ހަބަރު

މުއްދަތު ފާއިތުވި އިރު ވެސް ޕާޓީތަކަށް ހަމަޔަށް ފައިސާ ނުދޭ!

ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ފާއިތުވެ ދިޔަ އިރުވެސް ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ އެއްކޮށް ނުދޭ ކަމަށް ބުނެ އެ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. ގާނޫނުގައި ބުނާ ގޮތުން ކޮންމެ އަހަރަކު ވެސް ފާސް ކުރާ ބަޖެޓުގެ ޖުމްލައިގެ 0.2 ޕަސަންޓު ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ދޭން ޖެހެ އެވެ.

އެކަމާ ބެހޭ ގޮތުން "އަވަސް"އާ ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް ވިދާޅުވީ އިލެކްޝަން ކޮމިޝަން (އީސީ) އިން އެމްޑީޕީއަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ކުޑަ މިންވަރެއް ދިން ކަމަށާއި ނަމަވެސް އެއީ ގާނޫނާ ހިލާފް އަމަލެއް ކަމަށެވެ. ޕާޓީތަކަށް ފައިސާ ދޭ އިރު ދޭން ޖެހޭނީ ގާނޫނުގައި ބުނާ މިންވަރަކަށް ކަމަށާއި އޭގެ ބަދަލުގައި ފައިސާ ނުދީ ހިފަހައްޓަނީ ރިޔާސީ އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ގޮތުން ކުރާ މަސައްކަތެއް ގޮތުގައި ކަަމަށް ހަސަން ސިފަ ކުރެއްވި އެވެ.

"ފުރަތަމަ ކަމަކަށް އެމްޑީޕީއަށް ދޭން ޖެހޭ ފައިސާގެ އަދަދުތައް ވެސް ވަނީ އޮޅުވާލާފައި، ޕާޓީތަކަށް ފައިސަ ދެނީ އެ ޕާޓީއެއްގެ މެންބާޝިޕްގެ އަދަދުން، އެމްޑީޕީގެ އަދަދަކީ 52،000، އެކަަމަކު އީސީއިން އަދަދެއް ޖަހައިގެން އުޅެނީ ކަނޑައެޅިގެން އޮޅުވާލައިގެން، އެހެންވެ އަޅުގަނޑުމެން މި ބުނަނީ [އީސީގެ ރައީސް] ޝަރީފް އާއި ހުރިހާ މެންބަރުން ބަދަލު ކުރާނަމޭ، އަދި އެ ހުރިހާ މީހުން އިންސާފުގެ ކުރި މައްޗައް ގެންނާނަން،" ހަސަން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ސެކެޓަރީ ޖަނަރަލް އަހުމަދު ސަމީރު ވިދާޅުވީ އެ ޕާޓީއަށް ލިބެން ޖެހޭ އަދަދުގެ ބަދަލުގައި އީސީ އިން މިހާތަނަށް ދީފައި ވަނީ ހަ ލައްކަ ރުފިޔާ ކަމަށެވެ. ނަމަވެސް އެއީ ގާނޫނާ ހިލާފަށް ކުރައްވާ ކަމެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ފިނޭންސް މިނިސްޓަރު ޕާޓީތަކަށް ދޭން ޖެހޭ ފައިސާގައި ހިފަހައްޓައިގެން އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށެވެ.

"ޕާޓީތަކަށް ފައިސާ ދޭން އޮންނަނީ ތިން މަސް ތެރޭގައި، މިހާރު އަހަރުގެ ހަ މަސް މި ނިމުނީ، އަދި ޕާޓީތަކަށް ފައިސާ ދޭން ޖެހޭނީ ގަނޑުކޮށް، ޗިޓުކޮޅެއްގައި ލިޔެފައި އީސީ އަތުގައި ހުރި ފައިސާ ކޮޅެއް ހަމަޖައްސާލާފައި ޕާޓީތަކަށް ދީގެން ފުއްދޭކަށް ނޯންނާނެ، އެއީ ގާނޫނު ބުނާ ގޮތެއް ނޫން، އެއީ ޕާޓީތަކަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް،" ސަމީރު ވިދާޅުވި އެވެ.

ޕާޓީތަކަށް ފައިސާ ހަމަޔަށް ނުދޭ މައްސަލާގައި އީސީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް އެ ކޮމިޝަނުން ކުރިން ބުނެފައި ވަނީ ޕާޓީތަކަށް ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރު ތަމްސީލު ކުރާ ޕާޓީ، ޕީޕީއެމް އަށް 11 މިލިއަން ރުފިޔާ ދޭ އިރު އެމްޑީޕީއަށް ދޭން ނިންމާފައި ވަނީ ހަތް މިލިއަން ރުފިޔާ އެވެ. އަދި ޖުމްހޫރީ ޕާޓީއަށް 2.5 މިލިއަން ރުފިޔާ ދޭ އިރު އެމްޑީއޭއަށް ދެ މިލިއަން ރުފިޔާ ދޭން ނިންމާފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ތާރީހު އިއުލާން ކުރުމަށް ރޭ އީސީ އިން ބޭއްވި ހަފްލާގައި އެ ކޮމިޝަންގެ ރައީސް ވިދާޅުވީ ފައިސާ އެކީ ނުދެވިގެން އުޅެނީ ބަޖެޓްގެ ތާށިކަމެއް އުޅޭތީ ކަމަށެވެ. އަދި ކޮމިޝަނަށް ބަޖެޓްގެ ތާށިކަން ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.