"ސޯނަމްއާއެކު އަހަރެން ކުޅޭ ފިލްމު 'އޭކް ލަޑްކީ..' ގެ ޝޫޓިން ގާތްގަނޑަކަށް ނިމިއްޖެ. ބާކީ މިހާރު އޮތީ ކްލައިމެކްސް އެކަނި. އެކްޓްރެސްއެއްގެ ގޮތުގައި ސޯނަމް މިއަދު ހޯދާފައިވާ ކާމިޔާބީއާއިމެދު އަހަރެން ވަރަށް ފަހުރުވެރިވަން،" ސޯނަމް ކަޕޫރް އަހުޖާގެ ބައްޕަ އަނިލް ކަޕޫރް، "ރޭސް 3" ގެ ޕްރޮމޯޝަންގެ ތެރެއިން މީޑިއާތަކާއި ވާހަކަދައްމުން ބުންޏެވެ.
ސޯނަމް ބޮލީވުޑަށް ތައާރަފުވީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ސާވަރިޔާ" އިން 2007 ވަނަ އަހަރު އެވެ. އޭގެފަހުން މިއަދާ ހަމައަށް ގާތްގަނޑަކަށް 20 ވަރަކަށް ފިލްމުގައި އޭނާ މަސައްކަތްކޮށްފި އެވެ.
އަނިލް އިތުރަށް ބުނީ، "... 'ސާވަރިޔާ'، 'ދެއްލީ 6' އަދި 'ނީރްޖާ' ފަދަ ފިލްމުތަކުގައި އޭނާގެ ހުނަރު ދައްކައިފި. ސޯނަމްއާއެކު މަސައްކަތްކުރާއިރު މިހާރު ހީވަނީ ހަމަ ޕްރޮފެޝަނަލް އެކްޓްރެސްއަކާއެކު މަސައްކަތްކުރާހެން."
ސޯނާމްއާއި އަނިލް އެއްކޮށް ފެނިގެންދާ ފުރަތަމަ ފިލްމު "އޭކް ލަޑްކީ ކޯ ދޭކާ ތޯ އޭސާ ލަގާ" ގެ މަސައްކަތައް ނިންމައި އަންނަ އޮކްޓޯބަރު މަހު 12 ގައި ރިލީޒްކުރާނެ އެވެ. ޝެލީ ޗޯޕްރާ ޑައިރެކްޓުކުރާ އެ ފިލްމުގައި ޖޫހީ ޗާވްލާ އާއި ރާޖްކުމާރް ރާއޯވެސް ފެނިގެންދާނެ އެވެ.
އަނިލް އޭނާގެ ފިރިހެން ދަރިފުޅު ހަރްޝްވަރްދަން ކަޕޫރްއާއެކުވެސް ފިލްމެއް ކުޅެން ވަނީ ނިންމާފަ އެވެ. އެއީ އަބީނާވް ބިންޑްރާގެ ބަޔޮޕިކް ފިލްމެވެ.
ހަރްޝްވަރްދަންއާއި ބެހޭގޮތުން އަނިލް ބުނީ، "ހަރްޝްވެސް މިހާރު ދާއިރާގައި ކުރިއަށް އެބަދޭ. އަހަރެން އަހަރެންގެ ކުއްޖެއްގެ ފިލްމެއް ޕްރޮޑިއުސްކުރިނަމަ މިހެނެއް ނުބުނާނަން. އޭރަށް އަހަންނަ އިހުސާސްވާނީ އަހަރެންގެ އަމިއްލަ ދަރިފުޅު ޕްރޮމޯޓުކޮށްދޭން މަސައްކަތްކުރާހެން. އެގޮތަށް އިހްސާސްވާކަށް އަހަރެން ބޭނުމެއް ނުވޭ."
"އެކުދިން މިއަދު ހޯދާފައިވާ ކާމިޔާބީއަކީ އަމިއްލަ މަސައްކަތުން ހޯދި ކާމިޔާބީ. ކުޅަދާނަ ޑައިރެކްޓަރުންނާއެކު އެމީހުން މަސައްކަތްކޮށްފި. އެކުދިންނެކޭ އެއްގޮތަށް މި އިންޓަސްޓްރީގައި ފިލްމީ އާއިލާތަކަށް ނިސްބަތްވާ ކިތައް އެކްޓަރުން އެބައުޅޭ. އެކަމަކު އޭގެ ތެރެއިން އަމިއްލަ ބުރަ މަސައްކަތުން ކުރިއަށްދެވުނީ ކިތައް ކުދިންނަށް ބާ؟"
ގިނަ ދުވަސްތަކަށްފަހު އަނިލް ފެނިގެންދާ ފިލްމު "ރޭސް 3" ރީލީޒްކުރަނީ މި މަހު 15 ގަ އެވެ. ރެމޯ ޑި ސޫޒާ ޑައިރެކްޓުކުރާ މި ފިލްމުގައި ލީޑުން ފެނިގެންދަނީ ސަލްމާން ޚާން އާއި ޖެކޮލިން ފެނާންޑޭޒް އެވެ. މުހިންމު ރޯލުތަކުން ބޮބީ ޑިއޯލް، ޑެއިޒީ ޝާގް، ސާގިބް ސަލީމް އަދި ފްރެޑީ ދާރޫވާލާ ފެނިގެންދާނެ އެވެ.