެއް އޭނާގެ ގައިގައި ޖެހުމުންނޭ."

ރާމޯސް ބުނީ، މެޗުގައި އިންޖެކްޝަނެއް ޖަހައިލައިގެން ސަލާހް އަށް މެޗު ކުޅެވުނިސް ކަމަށެވެ. އޭނާ ބުނީ ސަލާހްއަށް އޭނާ މެސެޖު ކުރި ކަމަށާއި އޭނާ ހުރީ ހަމަޖެހިގެން ކަމަށެވެ.