ލައިފްސްޓައިލް

މުސްކުޅި ވިޔަސް ބަލިނުވުން، ސައެންސްވެރީންގެ އާ ލަނޑުދަނޑި!

May 26, 2015

މުސްކުޅިވުމަކީ ޢާއްމުކޮށް ބުނާނަމަ އެއްވެސް މީހަކު ބޭނުންވާ ކަމެއް ނޫނެވެ. މުސްކުޅިވިޔަ ނުދިނުމަށް އެކި ޒަމާންތަކުގައި މީހުން ކޮށްއުޅުނު މަސައްކަތްތައް މުޅި  އިންސާނީ ތާރީހުންވެސް ފެންނަން އެބައޮތެވެ. އެ ދުވަސްވަރެއްގެ ގަބޫލު ކުރުންތަކާއި ޢިލްމުގެ އަލީގައި މުސްކުޅިވުމުގެ ހަގީގަތް ދެނެގަނެ އެކަން ހުއްޓުވުމަށް މަސައްކަތް ނުކުރާ ދުވަސްވަރެއް އިންސާނުން ތަހުޒީބުވާން ފެށީއްސުރެ ދުނިޔެ ދެކެފައެއް ނުވެއެވެ.

މުސްކުޅި ވުމަކީ ގުދުރަތުގެ ގާނޫނޭ ބުނެ އެކަން ބަލައިގަތުން ފިޔަވައި މާބޮޑު ކުރިއެރުމެއް ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ކުރި އަރާފައިވާ ކަމެއް ނޫނެވެ.

މުސްކުޅިވުން ހުއްޓުވޭނެ އެއްވެސް ގޮތެއް ސައެންސްވެރީންނަށް އަދި ހޯދިފައެއް ނުވެއެވެ. އެހެންކަމުން އެމީހުންގެ އާ ލަނޑުދަނޑިއެއް ކަމަށް މިހާރު ވެފައިވަނީ މުސްކުޅިވިޔަސް ބަލިވިޔަ ނުދީ އިންސާނާގެ ހަށިގަނޑު ދެމެހެއްޓުމެވެ. ޢުމުރު ދިގު ކުރުމެވެ.

މަރުވާ ޢުމުރު މަތި ކުރުން، އެހެން ޢިބާރާތަކުން ނަމަ، ޢުމުރު ދިގު ކުރުމަކީ ބޭސްފަރުވާގެ އެހީގައި މިހާރުވެސް ޙާސިލް ކުރެވިފައިވާ ކަމެކެވެ. ފާއިތުވީ ބައި ގަރުނުގެ ތެރޭގައި (1969 ވަނަ އަހަރުން 2012 އާއި ހަމަޔަށް) ޖަމާކުރެވިފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި އެވްރެޖްކޮށް އިންސާނެއްގެ އުމުރަށް 10 އަހަރު އިތުރުވެއްޖެއެވެ.

ރާއްޖޭގައި މި މުއްދަތުގެ ތެރޭގައި އެވްރެޖްކޮށް މީހެއްގެ އުމުރަށް 42 އަހަރު އިތުރުވެއްޖެއެވެ. 1960 ގައި ރާއްޖޭގައި އެވްރެޖްކޮށް މީހުން މަރުވެފައިވަނީ 35 އަހަރުގައެވެ. މިހާރު 77 އަހަރުގައެވެ. (ވޯލްޑް ބޭންކްގެ ތަފާސް ހިސާބު)

ކުރީޒަމާނުގައި މީހުންގެ ޢުމުރު ކުރުވުމަށް މެދުވެރިވި ގިނަ ބަލިތަކަކީ ގައިން ގަޔަށް އަރާ ބަލިތަކެވެ. އޭގެ ތެރެއިން ގިނަ ބަލިތަކަކީ މިހާރު ބޭސް ފަރުވާގެ އެހީގައި މުޅީން ފަސޭހަ ކުރެވޭ ބަލިތަކެކެވެ. މި ޒަމާނުގައި މީހުންގެ ޢުމުރު ކުރުވުމުގެ މައިގަނޑު ސަބަބަކީ ކެންސަރާއި، އަލްޒައިމާސް އާއި، ހަކުރުބައްޔާއި ހިތުގެ ބައްޔެވެ. ސައެންސްވެރީން މިހާރު ފޫގަޅާފައިތިބީ މި ބަލިތައް މުޅީން ފަސޭހަ ކުރެވޭނެ ބޭހެއް އީޖާދު ކުރުމަށެވެ. މި ބަލިތައް ފޮހެލެވިއްޖެނަމަ މީހުންގެ ޢުމުރަށް 10-15 އަހަރު އިތުރުވެގެންދާނެ ކަމަށް ސައެންސްވެރީން ގަބޫލު ކުރެއެވެ.

މިކަމަށް ބޭނުން ކުރެވިދާނެފަދަ ކިތަންމެ ބޭހެއް މިހާރުވެސް ވަނީ އުފައްދާފައެވެ. ނަމަވެސް އެ ބޭސްތައް އިންސާނުންނަށް ދީގެން އެންމެ އެދެވޭ ގޮތުގައި "ކްލިނިކަލް ޓްރަޔަލް" ތައް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ޢުމުރުން ދުވަސްވުމާއިބެހޭ ދިރާސާތައް ކުރާ އެމެރިކާގެ ޖަމްއިއްޔާއެއް ކަމަށްވާ "އެމެރިކަން ފެޑެރޭޝަން ފޮރ އޭޖިންގ ރިސަރޗް" ގެ ފުންނާބުއުސް މާހިރުންގެ ޓީމަކުން ތައްޔާރުވަމުންދަނީ މިފަދަ ބޭހެއް ގިނަ އަދަދެއްގެ މީހުން ބޭނުންކޮށްގެން، ދިހަ ބާރަ އަހަރުވަންދެން ތަހުލީލުކޮށް އެދެވޭ ނަތީޖާއެއް ނެރުމަށެވެ.

އެމީހުން މިކަމަށް ބޭނުން ކުރާނީ މިހާރު ހަކުރުބަލީގެ މީހުންނަށް ޢާއްމުކޮށް ދޭ ބޭހެއް ކަމަށްވާ "މެޓްފޯމިން" އެވެ. އެ ބޭސް އެކި ގޮތްގޮތަށް ބަދަލުކޮށްގެން އަޖުމަ ބެލުމަށް އެ ޓީމުން ވަނީ ނިންމާފައެވެ. އެހެން ހުރިހާ ބޭހެއް ބަހައްޓާފައި އެ ބޭސް މި ތަހުލީލުތަކަށް ބޭނުން ކުރުމަށް އެމީހުން ނިންމީ، މި ބޭސް ބޭނުން ކުރާ ހަކުރުބަލީގެ މީހުން، އެ ބޭނުން ނުކުރާ މީހުންނަށްވުރެ 15 އިންސައްތަ އުމުރު ދިގުކަން ފާހަގަ ކުރެވިފައިވާތީއެވެ. އަދި މިއީ އުފައްދައި ވިއްކަން އަގުހެޔޮ ބޭހަކަށް ވާތީވެސް މެއެވެ.

މި ތަހުލީލުތައް ނިމުމުން އެމެރިކާގެ އެފް.ޑީ.އޭގެ ހުއްދައާއިއެކު މުސްކުޅި ޢުމުރުގައި ޖެހޭ ބަލިތަކުން މީހާ ސަލާމަތްކޮށްދޭނެ ބޭހެއް ބާޒާރަށް ނެރެވޭނެ ކަމަށް ތަހުލީލު ޓީމުން އުއްމީދު ކުރެއެވެ.

އިންޒާރު: ޑޮކްޓަރެއްގެ އިރުޝާދާއި ނުލާ އެއްވެސް ބޭހެއް ބޭނުން ކުރުމަކީ ރައްކާތެރިކަމެއް ނޫނެވެ.