ދުނިޔެ

ކިމް އެމެރިކާއަށް ވަޑައިގަންނަވަން ދައުވަތު އެރުވިދާނެ: ޓްރަމްޕް

ސިންގަޕޫރުގައި އަންނަ އަންގާރަދުވަހު ބާއްވާ ބައްދަލުވުން ރަނގަޅަށް ކުރިއަށް ގޮސްފި ނަމަ އުތުރުކޮރެއާގެ ލީޑަރު ކިމްޖޮން އުން އެމެރިކާއަށް ވަޑައިގަންނަވަން ދައުވަތު އެރުއްވިދާނެ ކަަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަފުޅު ދެއްކެވީ އެމެރިކާއަށް މިހާރު ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލުކުރެއްވުމަށް ފަހުގައެވެ. އަބޭ އެމެރިކާއަށް ވަޑައިގެން ޓްރަމްޕާ ބައްދަލުކުރެއްވީ އުތުރުކޮރެއާގެ ލީޑަރު ކިމްޖޮން-އުންއާ އެކު ޓްރަމްޕް ބާއްވަވަން އުޅުއްވާ ސަމިޓާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށެވެ.

"ކަންތައްތައް [ބައްދަލުވުން]ރަނގަޅަށް ގޮސްފިއްޔާ ފަހަރެއްގައި އެކަން ވެދާނެ. އަޅުގަނޑަށް ހީވަނީ އެކަން ވަރަށް ރަނގަޅަށް ބަލައިގަންނާނެހެން. އަޅުގަނޑަށް ހީވަނީ [ކިމް]އެކަަމަށް ޝައުގުވެރިކަމާ އެކު ބައްލަވާނެހެން. އެހެންވީމާ އެކަން ވެދާނެ،" ޓްރަމްޕް ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.

ފްލޮރިޑާގެ ޕާމްބީޗްގައިވާ ޓްރަމްޕްގެ އަމިއްލަފުޅު މާރާލާގޯއަށް ވަޑައިގަންނަޗަން ކިމްއަށް ދައުވަތު ދެއްވަފާނަންތޯ ނޫސްވެރިއަކު ދެންނެވުމުން ޓްރަމްޕް ވިދާޅުވީ ފެށުމެއްގެ ގޮތުން ވައިޓްހައުސް ރަނގަޅުވާނެ ކަމަށެވެ.

ކިމްއާއި ޓްރަމްޕްގެ ބައްދަލުވުން އޮންނާނީ އަންނަ އަންގާރަ ދުވަހު ސެންތޯޒާ ސިންގަޕޫރުގެ ސަންތޯޒާ އައިލެންޑްގައެވެ.

ސެންތޯޒާއަކީ ސިންގަޕޫރުގެ 63 ރަށުގެ ތެރެއިން އެއް ރަށެވެ. ބޮޑުމިނުގައި 500 ހެކްޓަރު ހުންނަ އެރަށަކީ ސިންގަޕޫރުގެ މައި ރަށާ ވަރަށް ކައިރީގައިވާ ރަށެކެވެ. އެރަށަކީ ލަގްޒަރީ ހޮޓާތަކާއި ޕްރައިވެޓް މެރީނާތަކާއި ގޮލްފްކޯޒްތައް އޮންނަ ރަށެކެވެ. ނަމަވެސް އެއީ ބޮޑެތި ލޭ އޮހޮރުވުންތަކާއި ކަނޑުފޭރުމުގެ ތާރީހެއް އޮންނަ ރަށެކެވެ.