މިދިޔަ އޭޕްރީލް މަހު ބޭއްވި ސައުދި އަރިބިއްޔާގެ ފުރަތަމަ ފެޝަން ވީކްއާއެކު ގިނަ ބަޔަކަށް ހާއިރާންކަން ގެނުވި އެވެ. އެ ގައުމުގައި ފެޝަން ޝޯއެއް ބާއްވަން ހުއްދަ ލިބިދާނެ ކަމަށް ދުވަހެއްގެ ކޮޅުންވެސް މީހަކު ހިޔެއް ނުކުރެ އެވެ.
އެ ހައިރާންކަން މަތީގައި ތިއްބާ އަނެއްކާވެސް ސައުދީގައި ފެޝަން ޝޯއެއް ބާއްވާ މި ވަނީ މީހުން އިތުރަށް ހައިރާންކޮށްލާފަ އެވެ. މިފަހަރު ބޭއްވި ފެޝަން ޝޯގައި އެމީހުންގެ ރަންވޭ މޮޑެލުންގެ ބަދަލުގައި ބޭނުންކުރީ ޑްރޯންސް އެވެ.
މި ފެޝަން ޝޯ އޮތީ މިދިޔަ ހަފްތާ ބަންދުގައި ޖިއްދާގެ ހިލްޓަން ހޮޓެލްގަ އެވެ. މި ހަފްލާ ބޭއްވީ ސައުދީގެ ޝާހީ ދަރިކޮޅަށް ނިސްބަތްވާ އާއިލާއެއް ކަމަށްވާ އަލް އަޝް ޝެއިޚްގެ އާއިލާއިންނެވެ.
މި ހަރަކާތް ހިންގުމާއި އިސްކޮށް ހަވާލުވެހުރި ހަނީން އަލްޖައުހަރްޖީ ބުނީ މި ފެޝަން ޝޯގެ މަގުސަދަކީި ފެޝަނާއެކު ސައުދީއަށް ޓެކްނޮލޮޖީގެ ގޮތުން އަންނަ ކުރިއެރުންތައްވެސް ދައްކާލުމެވެ.
މި ފެޝަން ޝޯގައި ޑްރޯންސް ބޭނުންކޮށްގެން ވަނީ ތަފާތު ވައްތަރުގެ ހެދުންތަކާއި، ސްކާޓާއި، އަތްދަބަސް އަދި ސައުދީ އަންހެނުންގެ ސަގާފީ ހެދުން ކަމަށްވާ އަބާޔާގެ ތަފާތު ޑިޒައިންތައްވެސް ދައްކާލާފަ އެވެ.
މި ހަފްލާގެ ވީޑިއޯއާއި ފޮޓޯތައް ޝޯޝަލް މީޑިއާގައި ދައުރުވާން ފެށިތަނާހެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ. އަންހެނުންނަށް މޮޑެލްކުރަން ސައުދީން ހުއްދަ ނުދިންކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރުތައްވެސް ފެތުރި އެވެ. ބައެއް ފަރާތްތަކުން މިއީ "ޖިންނި ފެޝަން ޝޯ" އެއް ކަމަށް ބުނެ މަލާމަތްވެސް ކޮށްފައިވެ އެވެ.
އޭޕްރީލް މަހު ސައުދީގާއި ބޭއްވި ފެޝަން ޝޯގައި އަންހެންނަށް މޮޑެލް ކުރުމުގެ ހުއްދަ ސައުދީ ސަރުކާރުން ދީފައިވެ އެވެ. ނަމަވެސް ފިރިހެނުން ވަނުމާއި ފޮޓޯ ނެގުންވެސް އޮތީ މަނާކޮށްފަ އެވެ.
ހަނީން ބުނީ މި ފެޝަން ޝޯގައި ރަންވޭ މޮޑެލުން ބޭނުންނުކުރީ މި ރޯދަމަހަށް ވުމުން ކަމަށެވެ. މި މަހުގައި މީހުން ލައްވާއި މޮޑެލްކުރުމަކީ އެ ގައުމުގެ ސަގާފަތުގައި ތަންދޭނެ ކަމެއްކަމަށް ގަބޫލުނުކުރެވޭތީ ކަަމަށެވެ. އަދި ޑްރޯން ބޭނުންކުރީ ތަފާތު ކަމެއް ކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.