ރިޕޯޓް

ނިހާނު މައްސަލާގައި އިންޑިއާ ހިމޭނުން، ސަރުކާރަށް ބިރު ބޮޑު!

ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ޒަމާނުއްސުރެ ސިފަކުރަމުން އަންނަ އިންޑިއާ އާއި ދެމެދު އޮންނަ ގުޅުން ގޯސްވެ ކުނި ޖެހިގެން އުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. ރާއްޖޭގެ މައި އެއާޕޯޓް ހިންގަން އޭރު ރައީސް މުހައްމަދު ނަޝީދު ސަރުކާރާއި ޖީއެމްއާރާއި އެކު ހެދި އެއްބަސްވުން ކުއްލިއަކަށް ބާތިލުކޮށް އެ ކުންފުނި ބޭރުކޮށްލި ހިސާބުން، ދެ ގައުމުގެ ގުޅުން އޮންނަނީ ވަރަށް ނާޒުކު ފައްތަރެއްގެ މަތީގަ އެވެ. އެގޮތުން 2013 އިން ފެށިގެން، ރާއްޖޭގެ ފަސްގަނޑަށް ޗައިނާ ބިޔަ މަޝްރޫއުތަކާއެކު ފައިގަދަކޮށްލުމުން، އިންޑިއާގެ ނުތަނަވަސްކަން އިތުރަށް ބޮޑުވި އެވެ.

ފެބްރުއަރީ 1 ގެ ސުޕްރީމު ކޯޓު އަމުރާއި ގުޅިގެން މިހާތަނަށް ހިނގި ކަންކަމުގައި، އިންޑިއާ ސަރުކާރަށް ތުހުމަތުގެ އިނގިލިތައް ދިއްކުރި އެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން، އިންޑިއާ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރާ ކަމުގެ އަޑުތައް ގަދަވި އެވެ. އެއަށްފަހު ރާއްޖޭގެ ސިޔާސީ މައްސަލަ ހައްލުކޮށްދޭން އިންޑިއާ ސިފައިން ފޮނުވުމަށް ރައީސް ނަޝީދު ތަކުރާރުކޮށް ގޮވާލައްވައި، ސަރުކާރާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް އިދިކޮޅުން ބާރު އަޅަމުން ގެންދިޔަ އެވެ. މިއިން އެއްވެސް ކަމަކަށް އިންޑިއާ ސަރުކާރުން ސީދާކޮށް އެއްޗެއް ނުބުނެ އެވެ. މުޅިން ވެސް ވަރަށް "ޑިޕްލޮމެޓިކް" ބަޔާންތަކެއް ނެރެ ފަރުޖައްސާލަނީ އެވެ. ހަމަ އެކަނި ބުނަނީ، ރާއްޖޭގެ ހާލަތާއި ގުޅިގެން ކަންބޮޑުވާ ވާހަކަ އެވެ. އިދިކޮޅާއެކު މަސައްކަތްކޮށް، ސުލްހަވެރި ސިޔާސީ ހައްލެއް ހޯދޭނެކަމުގެ އުއްމީދު އެގައުމުން އަބަދުވެސް އައީ ބަޔާންތައް މެދުވެރިކޮށް ދެމުން އެވެ.

ނުބައި ވިސާ ނޫނީ ފިޔަވަޅެއް

އަންގާރަ ދުވަހު މިވަނީ ދެ ގައުމުގެ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަށް އަނެއްކާވެސް ބޮޅެއް އިތުރުވެފަ އެވެ. ސަރުކާރު ހިންގާ ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އިންޑިޔާއަށް ވަނުމުގެ ހުއްދަ ނުދީ ފޮނުވާލި މައްސަލަ ހޫނުވެފަ އެވެ. ރޫޓީން މެޑިކަލް ޗެކަޕްއަކަށް ވެރިކަން ކުރާ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު އިންޑިޔާއަށް ވަޑައިގަތުމުން އެއްވެސް ސަބަބެއް އެންގުމެއް ނެތި އެތައް އިރެއްގައި އެއާޕޯޓްގައި ބޭންދުމަށް ފަހު އޭނާ ޗެންނާއީއަށް ވަންނަން ހުއްދަ ނުދީ ފޮނުވާލާފައި ވަނީ މިދިޔަ ހޯމަ ދުވަހުގަ އެވެ. އެކަމާ ގުޅިގެން ނިހާން ވަނީ އިންޑިޔާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މީޑިއާގައި ވާހަކަ ދައްކަވާފަ އެވެ.

މި މައްސަލަ މާލޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި އަދި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒްއަށް ވެސް އެކަން އަންގާފައިވާ ކަން ފޮރިން މިނިސްޓްރީ އިން ކަށަވަރުކޮށްދެ އެވެ. ނަމަވެސް ކަންބޮޑުވާންޖެހޭ ކަމަކީ މިހާތަނަށް އިންޑިޔާއިން މިކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ނުބުނެ ހިމޭނުން އޮތުމެވެ. "ޑިޕްލޮމެޓިކް" ކޮށް މައްސަލަ ހައްލު ކުރަން ބޭނުންނަމަ، ނިހާނަށް ހުއްދަ ނުދިނީ މެޑިކަލް ކަމަކު ޓޫރިސްޓު ވިސާގައި އެތެރެވާން އުޅުނީމައޭ ބުނެ ވަރަށް ފަސޭހައިން މައްސަލަ ނިންމާލެވެން އެބަ އޮތެވެ. ނޫނީ އިމިގްރޭޝަން އޮފިޝަލުންނަށް އެރި އޮޅުމެކޭ ބުނެ މައާފަށްވެސް އެދެވުނީސް އެވެ.

އެކަމަކު ދެ ދުވަސް ފާއިތުވެގެން ދިޔައިރު، އިންޑިއާ ހިމޭނުން އޮތުމަކީ ސަރުކާރަށް އޮތް ބޮޑު ބިރުވެރިކަމެކެވެ. މީގެއިން އެއްވެސް ގޮތަކަށް އިންޑިއާ ރިއެކްޓްނުކޮށް ހަނު އޮތުމުގެ މާނައަކީ އިންޑިއާ އިން ދިވެހި ސަރުކާރާއި ދެކޮޅަށް ފިޔަވަޅު އެޅި ކަމަށް ބުނުމުގެ ޖާގަ މި އަންނަނީ ބޮޑުވަމުން އެވެ. ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކަށް "ބުލީ" ކުރާކަށް އިންޑިއާ އަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލުން އެއީ ވަރަށް ނާދިރު ކަމެކެވެ. އަދި ވަކިމީހަކަށް ބްލީކުރާ ވަރަށް ވުރެ އިންޑިއާގެ މަސްލަހަތު ތައް ސަރަހައްދުގައި ބޮޑުވާނެ އެވެ.

"މައްކާ" ނޫނަސް އިންޑިއާގެ ނިންމުން ސަރުކާރަށް މުހިންމު!

ސަރުކާރުގެ އެކިއެކި ބޭފުޅުން މިހާރު ގެންދަވަނީ އިންޑިއާއަށް އެރުން މަނާކުރިޔަސް ވަރިހަމަކަށް ވިދާޅުވަމުންނެވެ. ވަކިވަކި ސަރުކާރުގެ ބޭފުޅުންނަށް އިންޑިއާ އިން ފިޔަވަޅު އެޅިޔަސް ފަރުވާލެއްނެތް ކަމަށް ވިދާޅުވި ސޯޝަލް މީޑިއާގައި އެބޭފުޅުން ގެންދަވަނީ ގޮންޖައްސަވަމުން އެވެ. އެކަމަކު ހަގީގަތުގައި ވެސް އިންޑިއާ އިން ސަރުކާރާއި ދެކޮޅަށް ފިޔަވަޅު އެޅީކަމަށް ވަނީނަމަ، އެއީ މަސްރަހު އިތުރަށް ގޯސްވެގެން ދިޔުމުގެ ފެށުމަކަށް ވުން ގާތެވެ. މިހާތަނަށް އިދިކޮޅު ފަރާތްތަކުން ފިޔަވަޅު އެޅުމަށް އިންޑިއާ ކިބައިން އެދެމުން އައި ހަގީގީ ސަބަބަކީ ވެސް މިއީ އެވެ. އިންޑިއާގެ މި ނިންމުން ވާނީ ފެށުމަކަށް ކަމަށް ބުނުމުގެ ފުރުސަތު މި އަންނަނީ ބޮޑުވަމުން އެވެ.

މި ސަރަހައްދުގެ އެންމެ ބާރުގަދަ ގައުމު އަޅާ ފިޔަވަޅަކަށް އެހެން ގައުމުތަކުން ބަލާނެ އެވެ. ހާރިޖީ ދުނިޔޭގައި އަބަދުވެސް ކަން ހިނގާނީ މި އުސޫލުންނެވެ. އިންޑިއާ އިން ދިވެހި ސަރުކާރާއި ދެކޮޅަށް ފިޔަވަޅު އަޅައިފިނަމަ، އެއާއި ވިދިގެން މިހާރުވެސް އެ ބަހުސް ކުރަމުންދާ ޔޫރަޕާއި އެމެރިކާ އިން ވެސް ފިޔަވަޅު އަޅާނެ އެވެ. އެއަށްފަހު ޔޫރަޕާއި ޔޫއެސްއަށް ބަރޯސާވާ ގައުމުތައް އެ ނިންމުން ނަކަލު ކުރާނެކަމާމެދު ޝައްކެއްވެސް ނެތެވެ.

މީގެ ކުރީގައި ވަރަށް ހަލުވިކަމާއެކު ބަޔާންތައް ނެރެން މަޝްހޫރު ދެ ގައުމުންވެސް މިހާތަނަށް ރަސްމީކޮށް އެއްޗެއް ނުބުނެވިގެން މިއުޅެނީ، ނިހާނު އިންޑިއާ އަށް އެތެރެނުވެވުނު ސުވާލުގެ ޖަވާބުގެ މުހިންމު ކަމުގެ ބޮޑުކަމުން ކަމުގައި ވުން ވަރަށް ގާތެވެ. ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް، އިންޑިއާއިން ދޭ "ޖަވާބަކުން" މުޅި ރާއްޖޭގެ ސިޔާސީ މަސްރަހު އެފުށުން މިފުށަށް ޖަހާލާނެ އެވެ.