ދުނިޔެ

ނަޖީބު ވެއްޓުމުން އެމެރިކާއިން ވަންްއެމްޑީބީ ތަހުގީގު އަވަސް ކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ސަރުކާރުން ގާއިމްކުރި ސަވަރެއިން ފަންޑް "ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރުހާދު" (ވަންއެމްޑީބީ) ގެ ފައިސާއަށް ނަޖީބާއި އޭނާގެ އަރިސް ބޭފުޅުން ހިޔާނާތްތެރިވެވަޑައިގެންފައިވާ ކަަމަށް ކުރާ ތުހުމަތާ ގުޅިގެން ކުރާ ތަހުގީގު އެމެރިކާއިން އަވަސްކޮށްފި އެވެ.

މައުލޫމާތު ލިބިގެން ތިބި މަސްދަރުތަކަކާ ހަވާލާދީ ރޮއިޓާސް ބުނީ މިދިޔަ މޭމަހުގެ ނުވަ ވަނަަ ދުވަހު ބޭއްވި އިންތިހާބު ނާކާމިޔާބުވެ، ނަޖީބުގެ ވެރިކަން ނިމުމު ފަހުން އެމެރިކާއިން ކުރާ ތަހުގީގުގެ ސްޕީޑު އަވަސްކޮށް، މެލޭޝިއާގެ އާ ސަރުކާރާއެކު މައުލޫމާތު ހިއްސާކުރުން އިތުރުކޮށްފައިވާ ކަމަށެވެ.

ވަންއެމްޑީބީ ފަންޑުން ނަޖީބާއި އޭނާގެ އަރިސް ބޭފުޅުން 4.5 ބިލިޔަން ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން މެލޭޝިއާއާއި އެމެރިކާ ހިމެނޭ ގޮތުން ޖުމްލަ ހަތް ގައުމެއްގައި އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް ނަޖީބު ގެންދަވަނީ އެ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކުރައްވަމުންނެވެ.

ރޮއިޓާސްއަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނެފައިވާ ގޮތުގައި އެމެރިކާގެ ޕްރޮސެކިއުޓަރުންނަށް މެލޭޝިއާގެ މިހާރުގެ ސަރުކާރުން އަންނަނީ މާ ރަނގަޅަށް އެއްބާރުލުން ދެމުންނެވެ. ނަޖީބުގެ ވެރިކަމުގައި އޭނާ ގެންދެވީ ތަހުގީގަށް ހުރަސް އަޅުއްވަމުންނެވެ.

މެލޭޝިއާގެ ނޫސްތަކުން ދާދި ފަހުން ބުނެފައިވާ ގޮތުގައި ނަޖީބާ ދެކޮޅަށް އެމެރިކާގައި ކުރާ ތަހިގީގުގައި އޭނާ ވަނީ އެމެރިކާގެ މަޝްހޫރު ބައެއް ވަކީލުން ނަންގަވާފަ އެވެ. އެގޮތުން އެމެރިކާގެ ކުރީގެެ އެޓާނީ ޖެނެރަލެއް ވެސް ނަޖީބުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވަ އެވެ.