ބޮލީވުޑް

މި ފިލްމުގެ ނަމަކީ މިހާރު "ޓޮއިލެޓް ހީރޯ"

އަކްޝޭ ކުމާރްއާއި ބޫމީ ޕަދްނޭކަރް ފެނިގެންދާ ފިލްމު "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" އިއްޔެ ވަނީ ޗައިނާގެ ސިނަމާތަކުގައި ދައްކަން ފަށާފަ އެވެ. ޗައިނާގައި މި ފިލްމު ރިލީޒް ކޮށްފައި ވަނީ ފިލްމުގެ ނަންވެސް ބަދަލު ކުރުމަށް ފަހުގަ އެވެ.

ފިލްމުގެ ނަން ބަދަލުކޮށްފައި ވަނީ "ޓޮއިލެޓް ހީރޯ" އަށެވެ. ކޮމެޑީއެއް ގޮތަށް ގެނެސްދޭ މި ފިލްމަކީ އިންޑިއާގެ ސަރުކާރުން އެ ގައުމުގެ ނަރުދަމާގެ ނިޒާމް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތްތަކަށް ހިތްވަރުދޭ ގޮތަށް ގެނެސްދީފައިވާ ފިލްމެކެވެ. މި ފިލްމަށް ވަނީ ފިލްމުފެއާ އެވޯޑުގައި ތިން ނޮމިނޭޝަން ވެސް ލިބިފަ އެވެ.

ޗައިނާގައި މި ފިލްމު 4300 ސްކްރީނުގައި ދައްކާނެ އެވެ. މިއީ އިންޑިއާގައި މި ފިލްމު ދެއްކި ސްކްރީނުގެ އަދަދާއި އަޅާ ބަލާއިރު ބައިކުޅައި ބައި ބޮޑު އަދަދެކެވެ. މި ފިލްމު އެ ގައުމުގައި ދައްކާނީ ރިލައެންސް އެންޓަޓެއިންމަންޓުގެ ކުޑައިގެ ދަށުންނެވެ.

ރިލައެންސް، ޗައިނާގެ މާކެޓަށް މި ދަނީ ހަތް އަހަރު ފަހުންނެވެ. އެމީހުން ވަނީ 2011 ވަނަ އަހަރު "ތްރީ އިޑިއަޓްސް" ޗައިނާގައި ދައްކާފަ އެވެ.

ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ޗައިނާގެ މާކެޓުގައި ދައްކާ މިހާރު އަންނަނީ ބޮޑު އާމްދަނީއެއް ހޯދަމުންނެވެ. އެންމެ ފަހުން ދެއްކި ފިލްމުތައް ކަމަށްވާ "ސީކްރެޓް ސުޕަސްޓާ"، "ބަޖްރަންގީ ބައިޖާން"، އަދި "ހިންދީ މީޑިއަމް" އަށްވަނީ ހީނުކުރާވަރުގެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.