ކުޅިވަރު

އަށް އަހަރުވީ 400 މީޓަރުގެ ރެކޯޑް ހިމްނާ މުގުރާލައފި

އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ޒުވާން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން މުގުރާލައިފި އެވެ.

އުމުރުން 16 އަހަރުގެ ހިމްނާ މި ރެކޯޑް މުގުރާލީ ޖަޕާންްގައި މިހާރު ކުރިއަށްދާ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އަންހެނުންގެ 400 މީޓަރު ރޭސް 59.76 ސިކުންތުން ނިންމައިގެންނެވެ.

މީގެ ކުރިން އެ ރެކޯޑް އޮންނާނީ ތަޖުރިބާކާރު ދުވުންތެރިޔާ މިރުފަތު އަހްމަދު އަތުގަ އެވެ. އޭނާ މިރެކޯޑް ހެދީ 2010 ވަނަ އިންޑިއާގެ ނިއުދީއްލީގައި ބޭއްވި ކޮމަންވެލްތު ގޭމްސްގަ އެވެ. އޭރު މިރުފަތު ރޭސް ނިންމީ 1:00.33 (އެއް މިނެޓް ޕޮއިންޓް 33 ސިކުތުންނެވެ.

ހިމްނާ ވާދަ ކުރި ހިޓް ދޭއްގައި ވާދަ ކުރި އަށް ބައިވެރިންގެ ތެރެއިން އޭނަ ދިޔައީ ހަތް ވަނަ އަށެވެ. އެ ހީޓްގެ އެއް ވަނަ ހޯދީ ޝްރީލަންކާގެ ދުވުންތެރިޔާ ކޭޖީ ކުމާރަސިންގީ ދިލްޝީ އެވެ. އޭނާ ރޭސް ނިންމީ 54.82 ސިކުންތުންނެވެ.

މިދިޔަ މަހު ލަންކާގައި ބޭއްވި ދެކުނު އޭޝިއާގެ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 400 މީޓަރާއި 200 މީޓަރުގެ ފައިނަލަށް ހިމްނާ ދަތުރު ކުރި އެވެ.

އައްޑޫ ހައިސްކޫލް ގައި ކިޔަވަމުންދާ ހިމްނާ އަކީ އިންޓަ ސްކޫލް އެތެލެޓިކްސް މުބާރާތްތަކުގައި ވިދާލި ދުވުންތެރިޔެކެވެ. މި އަހަރު މާޗް މަހު ކުޅުދުއްފުށީގައި ބޭއްވި މަކިޓާ އެތެލެޓިކްސް ޗެމްޕިއަންޝިޕްގެ 17 އަހަރުން އަންހެން ދަށުގެ އެންމެ މޮޅު އެތުލީޓްގެ އެވޯޑާއި މުޅި ޗެމްޕިއަން ޝިޕްގެ އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް ހޯދި އެވެ. އަދި އެކި ކެތަގަރީތަކުގައި ވާދަ ކޮށްގެން ތިން ރަން މެޑަލް ވެސް ހޯދައިފަ އެވެ.