ވިޔަފާރި

ރޯދަ މަހު ކުރަންވީ މި މަސައްކަތް!

Jun 8, 2018
5

އައި ކެއާ ކައިރިން އޯކިޑް މަގަށް ލަނބާލިތަނުން ފެނުނީ ދުން ގަނޑެކެވެ. ދުން އަރަނީ އެވެ. ބޯކޮށެވެ. އެހެންވެ ދުއްވަން އިން ސައިކަލުގެ ދުވެލި ބާރުކޮށްލައި، ދުއްވާލީމެވެ. އޭރު ވެސްވާ ގޮތެއް ނޭނގެ އެވެ. އެހެންވެ ހިތުގައި އޮތީ ބިރުވެރި ކަމެކެވެ. އެކަމަކު ތަންކޮޅެއް ކުރިއަށް ދިޔަ ތަނުން މިވާގޮތް އެނގިއްޖެ އެވެ. މީރު ވަސް ދުވަން ފަށައިފި އެވެ. ހީވަނީ ހަމަ ބަނޑު ފުރިދާނެ ހެންނެވެ. އެ ދުވަނީ މަސް ފިހާ ވަހެވެ. މި ރޯދަ މަހުގެ ކޮންމެ ދުވަހަކު މި މަގުން މިވަސް ދުވާނެ އެވެ. މި ތަނުގައި ކުރާ ކަމަކީ މަސް ފިހުމެވެ. ރޯދަ މަހު މިއީ ކުރަން އެންމެ ރަނގަޅު އެއް މަސައްކަތެވެ.

"ވަރަށް ރަނގަޅު، ކޮންމެ ދުވަހަކު ވެސް ވަރަށް ގިނަ ބަޔަކު އައިސް މަސް ގަނެގެންދޭ،" ރެޑް ސްޓެޕާ- ގްރިލް އެންޑް ޗިކަންގެ ނަމުގައި ފަރު މަހާއި ކުކުޅު ފިހުމުގެ މަސައްކަތް މި ރޯދަ މަހު ކުރާ، އަހުމަދު ޒުނޭދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރޯދަ މަހަށް މިއީ ކުރަން ރަނގަޅު މަސައްކަތެވެ. އެކަމަކު ތިޔަ ހީކުރާ ވަަރަށް ބުރެ މި މަސައްކަތް ބުރަވާނެ އެވެ. ފުރަތަމަ މި މަސައްކަތުގެ ފުރަތަމަ ބައި ފެށެނީމަސް ހޯދުމާ ހަމައިންނެވެ. މަސް ބާނަން ދާން ނުޖެހުނުނަމަވެސް މި ރޯދަ މަހު މަހެއް ހޯދުމަކީ ފަސޭހަކެއް ނޫނެވެ. މި މަސައްކަތުގެ އަގު އެކަމަކަށް ބިނާވެފައިވާ މި މަސައްކަތަކީ މީގައި އެންމެ ދަތި އެއް ކަމެވެ. އެހެންވެ ކޮންމެ ދުވަހަކު ވެސް ޒުނޭދު މި ކަމުގައި ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހެ އެވެ.

"ވަރަށް ދަތިކަމެއް މަސް ހޯދުމަކީ. ކުޑަކުޑަ މަހެއް އެ ވިއްކަނީ 60ރ. އަށް. އެހެންވެ މަސް ފިހެގެން ވެސް ބޭނުންވާ ހެޔޮކޮށް ނުވިއްކޭ. ފައިދާއެއްވެސް އިންނަން ޖެހޭނެތާ؟" މަސް ހޯދަން ކުރާ މަސައްކަތް އޭނާ ކިޔައިދިނެވެ.

"ހަމަ އާދޭސް ކުރަން ތަންކޮޅެއް އަގު ހެޔޮކޮށް މަސް ހޯދަން. ނޫނީ ކިލޯ ކިރައިގެން ގޮތަށް ވެސް ވިއްކައިދޭށޭ ބުނަން. އެކަމަކު ހަމަ ނު ލިބެނީ. އެހެންވެ ލިބޭ އަގެއްގައި ހޯދަން ޖެހެނީ."

ރަތް މަސް ފިހެދެނީ ބުނީމަ

މިތަނުގައި މަސް ފިހަނީ ޗާކޯލް އަންދައިގެންނެވެ. މި މަސައްކަތުގައި އަތް ގާތްކޮށް ދޭން ބިދޭސީއެއް މަސައްކަތް ކުރެ އެވެ. އެކަމަކު މައިގަނޑު ހުރިހާ މަސައްކަތެއް ކުރަނީ ޒުނޭދު އަމިއްލަ އަށެވެ. ފަރު މަހުގެ ނަން ހުސްކޮށް މިތަނުން ލިބެން ހުންނާނެ އެވެ. ގިނަ ބާވަތްތައް މިތަނުގައި ހުންނާނީވެސް ފިހެފަ އެވެ. ގަންނަން އައިސް މީހަކު ބުނީމަ ޕެކްކޮށްލާފަ ދޭނީ އެވެ. ނަމަވެސް ރަތް މަސް ތަފާތެވެ.

"ރަތް މަސް ފިހެދެނީ ކުރިން އޯޑަރު ދިނީމަ، އައިސް ބުނީމަ ފިހެދޭނީ. އެހެން މަސްތައް އާއްމުކޮށް ލިބެން ހުންނާނެ،" އޭނާ ބުންޏެވެ.

ރޯދަ މަހު މިއީ ކުރަން ރަނގަޅު މަސައްކަތެވެ. ހުސްކޮށް އޮތް ގޯތީގެ ބައިގައި މިރޯދަ މަހު ކުރާ މި މަސައްކަތުން ރަނގަޅު އާމްދަނީއެއް ވެސް ލިބެ އެވެ. ދުވާލެއްގެ މައްޗަށް އެވްރެޖު ގޮތެއްގައި 6،000ރ. މަސް ފިހެގެން ޒުނޭދު ހޯދަ އެވެ.

"މީގަ އޮތީ ހަމަ މަސައްކަތް. މައްސަލައަކީ އެއްޗިހި އަގު ބޮޑީމަ. އެކަމަކު ރޯދަ މަހު މިއީ ކޮށްލަން ވަރަށް ރަނގަޅު ކަމެއް."

އޭރުވެސް މީހުން ގަނޑު މަސް ގަންނަން އަންނަނީ އެވެ. އެހެންވެ އޭނާއަށް މާގިނައިން ވާހަކަ ދެއްކޭ ގޮތެއް ނުވި އެވެ. އެކަމަކު މިއީ ހަމަ ޔަގީނުންވެސް ރޯދަ މަހު ކޮށްލަން އެންމެ ރަނގަޅު އެއް މަސައްކަތްކަން ޔަގީންނެވެ.