ކުޅިވަރު

ޕޯޓޯގެ ޒުވާން ޑިފެންޑަރު ޔުނައިޓަޑަށް

ޕޯޗުގަލްގެ އެފްސީ ޕޯޓޯއަށް ކުޅުނު ޒުވާން ޑިފެންޑަރު ޑިއޯގޯ ޑަލޮޓް މެންޗެސްޓާ ޔުނައިޓަޑަށް ބަދަލު ވެއްޖެ އެވެ. އޭނާ ވަނީ ޔުނައިޓަޑާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

ޑޮލޮޓް،19 އަކީ ޕޯޗްގަލްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުންތެރިޔެކެވެ. މިދިޔަ އަހަރު ބޭއްވި 21 އަހަރުން ދަށުގެ ޔޫރޯގައި ޑަލޮޓް ވަނީ ޕޯޗްގަލްގެ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

އިނގިރޭސި ސަޕޯޓަރުންނަށް އޭނާގެ ކުޅުން އެންމެ ފުރަތަމަ ފަހަގަ ކުރެވުނީ، ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގެ ދެ ވަނަ ލެގް މެޗުގައި ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި އެ ޓީމާ ދެކޮޅަށް ޕޯޓޯ ކުޅުނު މެޗުގަ އެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

އޭނާ ބުނީ ޔުނައިތަޑަށް ބަދަލުވެ، އޭނާއާ އެއް ގައުމަކަށް ނިސްބަތްވާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ އާއެކު މަސައްކަތް ކުރުމަކީ އޭނާ އަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

"މެންޗެސްޓާ ޔުނައިޓަޑާ ގުޅުމުގެ ފުރުސަތު ލިބުމަކީ އަހަންނަށް ގަބޫލު ކުރަން ފަސޭހަ ކަމަކަށް ނުވި،" ޑަލޮޓް ބުންޏެވެ." އަހަރެން ހުނަރު ތަރައްގީ ވަމުން އައީ ޕޯޓޯގެ އެކެޑެމީގައި، އަހަރެން ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން އެ މީހުން އަހަންނަށް ކޮށްދިން ކަންތައްތަކަށް، ނަމަވެސް ދުނިޔޭގެ އެންމެ ބޮޑު ކުަލަބަށް ބަދަލުވާން ފުރުސަތު ލިބުމަކީ އަހަންނަށް އެ ހުށަހެޅުމާ ދެކޮޅު ހެދޭނެ ކަމެއް ނޫން."

"ހޯސޭ މޮރީނިއޯއާއެކު މަސައްކަތް ކުރަން ލިބުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް، އެ ފަދަ ކާމިޔާބު ކޯޗެއްގެ ކައިރިން ކަންކަން ދަސް ކުރަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، އަހަރެން މިހުރީ ޓީމުގައި ހިމެނޭ އެގހެން ކުޅުންތެރިންނާއެކު މަސައްކަތް ކުރަން ކެތް މަދުވެފައި."

ޑަލޮޓް އަކީ ޓްރާންސްފާ ޕީރިއަޑްގައި ޔުނައިޓަޑަށް ގެނައި ދެ ވަނަ ކުޅުންތެރިޔާ އެވެ. މި ހަފުތާގައި އެ ޓީމުން ވަނީ ބްރެޒިލްގެ މިޑްފީލްޑާ ފްރެޑްވެސް ގެނެސްފަ އެވެ.