އިންޑިއާގެ ސުޕާސްޓާރު އެކްޓަރު ޝިވާޖީ ރާއޯ ގޭކްވާޑް (ރަޖްނީކާންތު) ގެ ދެކުނު އިންޑިއާގެ ފިލްމު "ކާލާ" ގެ މައްސަލަ ބޮޑުވެއްޖެ އެވެ. ދެކުނު އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ކަރްނާޓަކާގައި މިއަދު ރިލީޒްކުރަން ނިންމާފައި އޮތް މި ފިލްމު ރިލީޒްނުކުރާ ގޮތަށް މިހާރު ނިންމާފަ އެވެ.
އެ ސްޓޭޓްގައި މި ފިލްމު ނުދައްކަން ނިންމީ ފިލްމު އަޅުފައިނަމަ ހަމަލާދޭނެކަމުގެ ތަފާތު އިންޒާރުތައް ލިބިފައިވާތީ އެވެ. މި ފިލްމާއި ގުޅިގެން އެ ސްޓޭޓުގެ މަގުތަކުގައި އަންނަނީ މުޒާހަރާތައްވެސް ކުރަމުންނެވެ. މި ފިލްމަށް ޓިކެޓު ވިއްކުންވެސް މުޒާހަރާގެ ބައިވެރިން ވަނީ ހުއްޓުވާފަ އެވެ.
އެ ސްޓޭޓުގެ ރައްޔިތުން ބުނާގޮތުގައި މި ފިލްމު ތައްޔާރުކޮށްފައި ވަނީ އެ ސްޓޭޓުގެ ރައްޔިތުންނަށް ހުތުރު ނަމެއް ލިބޭ ގޮތަށް ކަމަށެވެ. މި ފިލްމުގައި ކަރްނާޓަކާއާއި ޓެމިލް ނާޑޫގެ ދެމެދުގައި އޮންނަ ކޯރެއް ކަމަށްވާ ކޯވަރީގެ އިން ފެން ނަގުމައި ގުޅިގެން މި ދެ ސްޓޭޓުގެ މެދުގައި ޖެހުނު މައްސަލަތައް ގެނެސްދީފައިވެ އެވެ. އެ މައްސަލަ ހިނގާފައި ވަނީ މީގެ ގަރުނެއްހާއި ދުވަސް ކުރިންނެވެ.
މި ފިލްމު މިއަދު ރިލީޒްކުރަންވެސް ނިންމީ ތަރީހު ގިނަ ފަހަރުތަކެއްގެ މަތިން ފަސްކުރުމަށްފަހު އެވެ. ކޯޓުން ވަނީ ތިން ފަހަރެއްގެ މަތިން މި ފިލްމު ރިލީޒްނުކުރުމަށް އަންގާފަ އެވެ. ކަރްނާޓަކާގެ ލޯކަން ފިލްމު އެސޯސިއޭޝަނުން ވަނީ އެ ސްޓޭޓުގައި މި ފިލްމު ދެއްކުމަކީ މަނާކަމެއް ކަމަށްވެސް ބުނެފަ އެވެ.
ކަރްނާޓަކާގެ ފުލުހުން މައުލޫމާތުދިން ގޮތުގައި އެ ސްޓޭޓުގައި ހިންގާ ސިނަމާތަކުން މި ފިލްމު ދައްކަން މިހާރު ފަސްޖެހިފައިވާ ކަމަށެވެ. ސިނަމާތަކުން ފުލުހުންގެ ސެކުރިޓީއަށް ބޭނުންވެގެން އެދިފައިވާތީ މިހާރު އެ ހިދުމަތް އެމީހުނަށް ފޯރުކޮށްދެމުން އަންނަކަމަށްވެސް ބުންޏެވެ.
ޓެމިލް ނާޑޫއާކީ ރަޖްނީކާންތް ދިރިއުޅެމުން އަންނަ ސްޓޭޓެވެ. ދާދިފަހުން އިންޑިއާގެ މަތީ ކޯޓަކުން ވަނީ އެ ކޯރުން ގިނައިން ފެން ނެގޭނެގޮތް ޓެމިލް ނާޑޫގެ ރައްޔިތުންނަށް ހަދާދިނުމަށް ކަރްނާޓަކާގެ ސަރުކާރަށް އަމުރުކޮށްފަ އެވެ. ނަމަވެސް އެ އަމުރަށް އެ ސްޓޭޓުން އަދިވެސް ތަބާވެފައެއް ނުވެ އެވެ.
ރަޖްނީކާންތު ވަނީ ކަރްނާޓަކާއި މި ފިލްމު ދެއްކުމަށް ހުއްދަދިނުމަށް އެ ސްޓޭޓުގެ ޗީފް މިނިސްޓަރުގެ އަރިހުން އެދިފަ އެވެ.