ބޮލީވުޑް

ސޯނަމްގެ ދަރިފުޅު ވަޔޫގެ ފުރަތަމަ ފޮޓޯ

ސޯނަމް ކަޕޫރުގެ ކައިވެންޏަށް ފަސް އަހަރު ފުރުމާ ދިމާކޮށް އޭނާ އާއި ފިރިމީހާ އާނަންދު އަހޫޖާގެ އަލަތު ދަރިފުޅު ވަޔޫގެ މޫނު ފެންނަ ފޮޓޮއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް މުޅި ދުނިޔެއަށް ދަރިފުޅު ދައްކާލައިފި އެވެ.

މި ފޮޓޯ ބަލާފައި ސޯނަމްގެ ފޭނުން އޭނާގެ ދަރިފުޅު ލޯބިކަމުން ވަރަށް ގިނަ ކޮމެންޓުތައް ކޮށްފައި ވެއެވެ. ފޮޓޯގައި ފެންނަނީ ވަޔޫ އާއި އޭނާގެ ބައްޕަ އާނަންދް ތަޅުންގަނޑު މަތީގައި ކުޅެން ތިއްބަ އެވެ.

މީގެ ކުރިން ސޯނަމް މީޑިއާގައި ބުނެފައިވަނީ ދަރިފުޅުގެ ފޮޓޯ ސޯޝަލް މީޑީއާގައި ޕޯސްޓް ކުރަން ބޭނުން ނޫން ކަމަށާއި އޭނާ ބޮޑުވެގެން އަމިއްލައަށް އެކަން ކުރިޔަސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ސޯނަމްގެ ޚިޔާޅު ބަދަލުވެ ދަރިފުޅު ވަޔޫގެ ފޮޓޯ މިވަނީ އެންމެންނަށް ފެންނަ ގޮތަށް އާއްމުކޮށްފަ އެވެ.

މީގެ ކުރިން ސޯނަމް ޝެއާ ކުރި އޭނާގެ ދަރިފުޅުގެ ފޮޓޯތަކުގައި ކުއްޖާގެ މޫނު އެއްގޮތަކަށް ވެސް ނުފެނެ އެވެ.

ދާދިފަހުން ސޯނަމް ވަނީ އިނގިރޭސި ވިލާތުގެ ރަސްކަމުގެ ތަޚުތަށް ރަސްގެފާނު ޗާލްސް ވެޑުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތާ ގުޅިގެން އޮތް ކޮންސެޓުގައި ބައިވެރިވެފަ އެވެ. ވަރަށް ގިނަ ބައިނަލްއަގުވާމީ ތަރިން ބައިވެރިވި މި ކޮންސެޓުގެ ސްޓޭޖަށް ސޯނަމް ތައަރަފްކޮށްދީފައިވަނީ ބޮލީވުޑްގެ އެންމެ ވިދާ އެއް އެކްޓަރުގެ ގޮތުގަ އެވެ.

ނަމަވެސް ސްޓޭޖްމަތީގައި ސޯނަމް ވާހަކަ ދެއްކި ރާގަށް ވަރަށް ގިނަ ބަޔަކު ފާޑުކިޔައި މަލާމާތްކޮށްފައި ވެއެވެ.