ހަބަރު

ޖެމްސް މައްސަލާގެ ހުކުމަށް ހައިކޯޓުން ތާއިދުކޮށްފި

ސުޕްރީމް ކޯޓުގައި ގާއިމްކޮށްފައިވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް، ޖެމްސްގެ ހިދުމަތް ކަނޑާލި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް އިއްވި ހުކުމަށް ހައިކޯޓުން މިއަދު ތާއިދުކޮށްފި އެވެ. އެ މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުން ނިންމާލީ މިދިޔަ ހަފުތާ އެވެ.

ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީތަކެއް ބަލައިނުގަތުމަށް ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރާ ނިޒާމް، ފެބްރުއަރީ މަހުގެ ހަތަރެއް އަދި ފަސް ވަނަ ދުވަހު ޖެމްސް ހުއްޓުވާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެ އެމަނިކުފާނަށް ކުރިމިނަލް ކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަޖިލިސް ބަލަހައްޓަނީ ތިން ފަނޑިޔާރުންގެ ބެންޗަކުން ނެވެ. އެއީ ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހަސަން އަލީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެވެ.

ހައިކޯޓުން އިއްވި ހުކުމުގައި ވަނީ، އެނގިހުރެ ވާޖިބަށް ހުރަސް އަޅައި ދައުލަތުގެ މަސައްކަތަށް ހުރަސް އަޅައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ލިޔެކިޔުން ބަދަލު ކުރުމަށް ގާއިމްކޮށްފައިވާ ޖެމްސްގެ ހިދުމަށް ފެބްރުއަރީ ހަތަރެއް އަދި ފަސްވަނަ ދުވަހު މެދުކަނޑާލުމަށް އުއްތަމަ ފަނޑިޔާރު މުއައްޒަފުންނަށް އެންގި ކަމަށެވެ. އަދި ޖެމްސްގެ ހިދުމަށް މެދުކަނޑާލުމަށްފަހު ފަހުން ލިޔެކިޔުންތައް ފޮނުވުމަށް އަލުން ހިދުމަށް ދީފައި އޭގެ ފަހުންވެސް ހިދުމަށް މެދުކަނޑާލުމަށް އަންގާފައިވާ ކަމަށް ހެކިވެރީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އެހެން ކަމުން ހުކުމަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ހުކުމުގައި ވެއެވެ. އަދި ހުށަހަޅާފައިިވާ ނުކުތާތަކަށް ރިއާޔަތްކޮށް ޖަލު ހުކުމަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ހަމައެއްނެތް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުވެފައިވާ ކަމަށް ހުކުމްގައި ވެއެވެ.

ކުރިމިނަލް ކޯޓުގެ ހުކުމް އިސްތިއުފާނުކޮށް ދެ ފަނޑިޔާރުންގެ ފަރާތްޕުޅުން 13 ނުކުތާއެއް ފާހަގަކުރެއްވި އެވެ. އެ ނުކުތާތަކަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ޝަރީއަތުގައި ރައްދުދީފައިވާއިރު، ހައިކޯޓުގެ ހުކުމް ބުރަވަނީ ޕީޖީން ފާހަގަ ކުރި ކަންކަމަށެވެ. މައްސަލަ އުއްތަމަ ފަނޑިޔާރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން އަޑުއެހުންތައް ބޭއްވީ ދެ ދުވަހު އެވެ.

މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އުއްތަމަ ފަނޑިޔާރު ޣައިރު ގާނޫނީ ބަންދެއްގައި ބަހައްޓައިގެން ކަމަށާއި ހައްޔަރުކޮށްފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ ނުވަ ވަނަ މާއްދާއާ ހިލާފުކަމަށް ބުނެ ރިއާޔަތް ކޮށްފައިވާ މައްސަލައަށް ހައިކޯޓުގެ ހުކުމްގައި ބުނީ، ފަނޑީޔާރުންގެ ގާނޫނުގެ ނުވަ ވަނަ މާއްދާގައި ވަނީ ކޯޓުން ކޮށްފައިވާ ހުކުމަކާމެދު ސުވާލުކޮށް އެކަން ނުބެލޭނެ ކަަމަށާއި ނަމަވެސް މި މައްސަލައަކީ ޖެމްސްގެ ހިދުމަށް މެދު ކަނޑާލުމަށް މުއައްޒަފުންނަށް އަންގައި ސަރުކާރުން ފޮނުވާ ލިޔެކިޔުންތަކަށް ފޮނުވުމަށް ހުރަސް އެޅިކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. މި މައްސަލައަކީ ޝަރީއަތުގެ ބޭރުން ކޮށްފައިވާ އަމަލެއް ކަމަށާއި އެހެން ކަމުން ފަނޑިޔާރުންގެ ގާނޫނުގެ ނުވަ ވަނަ މާއްދާއަށް ރިއާޔަތް ނުކުރެވޭނެ ކަމަށާއި ކޯޓުން ބޭރުން ހިންގާ އަމަލުތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށްވެސް ހުކުމުގައި ވެއެވެ.

ތަހުގީގާގުޅޭ ބައެއް ލިޔެކިޔުންތައް ދިފާއުއަށް ދީފައިނުވާތީ އެކަމަށް ކޯޓުން ބުނީ، މައްސަލާގައި ބައެއް ލިޔެކިޔުންތަކަކީ ދައުލަތުން ސިއްރު ހެކީގެ ގޮތުގައި ކަނޑައެޅުމަށް ކޯޓުގައި އެދިފައިވާ ލިޔެކިޔުންތައް ކަމަށެވެ. އެ ލިިޔުންތައް ކޯޓުން ސިއްރު ކުރުމަށް ކޯޓުން ކަނޑައަޅާފައިވާތީވެ ނުދިނުމަކީ ޖިނާއީ އިޖްރާއަތުގެ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ހުކުމުގައި ވެއެވެ.

ސިއްރު ހެކީންގެ ހެކިބަސް ނަގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސުވާލު އުފައްދާފައިވާތީވެ ކޯޓުން ބުނީ، ގާނޫނުގައި ހެކީންގެ ހެކިބަސް ސިއްރު ކުރުމަށް އެދިއްޖެ ހާލަތެއްގައި އެކަން ކޮށްދޭން ޖެހޭނެ ކަމަށާއި މި މައްސަލާގައި ދައުލަތުން ހެކީންގެ ހެކިބަސް ސިއްރު ކުރުމަށް އެދިފައިވުމާއި އެކަން ކޯޓުން އަމުރު ކޮށްފައިވުމުން އެކަން ކޮށްފައިވަނީ ގާނޫނާ އެއްގޮތައްކަން ހާމަވާ ކަމަށެވެ. އަދި މި މައްސަލައިގައި ބަޔާނެއް ދިފާއަށް ނުލިބުމަކީ ދިފާއުން ޖަވާބުދާރީ ވުމަށް ހުރަސް އެޅުން ކަމުގައި ނުދެކޭ ކަމަށާއި މި މައްސަލާގައި ހުށަހަޅާފައިވާ ހެކިވެރިންނާ ސުވާލު ކުރުމަށް އުއްތަމަ ފަނޑިޔާރަށް ފުރުސަތު ދީފައިވާކަންވެސް ލިޔެކިޔުންތަކުން އެނގޭ ކަމަށް ހުކުމްގައި ވެއެވެ.

ޖެމްސްގެ ހިދުމަތް ކަނޑާލި ވަގުތާއި ތަނާއި ކުރި އަމަލު ބަޔާންކޮށްފައިނުވާ ކަމަށް ބުނާ މައްސަލައަށް ރިއާޔަތްކޮށް ކޯޓުން ބުނީ، އުއްތަމަ ފަނޑިޔާރު ވަނީ ގާނޫނަށް ހުރަސް އެޅުމާއި އެކި މުއައްސަސާތަކުން ލިޔެކިޔުން ފޮނުވުމަށް ގާއިމްކޮށްފައިވާ ޖެމްސްގެ ހިދުމަތް ކަނޑާލައި، އަލުން ލިޔެކިޔުންތައް ފޮނުވުމަށް ޖެމްސްގެ ހިދުމަތް އަޕް ކުރުމަށްފަހު، ފަހުންވެސް އޭގެ ހިދުމަތް ފެބްރުއަރީ ހަތަރެއް އަދި ފަސްވަނަ ދުވަހުގެ އެކި ވަގުތު ތަކުގައި ކަނޑާލުމަށް މުއައްޒަފުންނަށް އެންގިކަން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. ދައުލަތުގެ މަސައްކަތް ހުއްޓުވައި ދައުލަތުގެ މަސައްކަތައް ހުރަސް އެޅުމަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ އަމަލެއް ކަމަށް ހުކުމުގައި ވެއެވެ.

ދައުލަތުން އެކަށީގެންވާ ހެކި ހުށަހަޅާފައިނުވާކަމަށް ބުނާތީ، އެކަމަށް ކޯޓުން ބުނީ، މީހެއްގެ މައްޗަށް ދައުވާ ކުރުމުގެ ބާރު ގާނޫނުން ޕީޖީއަށް ލިބިފައިވާ ކަމަށާއި މައްސަލާގައި ހިމެނޭ އެހެން ފަރާތްތަކަށް ދައުވާނުކޮށް ދޫކޮށްލުމުގެ ބާރު ޕީޖީއަށް ލިބިގެންވާ ކަމަށެވެ. އަދި މައްސަލާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތާއި ދެކޮޅަށް މައްސަލާގައި ހިމެނޭ އެހެން ފަރާތްތަކުގެ ހެކިބަސް ބޭނުން ކުރާ ކަމަށާއި މައްސަަލާގައި ހިމެނޭ އެންމެ އިސްފަރާތްތަކަށް ދައުވާކޮށް އެހެން ފަރާތްތަކުގެ ހެކީންގެ ގޮތުުގައި ބޭނުން ކުރުމަކީ މީގެ ކުރިންވެސް ކޮށްފައިވާ ކަމެއް ކަމަށެވެ. އެހެން ކަމުން މި މައްސަލާގައިވެސް އެގޮތަށް އަމަލު ކުރަން ނުޖެހޭ ސަބަބެއް ނެތް ކަމަށް ކޯޓުން ބުންޏެވެ.

ކޯޓުގެ މުއައްޒަފުންނަކީ އެތަނެއްގެ އިސްފަރާތަކުން އަންގާ ގޮތަކަށް އަމަލު ކުރަންޖެހޭ ބައެއް ކަމަށާއި ފެބްރުއަރީ ހަތަރެއް އަދި ފަސްވަނަ ދުވަހު ޖެމްސްގެ ހިދުމަތް ކަނޑާލުމަށް އުއްތަމަ ފަނޑިޔާރު އެންގި ކަމަށާއި އެކަމުގައި މުއައްޒަފުންގެ އަމިއްލަ މަސްލަހަތެއް ނެތް ކަމަށް ހެއްކާއި ލިޔުންތަކުން އިނގޭ ކަމަށެވެ. އަދި ޖެމްސްގެ ހިދުމަށް މެދުކަނޑާލުމަށް އައިޓީ ޑިޕާޓްމެންޓަށް އެންގި ކަން ހެކިވެރިޔާ އެކެއްގެ ހެކިބަހުން އިނގޭ ކަމަށާއި ސިއްރު ހެކިވެރިޔާގެ ދޭކަށް އެކިވަގުތުތަކުގައި ގުޅައި އަދި ފޭސްޓް ފޭސްކޮށް އުއްތަމަ ފަނޑިޔާރު ޖެމްސްގެ ހިދުމަށް ކަނޑާލުމަށް އަންގާފައިވާކަން ހެކިވެރިޔާގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އެހެންކަމުން މި މައްސަލާގައި ހުށަހަޅާފައިވާ ހެކިތަކަކީ އިސްލާމީ ޝަރީއަތުގައި ބަލައި ނުގަނެވޭނެ ހެކިތަކެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭ އެއްވެސް ހަމައެއް ނެތް ކަމަށް ހުކުމްގައި ވެއެވެ.

ދިފާއުން ހުށަހެޅި ހެކީންގެ ހެކިބަސް ނުނެގި މައްސަލައަށް ރިއާޔަތްކޮށް ކޯޓުން ބުނެފައިވަނީ، މި މައްސަލާގައި ދިފާއުން ހުށަހަޅާފައިވާ ތިން ހެކިވެރީންނަށް ކުރިމިނަލް ކޯޓުން ޗިޓް ފޮނުވި ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެފަރާތްތަކުގެ ތެރެއިން ހާޒިރުވީ އެންމެ ފަރާތެއް ކަމުން އެފަރާތުގެ ހެކިބަސް ނަގާފައިވާ ކަމަށެވެ. އަދި ހެކީންގެ ގޮތުގައި ދިފާއުން ހުށަހަޅާފައިވާ ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދަކީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމިރާ ގުޅިގެން ތަހުގީގުކޮށް ޝަރީއަތް ކުރިއަށް ގެންދާ ދެފަރާތް ކަމަށާއި މި މައްސަލާ އަކީވެސް އެކެއް ފެބްރުއަރީގެ އަމުރާއި ގުޅިގެން ހިނގާފައި ކަމަކަށް އުފުލާފައިވާ ދައުވާއެއް ކަމުން އެދެފަރާތުގެ ހެކިބަސް ނެގުމަކީ މައްސަލައަށް ފުށޫއަރާނެ ކަމެއް ކަމަށެވެ. އެހެން ކަމުން މި މައްސަލާގައި ކުރިމިނަލް ކޯޓުން އެދެފަރާތުގެ ހެކިބަސް ނުނެގުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ކޯޓުން ބުންޏެވެ.

ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހާ ގުޅިގެން 10 ދުވަސް ތެރޭގައި ފަނޑިޔާރުންނަށް އިއްވާ ހުކުމްރައް ހައިކޯޓުގައި އިސްތިއުނާފު ކުރައްވަންޖެހޭނެ އެވެ. ހައިކޯޓުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާނަމަ އެކަމަށް ވެސް ލިބެނީ 10 ދުވަހެވެ. ސުޕްރީމް ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި ބުނެ އެވެ. ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ ދެ ބޭފުޅުންގެ ފަނޑިޔާރުކަން ވެސް އޮޓަމެޓިކުން ގެއްލޭނެ އެވެ.