ކުޅިވަރު

ބުފޮން ބަދަލުގައި ގެންނަނީ ޖެނޯއާގެ ޕެރިން

މިދިޔަ ސީޒަނަށް ފަހު ޔުވެންޓަސް ދޫކޮށްލި ގޯލްކީޕަރު ޖިއާންލުއީޖީ ބުފޮން ނެތްތަން ފޫބައްދަން ޖެނޯއާގެ ކީޕަރު މަޓިއާ ޕެރިން ގެނައުމަށް ޔުވެންޓަސްއިން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ޕެރިން،25 ގެނައުމަށް ޔުވެންޓަސްއިން ވަނީ ޖެނޯއާ އާއެކު 15 މިލިއަން ޔޫރޯގެ ޓްރާންސްފާގެ އެއްބަސްވުމަށް އައިސްފަ އެވެ. ފުރަތަމަ މަރުހަލާގެ އަގެއްގެ ގޮތުގައި 12 މިލިއަން ޔޫރޯ ޖެނޯއާއަށް ޔުވެންޓަސްއިން ދޭނެ އެވެ. އަދި ފަހުން ބޯނަސްގެ ގޮތުގައި ދޭ އިތުރު މިލިއަން ޔޫރޯ ވެސް ހިމެނެއެވެ.

އިޓަލީގެ ޖިއާންލުކަ ޑި މާޒިއޯ ނޫހުން ބުނެފައި ވަނީ އާންމުދަނީގެ ގޮތުގައި އަހަރަކު 2.5 މިލިއަން ޔޫރޯ ޕެރިން އަށް ދޭ ގޮތަށް 4 އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އޭގެ ކުރިން އޭނާގެ މެޑިކަލް ޓެސްޓްތައް ހެދުމަށް މާދާމާ ޓުރިން އަށް ދާނެ ކަމަށެވެ.

އިޓާލިއަން ލީގްގައި އޭނާ ކުޅެން ފެށީ 2011 ވަނަ އަހަރު އެވެ. އޭނާ ވަނީ ޖެނާއޯގެ ޓީމާއެކު 200 އާގާތްކުރާ އަދަދަކަށް މެޗު ކުޅެފަ އެވެ. ޔުވެންޓަސް އަށް ބަދަލުވި ނަމަވެސް އެ ޓީމުގެ ފުރަތަމަ 11 އޭނާ އަށް އަދި ޔަގީނެއް ނޫނެވެ. ފުރަތަމަ 11 އިން ޖާގަ ހޯދުމުގައި އޭނާ ވާދަ ކުރަން ޖެހޭނީ ޔުވެންޓަސްގެ ދެ ވަނަ ކީޕަރު ވޮއިޗެކް ސްޓޭންޝްނޭ އާއެވެ.