މިހާރު ކުޅެމުން ގެންދާ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓްގެ ދެ ވަނައިގައި އޮތް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ އަރާ ހަމަ ކުރުމާ ވަރަށް ގާތަށް އިންޑިއާގެ ކެޕްޓަން ސްނިލް ޗެތުރީ ޖެހިލައިފި އެވެ.
މެސީ އާއި ޗެތުރީ އާ ދެމެދު މިހާރު އޮތީ ތިން ގޯލްގެ ތަފާތެވެ. މެސީ ގައުމީ ޓީމަށް ޖަހައދި ދީފައި ވަނީ 64 ލަނޑެވެ. އިންޑިއާގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ކަޕުގައި ޗެތުރީ މިހާތަނަށް ޖެހި ފަސް ލަނޑާއެކު އޭނާ ވަނީ އިންޑިއާގެ ގައުމީ ޓީމަށް 61 ލަނޑު ޖަހައިދީފަ އެވެ.
ހަތަރު ގައުމު ވާދަ ކުރާ އިންޓަނޭޝަނަލް ކަޕުގައި، ހޯމަ ދުވަހު ކެންޔާ އާ ދެކޮޅަށް އިންޑިއާ 3-0 މޮޅުވި މެޗުގައި ޗެތުރީ ވަނީ އިންޑިއާ އަށް ދެ ލަނޑު ޖަހަިއދީފަ އެވެ. އެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޗައިނީޒް ޓައިޕޭ ކޮޅަށް އިންޑިއާއިން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި ހެޓްރިކު ހެދީ ޗެތުރީ އެވެ.
މި އަންނަ ހޮނިހިރު ދުވަހު އިޒްރޭލާ ދެކޮޅަށް އާޖެންޓީނާ ކުޅެން ހަމަޖެއްސި މެޗު ވަނީ ކެންސަލް ކޮށްފަ އެވެ. އެހެންވެ ވޯލްޑްކަޕުގެ ކުރިން މެސީ ލަނޑު ލިސްޓްގައި އިތުރަށް ކުރިއަށް ޖެހުމުގެ ފުރުސަތު މިހާރު ވަނީ ހަނި ވެފަ އެވެ.
އިންޑިއާގައި ކުރިއަށްދާ އިންޓަނޭޝަނަލް ކަޕުގެ ގުރޫޕް ސްޓޭޖު އިންޑިއާގެ އެންމެ ފަހު މެޗުގައި އެ ޓީމު ނިކުންނާނީ ނިއުޒިލެންޑާ ދެކޮޅަށެވެ. އެ މެޗުން މެސީ އާ އެއްވަރު ކުރުން ނުވަތަ މެސީ ފަހަތަށް ޖައްސާލުމުގެ ފުރުސަތު ޗެތުރީ،33 އަށް އެބައޮތެވެ. މިހާރު ކުޅެމުންގެންދާ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހަިއދިން ކުޅުންތެރިންގެ ލިސްޓްގެ ކުރީގައި އޮތީ ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިން
- ކްރިސްޓިއާނޯ ރޮނާލްޑޯ - ޕޯޗުގަލް: 81 ގޯލް
- ލިއޮނަލް މެސީ - އާޖެންޓީނާ: 64 ގޯލް
- ސުނިލް ޗެތުރީ - އިންޑިއާ: 61 ގޯލް
- ޑޭވިޑް ވިޔާ - ސްޕެއިން: 59 ގޯލް
- ކްލައިންޓް ޑެމްސީ - އެމެރިކާ: 57 ގޯލް