ވިޔަފާރި

އުރީދޫ މަސްރޭހުގެ ފައިނަލަށް ޓީމް އެންޒީ އަދި ޓީމް އެޗްޑީސީ

Jun 7, 2018

‎ރާއްޖޭ ގައި ބާއްވާ އެންމެ ބޮޑު މަސްރޭސް ކަމުގައިވާ އޫރިދޫ މަސްރޭހުގެ ތިންވަނަ ސެމީފައިނަލް ބުރު ރޭ ނިމި، ފައިނަލްގެ ފަހު ދެ ޖާގަ ޓީމް އެންޒީ އަދި ޓީމް އެޗްޑީސީ އިން ކަށަވަރު ކޮށްފިއެވެ.

ބްރިޖް ވިއުއިން ޕްލެޓްފޯމް ގައި ވަރަށް ފޯރިއާއެކީ ކުރިއަށްދިޔަ މި އިވެންޓުގައި ހަތަރު ޓީމެއް ވަނީ ވާދަ ކޮށްފައިވެއެވެ. އޭގެ ތެރޭގައި ޓީމް ކޯސްޓްލައިން، ޓީމް އެޗްޑީސީ، ޓީމް އެންޒީ އަދި ޓީމް ކޮންރެޑް ވަނީ ވާދަ ކޮށްފަ އެވެ. އުރީދޫ މަސްރޭހުގެ ފައިނަލްގައި ޓީމް އެންޒީ އަދި ޓީމް އެޗްޑީސީ ވާދަކުރާނީ، ފުރަތަމަ ސެމީފައިނަލް ކާމިޔާބުކުރި ޓީމް މަލަހިނި އަދި ޓީމް ސްޓެލްކޯގެ އިތުރުން، ދެވަނަ ސެމީފައިނަލް އިން އެންމެ ކުރި ހޯދި ޓީމް މިލައިދޫ އަދި ޓީމް ތާޖް އެގްޒޯޓިކާ އެވެ.

އުރީދޫ މަސްރޭހުގެ ފޯރިގަދަ ފައިނަލް އިވެންޓް ފިޠުރުޢީދުގެ ހާއްސަ ޙަރަކާތްތަކާއިއެކު މިމަހުގެ 15 ވާ ހުކުރު ދުވަހު އެވެ.

އުރީދޫ މަސް ރޭސް މި އަހަރު ބާއްވަނީ ފީލް އިންވެސްޓްމެންޓް އާއި އުރީދޫ ގުޅިގެންނެވެ. މި އަހަރުގެ މަސް ރޭހުގައި ފުރަތަމަ އިވެންޓް އޮތީ މިނިސްޓްރީތަކާއި ޕަބްލިކް ކޮމްޕެނީތަކަށް ހުޅުވާލައިގެންނެވެ. ދެވަނަ އިވެންޓް އޮތީ އަންނަ މަހު ފަހެއްގައި ކަމަށާއި އެއީ މާލޭގެ ދެކުނުގެ ރިސޯޓްތަކަށް ހުޅުވާލައިގެންނެވެ. އަދި އެ އިވެންޓް އޮތީ ކ. ގުޅީގަ އެވެ.

އުރީދޫ މަސްރޭސް މި އަހަރު ބާއްވަނީ އެހެން އަހަރުތަކާ ހިލާފަށް ތަފާތު ގޮތަކަށެވެ. މިގޮތުން މި އަހަރު މަސް ރޭހުގެ ޕާޓްނަރުންގެ ގޮތުގައި މަޓާޓޯއާ ފިޝަރީޒް މިނިސްޓްރީއާ ޓޫރިޒަމް މިނިސްޓްރީ އަދި ޕީއެސްއެމް އަދި ފީލް އިންވެސްޓްމަންޓް ވެސް ބައިވެރިވެ އެވެ.