ވިޔަފާރި

އިންޑިޔާ އިން އެއްލައްކަ ޓޫރިސްޓުން ގެނައުން މަޓާޓޯގެ އަމާޒެއް

Jun 6, 2018
2

އިންޑިޔާ އިން މި އަހަރުގެ ނިޔަލަށް އެއްލައްކަ ޓޫރިސްޓުން ގެންނަން ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ އިން އަމާޒު ހިފައި، ގިނަ މަސައްކަތް ތަކެއް ފަށައިފި އެވެ.

ރާއްޖޭގެ ޓްރެވަލް އެޖެންޓުންޓުގެ ޖަމިއްޔާ މަޓާޓޯ އިން ބުނީ މިދިޔަ އަހަރު އިންޑިޔާއިން 83,019 މީހުން ޒިޔާރަތް ކޮށް، ރާއްޖެ އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 14 ޕަސެންޓް އިތުރުވެގެން ދިޔަ ކަމަށެވެ. އެހެންކަމުން އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރަން ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ ޓޫރިސްޓުން އިތުރު ކުރަން އެ ޖަމިއްޔާއިން ކުރާ މަސައްކަތްތަކުގައި ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބޭ ކަމަށެވެ.

"ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ދަނީ ލިބެމުން. އަޅުގަނޑުމެން މިތިބީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް،" އަބްދުﷲ ވިދާޅުވި އެވެ.

މަޓާޓޯއިން ވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އަވަށްޓެރި އިންޑިޔާގައި ވޭތުވެދިޔަ ދެ އަހަރު ވެސް ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ.

މަޓާޓޯއިން އިންޑިޔާގައި ހިންގި ހަރަކާތްތައް

  • ސަޓޭ ފެއާ އިންޑިޔާ ފެއާ 2016
  • ބީއައިޓީބީ ނިއުދިއްލީ 2016
  • އިންޑިއާ އިންޓަނޭޝަނަލް ޓްރެވަލް މާޓް (އައިއައިޓީއެމް) 2017
  • ސަޓޭ އިންޑިޔާ 2017

މަޓާޓޯ އިން މީގެ އިތުރުން ވަނީ އަމިއްލަ އަށް އިންތިޒާމުކޮށްގެން މި އަހަރު މާޗް މަހު އިންޑިޔާގެ ތިން ސިޓީއެއްގައި ރޯޑްޝޯވް ތަކެއް ވެސް ބާއްވާފަ އެވެ. އަދި މިދިޔަ މަހު މޯލްޑިވިއަން ނައިޓެއް ވެސް މުމްބާއީގައި ބޭއްވި އެވެ.

އިންޑިޔާ ޓޫރިޒަމްގެ އެންމެ ބޮޑު ދެ ޖަމިއްޔާ ކަމަށްވާ ޓްރެވަލް އެޖެންޓް ފެޑަރޭޝަން އޮފް އިންޑިއާ (ޓީއޭއެފްއައި) އާ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ ސަބަބުން ގިނަ އަދަދެއްގެ އިންޑިޔާ މީހުން ރާއްޖެއަށް ޝައުގުވެރި ކުރުވޭނެ ކަމަށް މަޓާޓޯއިން ދެކެއެވެ.މީގެ އިތުރުން މި އަހަރުގެ ޖުލައި މަހުގެ 27-29 އަށް ބެންގަލޫރުގައިވެސް ރޯޑްޝޯއެއް ބާއްވަން މަޓާޓޯއިން ދަނީ ތައްޔާރު ވަމުންނެވެ.