ދުނިޔެ

އިޒްރޭލުން ގާޒާގައި ހަތަރު މީހަކު ޝަހީދުކޮށް 600 މީހުން ޒަހަމްކޮށްލައިފި

އިޒްރޭލު އުފެއްދި އިރު ވަޒަނުން ބޭރުކޮށްލާފައިވާ ފަލަސްތީނު މީހުން އެމީހުންގެ ވަޒަނަށް އެނބުރި އައުމުގެ ފުރުސަތު ދިނުމަށް ގޮވާލައި "ދަ ގްރޭޓް މާޗް އޮފް ރިޓާން" ގެ ނަމުގައި ކުރަމުން އަންނަ މުޒާހަރާ އަލުން ފެށުމާއެކު އިޒްރޭލުން އެ މުޒާހަރާއަށް ހަމަލާދީ ހަތަަރު މީހަކު ޝަހީދުކޮށްލައިފި އެވެ.

އިޒްރޭލު އުފައްދައި 1948 ވަނަ އަހަރު ވަޒަނުން ބޭރުކޮށްލި 750000 މީހުން އަނބުރާ ވަޒަަނަށް ގެންދަން އދ. އިން އޭރު އިޒްރޭލަށް ވަނީ އަންގާފަ އެވެ. ނަމަވެސް އދ. ގެ އެންގުންތަކަށް ބޯ ނުލަނބައި އިޒްރޭލުން 70 އަހަރު ހޭދަކުރި އިރު އދ. އިން އެގައުމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅައެވެ.

ދަ ގްރޭޓް މާޗް އޮފް ރިޓާންގެ ނަމުގައި ފަލަސްތީނު މީހުން މުޒާހަރާ ކުރަން ފެށީ މިދިޔަ މާޗްމަހުގެ 30 ވަނަ ދުވަހު އެވެ. އެ މުޒާހަރާތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 100 އަށް ވުރެ މަތިވެފައި ވާއިރު ޒަހަމްވީ މީހުންގެ އަދަދުު 10000 އަށް ވުރެ މައްޗެވެ.

އަލްޖަޒީރާ ބުނީ އިއްޔެގައި ޣައްޒާއާ އިޒްރޭލު ގުޅޭ ބޯޑަރުގެ ކަައިރީގައި މުޒާހަރާކުރި މީހުންގެ ތެރެއަށް އިޒްރޭލުން ބަޑިޖެހުމުން ހަތަރު މީހުން ޝަހީދުވުމުގެ އިތުރުން 600 މީހުން ޒަހަމްވި ކަމަށެވެ.