ވިޔަފާރި

މުހިންމު ބާވަތްތަކުގެ އަގުތައް މަތިވެއްޖެ

Jun 7, 2018
5

ރޯދަ މަސް ނިމެން ގާތްވާ ވަރަކަށް ބާޒާރުގައި މުހިންމު ބައެއް ބާވަތްތަކުގެ އަގުތައް ވަރަށް ބޮޑަށް މައްޗަށް ޖެހިލައިފި އެވެ.

ރޯދަ މަސް ނިމެންދާއިރު އަގުތައް އެންމެ ބޮޑަށް މަތިވެފައިވާ އެއް ބާވަތަކީ ކަރާ އެވެ. ރޯދަ މަސް ފެށުނުއިރު 35ރ. އަށް އަދި ފަހުން 20ރ. އަށް ކިލޯއެއް ލިބުނު ކަރާ މިހާރު ލިބެނީ ކިލޯއެއް 35ރ. އާއި 40ރ އަށެވެ. މީގެ އިތުރުން އަގުތައް މަތިވި އަނެއް ބާވަތަކީ މިރުހެވެ.

ރާއްޖޭގެ ހައްދާ ދިވެހި ގިތެޔޮ މިރުސް 100 ގްރާމް މިހާރު ލިބެން ހުރީ 50ރ. އަށް އަދި 60ރ. އަށެވެ. ދެން އަގު އެންމެ މަތީގައި އުޅެނީ ލެޓިއުސް އެވެ. ލެޓިއުސް ކިލޯއެއް ލިބެނީ 280ރ. އަށެވެ. މީގެ އިތުން ކައްޓަލަ އާއި ދަނޑިއަލުވި ފަދަ ބާވަތްތަކުގެ އަގުތައް ވެސް ހުރީ މަތީގަ އެވެ.

މާރުކޭޓުގެ ގޮޅިތައް ހިންގާ މީހުން ބުނާ ގޮތުގައި ބައެއް ބާވަތްތަކުގެ އަގުތައް މަތިވެގެންދަނީ ބައެއް ބާވަތްތައް ލިބުން ދަތިވުމުންނެވެ.

"ކަރާ މިހާރު ލިބެނީ ވަރަށް މަދުން. އެހެންވެ މުޅި ބާޒާރުގައި ވެސް އަގު ބޮޑުކޮށް އުޅެނީ. ދެން ހީވަނީ ރޯދަ މަސް ނިމެންވާއިރަށް ގިނަ ބާވަތްތަކުގެ އަގުތައް މަތިވާނެހެން،" ގޮޅިއެއްގައި ހުރި މީހަކު މިއަދު ބުންޏެވެ.

ރޯދަ މަސް ނިމެންދާއިރު، ބައެއް ބާވަތްތަކުގެ އަގުތައް މަތިވެގެން ދިޔަނަމަވެސް، އެހެން އަހަރުތަކުގައި ރޯދަ މަހުގެ ފަހުކޮޅު އަގުތައް ވަނީ ދަށެވެ. ހާއްސަކޮށް ކޮންމެ ރޯދަ މަހަކުވެސް ފަހުކޮޅަށް ދާވަރަކަށް ކަރާގެ އަގު ދަށަށް ދެ އެވެ.