ކުޅިވަރު

ޕޯޗްގަލްއަކީ ފޭވަރިޓެއް ނޫން، އެކަން ގަބޫލުކުރަން: ރޮނާލްޑޯ

ވޯލްޑްކަޕުގައި ޕޯޗްގަލް އަކީ ފޭވަރިޓް ޓީމެއް ނޫން ކަމަށާއި ނަމަވެސް ފުޅާކޮށް ވިސްނުން ގެންގުޅެފިނަމަ ޕޯޗްގަލް އަށް ކުރިއަށް ދެވޭނެ ކަމަށް އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އޭނަ ބުނީ ޕޯޗްގަލް ވިސްނަން ޖެހޭނީ މެޗަކަށް ފަހު މެޗަކުން ކުރިއަށް ދިއުމަށް ކަމަށެވެ. ވޯލްޑްކަޕުގައި ޕޯޗްގަލް ހިމެނެނީ ސްޕެއިން އާއި މޮރަކޯ އަދި އިރާންއާ އެކު ގުރޫޕް ބީ ގަ އެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ނިކުންނާނީ ސްޕެއިން އާ ދެކޮޅަށެވެ. ރޮނާލްޑޯ ބުނީ ފުރަތަމަ މެޗު ވަރަށް އުނދަގޫ ވާނެ ކަމަށެވެ.

"އަހަރެމެންނަށް އެނގޭ އަހަރެމެންނަކީ ފޭވަރިޓެއް ނޫން ކަން، އަހަރެމެން ޖެހޭނެ އެ ހަގީގަތް ގަބޫލު ކުރަން، ނަމަވެސް ފުޓްބޯޅައިގައި ނުވާނެ އެއްވެސް ކަމެއް ނޯންނާނެ،" ރޮނާލްޑޯ ބުންޏެވެ.

"އަހަންނަށް ހީވަނީ އަހަރެމެން ވިސްނަން ޖެހޭނީ މެޗަކަށް ފަހު މެޗަކުން ހެން، ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗު ވަރަށް އުނދަގޫ ވާނެ، ނަމަވެސް އަހަންނަށް ހީވަނީ އަހަރެމެންގެ ކުޅުންތެރިން ވަރަށް ފުޅާކޮށް ވިސްނަން ޖެހޭހެން، އަހަރެމެންނަށް އަހަރެމެންގެ އެންމެ މަތީ ފެންވަރު ދެއްކޭނެ ކަމުގެ އަހަންނަށް ޔަގީންކަން އެބައޮތް."

ޕޯޗްގަލްގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެ އެންމެ ގިނަ ލަނޑު ޖަހައިދިފައިވާ ކުޅުންތެރިޔާ ބުނީ ޔޫރޯ 2016 އަށް ވެސް ޕޯޗްގަލް ދިޔައީ ފޭވަރިޓެއްގެ ގޮތުގައި ނޫން ކަމަށާއި ނަމަވެސް މުބާރާތް ނިމެންދެންވެސް ބުރަކޮށް މަސައްކަތް ކުރުމުން ކާމިޔާބު ވި ކަމަށެވެ.

"އަހަރެން ބުނާނެ އެއްޗަކީ އަހަރެމެން ޖެހޭނީ ޔޫރޯގައި މަސައްކަތް ކުރި ގޮތަށް މަސައްކަތް ކުރަން ފެށުނީން ސުރެ މުބާރާތް ނިމެންދެން ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ، އުންމީދު ކުރަން ޖެހޭނީ ފުޓްބޯޅައިގައި މަސައްކަތް ކޮށްފިނަމަ ނުވާނެ ކަމެއް ނޯންނާނެ ކަމަށް."