ހަބަރު

"މަޖިލިސް ފެށުން ލަސް ކުރުމަކީ ދައުލަތުގެ މަސައްކަތައް ހުރަސް އެޅުން"

ރައްޔިތުން މަޖިލީހުގެ ޖަލްސާތަކަކީ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު ބޭނުން އިރަކު ޖަލްސާ ބާއްވަން އޮތް ތަނެއް ނޫން ކަމަށާއި މަޖިލީހުގެ ޖަލްސާތައް ފެށުން ލަސް ކުރުމަކީ ދައުލަތުގެ މަސައްކަތައް ހުރަސް އެޅުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާތައް ރޯދަމަހުގެ ފަހުން ފެށުމަށް ފަސްކުރުމާއި ގުޅިގެން މަހުލޫފް ވިދާޅުވީ، މަޖިލީހުގައި ބައިވަރު މަސައްކަތްތަކެއް އެބަހުރިކަމަށާއި ނިންމަން ޖެހޭ ނިންމުންތަކާއި ބަހުސްތަކެއް ކުރަން އެބަހުރި ކަމަށެވެ. މަޖިލީހުގެ ހަތް މެންބަރުން ޖަލަށްލައި 12 މެންބަރުންނަށް މަޖިލީހަށް ނުވަދެވޭ ގޮތަށް ހަދައި 20 މެންބަރުންނަށް ދައުވާ ކޮށްފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ، މަޖިލީހަކީ މަސީހު ބޭނުން އިރަކު ޖަލްސާ ބާއްވަން އޮތް ތަނެއް ނޫން ކަމަށާއި އެއީ ދައުލަތުގެ މަސައްކަތައް ހުރަސް އެޅުން ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ދެވަނަ ދައުރު ފެށިގެން ކުރިއަށް ދާނީ މި މަހުގެ ފުރަތަމަ ހަފުތާ އިން ފެށިގެން އަންނަ އޮގަސްޓް މަހުގެ ނިޔަލަށެވެ. ގަވާއިދުގައިވާ ގޮތުން ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނީ އެ ދައުރެއް ފެށޭ ތާރީހާއި ގުޅިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހު އެވެ. އެގޮތުން ދެވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ހޯމަ ދުވަހު ނުވަތަ މިއަދު ފަށަން ޖެހޭނެ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ބޭއްވީ 13 ޖަލްސާއެވެ. އެއީ ދައުރުން ބޭރުން ދެ ޖަލްސާއަކާއި ދައުރުގެ ތެރެއިން 11 ޖަލްސާއެކެވެ. މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައްވެސް ފަށާފައިވަނީ ގަވާއިދުގައިވާ ދުވަހަށްވުުރެ ފަހުން ނެވެ. ސުޕްރީމް ކޯޓުން 1 ފެބްރުއަރީގެ ނެރުނު އަމުރާ ގުޅިގެން އެ މަހު ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ޖަލްސާތައް ނުބާއްވަ އެވެ. އެއަށް ފަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވީ ފެބްރުއަރީ މަހު 19 ވަނަ ދުވަހުގަ އެވެ. އެއަށް ފަހު ގަވައިދުން ޖަލްސާތައް ބޭއްވުމަށް ފަހު މާޗް މަހު 14 ވަނަ ދުވަހު ޖަލްސާތައް ހުއްޓުނު ގޮތަށް އޭޕްރީލް 29 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށް ފަހު މެންބަރުން ވަނީ ޗުއްޓީއަށް ވަޑައިގެންފަ އެވެ.

މިދިޔަ ދައުރުގެ ތެރޭގައި މަޖިލީހުން ކުރި ބައެއް މުހިންމު މަސައްކަތްތަކުގެ ތެރެއިން ސަރުކާރުން އިއުލަން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 45 ދުވަހަށް ދަންމާލަން ވަނީ ފާސްކޮށްފަ އެވެ. އޭގެ އިތުރުން ސުވާލު އުފެދިފައިވާ 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހެދި އެންޓި ޑިފެކްޝަން ގާނޫނެއް ހަދައި ޖިނާއީ ކުށެއް ސާބިތުވާ ހިސާބުން ފަނޑިޔާރުކަން ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު ވެސް ވަނީ އިސްލާހު ގެނައެވެ. އެންޓި ޑިފެކްޝަން އާއި ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހާ މެދު ސުވާލު އުފެދިފައިވާތީ އެކަން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ދެ ބަދަލުވެސް ރަނގަޅު ކަމަށް ކަނޑައަޅާފަ އެވެ.

އޭގެ އިތުރުން މި އަހަރުގެ ފުރަތަމަ ދައުރުގެ އެއްވެސް ޖަލްސައެއްގައި އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިވަޑައި ނުގަންނަވަ އެވެ. މިދިޔަ އަހަރު ފަހު ދައުރުގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު މަސީހުގެ ގޮނޑި ގެއްލުވާލި މައްސަލަ ބާތިލުވި ހިސާބުން ފެށިގެން އެ މެންބަރުން މަޖިލީހުގައި ކުރި އިހުތިޖާޖުތަކަށް ފަހު މަޖިލީސް ބޮއިކޮޓް ކުރި ފަހުން މިއަދާ ހަމަޔަށް އައިއިރު އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ. ތަޅުމުގައި ހިނގާ މަސައްކަތްތަކުގައި ބައިވެރިވެވަޑައި ނުގެންނެވި ނަމަވެސް އިދިކޮޅު މެންބަރުން ވެސް މަޖިލީހުގެ ކޮމިޓީތަކުގައި ގަވައިދުން ބައިވެރިވެވަޑައި ގަންނަވަ އެވެ.

މަދު ޖަލްސާތަކަށް ފަހު މިދިޔަ ދައުރު ނިންމާލާފައިވާއިރު މުސާރައިގެ ގޮތުގައި 82،500 ރުފިޔާ ނަންގަވައިގެން ތިއްބަވާ މަޖިލީހުގެ މެންބަރުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ އެ މެންބަރުންނަށް ފާޑު ކިޔުން އަމާޒުވެ އެވެ.