ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފޭވަރިޓަކީ ޝާރުކް ޚާނޭ ބުނެވިދާނެ އެވެ. އެ ދެ މީހުން އެކުގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ފިލްމީ މަސައްކަތްތަކުގެ އިތުރަށް ދެ މީހުންގެ މެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމަކީ ވެސް ވަރަށް ގާތް ގުޅުމެކެވެ.
ދާދިފަހުން ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއެއްގައި ކަރަން ބުނީ މިހާރު އޭނާ ހުރީ ޝާރުކްއާއެކު މަސައްކަތްކޮށްލުމަށް ކެއްމަދުވެފައި ކަމަށެވެ. މި އަހަރަކީ ކަރަން ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ފެށިތާ 20 ވަނަ އަހަރަށްވާއިރު، އޭނާ ޝާރުކްއާއެކު ކުރި ފުރަތަމަ މަސައްކަތް އަދި އޭނާގެ ފުރަތަމަ ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އަށްވެސް 20 އަހަރުވީ އެވެ.
"ޝާރުކްއާއެކު މަސައްކަތްކުރަން ކެތްމަދުވެފައި މިހުރީ. މިދިޔަ އަހަރުތަކުގެ ތެރޭގައި އަހަރެމެން ދެ މީހުން އެކުގައި 'ސްޓޫޑެންޓް އޮފް ދި އިޔާ' އަދި 'ޑިއާ ޒިންދަގީ' ފަދަ ފިލްމުތައް ކޯ-ޕްރޮޑިއުސް ވެސް ކޮށްފިން. އެކަމަކު މިހާރު އަހަރެން ބޭނުންވަނީ ދެ މީހުން އެކުގައި އެއަށްވުރެ ބޮޑު އަދި ރަނގަޅު މަސައްކަތެއް ކުރަން."
ފިލްމީ ދާއިރާގައި ކުރިމަތިވި އެންމެ ރަނގަޅު ތަޖުރިބާއަކީ ޝާރުކް ކަމަށް ބުނަމުން ކަރަން ބުނީ، "އަހަންނަށް ޔަގީން އަހަރެމެން ދެމީހުން އެކުގައި ކުރާ މަސައްކަތެއް ވަރަށް ފުރިހަމަ ވާނެކަން."
ޝާރުކް ވަނީ ކަރަންގެ ފިލްމުތައް ކަމަށްވާ "ކަބީ ޙުޝީ ކަބީ ޣަމް"، "ކަބި އަލްވިދަ ނާ ކެހެނާ" އަދި "މައި ނޭމް އިޒް ޚާން" ގައި ފެނިގެން ގޮސްފަ އެވެ. އެންމެ ފަހުން ކަރަންއާއެކު ޝަރުކް މަސައްކަތް ކުރީ 2016 ވަނަ އަހަރު ނިކުތް ފިލްމު "އޭ ދިލް ހޭ މުޝްކިލް" ގަ އެވެ. އެ ފިލްމުގައި ޝާރުކްގެ އައީ ހާއްސަ ފެނިލުމަކަށެވެ.