ސުނިލް ޗެތުރީ

އިންޑިއާގެ ފިރިހެން ޓީމަށްވުރެ އަންހެން ޓީމު މޮޅު: ޗެތުރީ

އިންޑިއާގެ ގައުމީ ފިރިހެން ޓީމަށްވުރެ، އަންހެން ގައުމީ ޓީމު މޮޅު ކަމަށް، އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފި އެވެ.

އިންޑިއާގެ އަންހެން ޓީމުން ވަނީ، މިދިޔަ މަހު ނޭޕާލްގައި ބޭއްވި އަންހެން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ. މިދިޔަ އަހަރު ބޭއްވި ފިރިހެން ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފިރިހެން ޓީމަށް ކުރިމަތިވީ ނާކާމިޔާބެވެ. ފިރިހެން މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިވީ، ރާއްޖެ އަތުންނެވެ.

އަންހެން ޓީމު ހޯދި ކާމިޔާބު ފާހަގަ ކުރަމުން އިންޑިއާގެ ކެޕްޓަން ބުނީ، އިންޑިއާގެ ފިރިހެން ޓީމަށް ވުރެ އަންހެން ޓީމު މޮޅުކަން އޭނާ ފާހަގަ ކުރާ ކަމަށެވެ. އަންނަ އަހަރު ބާއްވާ އޮލިމްޕިކްސްގެ ކޮލިފިކޭޝަންގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި އިންޑޮނޭޝިއާ އާ ދެކޮޅަށް ކުޅޭ މެޗު މިއަންނަ ބުދަ ދުވަހު އޮންނާނެ އެވެ. އިންޑިއާ ހިމެނޭ ގުރޫޕް އޭ ގެ ކޮލިފައިން ކުރިއަށްދާނީ މިޔަންމާގަ އެވެ.

"އަހަރެން ވަރަށް ބޮޑަށް ފަހްރުވެރިވަން އިންޑިއާގެ ޓީމު ހޯދި ކާމިޔާބަށް،" ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ އަންހެން ޓީމު ހޯދި ކާމިޔާބަށް އިޝާރާތްކޮށް ޗެތުރީ ބުނެފައި ވެއެވެ. "އަހަރެން އަބަދުވެސް ފާހަގަ ކުރަން އަންހެން ޓީމު މާ ރަނގަޅަށް ކުރިއަށް ގެންދޭ ފިރިހެން ޓީމަށް ވުރެވެސް، މިޔަންމާގެ ކޮލިފިކޭޝަންގައި ކާމިޔާބަށް އެދެން."

އިންޑިއާގެ ފިރިހެން ޓީމު އޮތީ ދުނިޔޭގެ ރޭންކިންގެ 103 ވަނައިގަ އެވެ. އެއީ 211 ގައުމުގެ ތެރެއިންނެވެ. އަންހެން ޓީމު އޮތީ، ރޭންކިންގެ 62 ވަނައިގަ އެވެ. އެއީ 152 ގައުމުގެ ތެރެއިންނެވެ.