ސުޕްރީމް ކޯޓުގައި ގާއިމްކޮށްފައިވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ހިދުމަތް ކަނޑާލި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދުގެ މައްޗަށް ހުކުމް އިއްވުން މާދަމާ ހައިކޯޓުގައި ތާވަލުކޮށްފި އެވެ. އެ މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުން ނިންމާލީ މިދިޔަ ހަފުތާ އެވެ.
ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީތަކެއް ބަލައިނުގަތުމަށް ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރާ ނިޒާމް، ފެބްރުއަރީ މަހުގެ ހަތަރެއް އަދި ފަސް ވަނަ ދުވަހު ޖެމްސް ހުއްޓުވާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެ އެމަނިކުފާނަށް ކުރިމިނަލް ކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
މައްސަލަ އުއްތަމަ ފަނޑިޔާރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން އަޑުއެހުންތައް ބޭއްވީ ދެ ދުވަހު އެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލިސް ބަލަހައްޓަނީ ތިން ފަނޑިޔާރުންގެ ބެންޗަކުން ނެވެ. އެއީ ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހަސަން އަލީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެވެ.
ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހާ ގުޅިގެން 10 ދުވަސް ތެރޭގައި ފަނޑިޔާރުންނަށް އިއްވާ ހުކުމްރައް ހައިކޯޓުގައި އިސްތިއުނާފު ކުރައްވަންޖެހޭނެ އެވެ. ހައިކޯޓުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާނަމަ އެކަމަށް ވެސް ލިބެނީ 10 ދުވަހެވެ. ސުޕްރީމް ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި ބުނެ އެވެ. ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ ދެ ބޭފުޅުންގެ ފަނޑިޔާރުކަން ވެސް އޮޓަމެޓިކުން ގެއްލޭނެ އެވެ.