ޕްރިޔާންކާ ޗޯޕްރާ

"ކްރިޝް 4" ގައި ޕްރިޔަންކާ ފެންނާނެ

ޕްރިޔަންކާ ޗޯޕްރާއަށް ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު ސީރީޒް "ކްރިޝް" ގެ ހަތަރު ވަނަ ފިލްމުގައިވެސް އޭނާ ފެންނާނެ ކަމަށް ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ރާކޭޝް ރޯޝަން ހާމަކޮށްފި އެވެ.

ރާކޭޝް މިކަން ހާމަކޮށްފައި ވަނީ ދާދިފަހުން ޕްރިޔަންކާއާއި ބެހޭގޮތުން އިންޑިއާގެ ނޫސްވެރިޔަކު ލިޔުނު ފޮތެއް ކަމަށްވާ "ޕްރިޔަންކާ ޗޯޕްރާ: ދަ ޑާކް ހޯސް" އަށް އިންޓަވިއުދިން އިރުގަ އެވެ. އެ ފޮތުގައި ޕްރިޔަންކާއާއި ބެހޭގޮތުން ނޭނގޭ އެތަށް ވާހަކަތަކެއް ހިމަނާފައިވެ އެވެ. ޕްރިޔަންކާގެ ރައްޓެހިންނާއި އެކުގައި މަސައްކަތްކުރި މީހުންގެ އިންޓަވިއުތައްވެސް ހިމަނާފައިވެ އެވެ.

"ކްރިޝް" ގެ ފުރަތަނަ ފިލްމުގައި ޕްރިޔަންކާ ކާސްޓުކުރުމާއި ބެހޭގޮތުން ވާހަކަދައްކަމުން ރާކޭޝް ބުނީ އެ ފިލްމު ތައްޔާރުކުރި އިރުގައި އޭނާ ބޭނުންވީ ދާއިރާގައި ކުރި އަރަމުން އަންނަ އާ ކުއްޖެއް ކަމަށެވެ. އެއީ އެ ފިލްމުގެ ޝޫޓިން ފަހަރެއްގައި ދިގުލައިގެން ހިނގައިދާނެތީ ކަމަށް އޭނާ ބުންޏެވެ.

ރާކޭޝް ބުނީ މިސް ވޯލްޑްގެ ޓައިޓަލް ހޯދާފައިވާ ޕްރިޔަންކާއާއި ވަރަށް ކުރިން ދިމާވެގެން ވާހަކަދެއްކި ކަމަށެވެ. ޕްރިޔަންކާގެ ކިބާގައި ދާއިރާއަށް ޝައުގުވެރިކަމާއި ގާބިލުކަންހުރި މިންވަރު ފެނުނު ކަމަށްވެސް ރަކޭޝް ބުނެފައިވެ އެވެ. ކުރާ މަސައްކަތައް ފުރިހަމައަށް ވަގުތުދިނުމަކީ ޕްރިޔަންކާގެ ވަރަށް ރަނގަޅު ސިފައެއްކަމަށް އޭނާ ބުނެފައިވެ އެވެ.

"އަހަރެން ވަރަށް ހިތްހަމަޖެހުން ޕްރިޔަންކާއާއެކު މަސައްކަތްކުރަން. "ކްރިޝް 4" ގައިވެސް ޕްރިޔަންކާ ފެންނާނެ. އެކަމަކު މި ފިލްމުގައި އޭނާގެ ރޯލުގެ ދިގުމިނެއް ބުނެދޭކަށް އަދި ނޭނގެ." ރަކޭޝް ބުނެފައިވެ އެވެ. ރާކޭޝް އިތުރަށް ބުނީ ޕްރިޔަންކާ ކުރިއަރާއި ގޮސް ހޮލީވުޑްގައި ފައިތިލަ ސާބިތުކޮށްލާނެ ކަމަށް އޭނާ ދުވަހެއްގެ ކޮޅުންވެސް ހީނުކުރާ ކަމަށެވެ.