ހަބަރު

ގޮނޑި ހޯދަން އިންޑިއާގެ އެހީއާ އެއްބާރުލުން ލިބުނު: ސަފީރު

އދ. ގެ ސަލާމަތީ މަޖިލީހަށް ދާއިމީ ނޫން މެމްބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި އިންޑިއާއިން ރާއްޖެއަށް އެހީތެރިވި ކަމަށް ރާއްޖެއިން އިންޑިއާއަަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަންނަ 2019 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރުންގެ ގޮތުގައި ތިބޭނެ މެމްބަރުން ހޮވުމަށް އދ. ގެ އާއްމު މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ރާއްޖެ ހިމެނޭ އޭޝިއާ ޕެސިފިކް ސަރަހައްދަށް އޮތް ޖާގަ ކާމިޔާބު ކުރީ އިންޑޮނޭޝިއާއިންނެވެ.

ސަލާމަތީ މަޖިލީހުގެ މެމްބަރުން ހޮވުމަށް އދ. ގެ ހެޑްކުއާޓަރުގައި ބޭއްވި ސިއްރު ވޯޓްގައި ވޯޓްލީ 190 ގައުމުގެ ތެރެއިން އިންޑޮނޭޝިޔާއަށް ލިބުނީ 144 ވޯޓެވެ. ރާއްޖެއަށް ލިބުނީ 46 ވޯޓެވެ.

އެ ވޯޓަށްފަހު އަހުމަދު މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއިން ގޮނޑި ހޯދުމަށް ކުރި މަސައްކަތުގައި އިންޑިއާއިން ވެދިން އެހީތެރި ކަމަށް އެ ގައުމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އިންޑިއާއިން ދިން އެއްބާރުލުމަށް ވެސް ސަފީރު ވަނީ ހިންދީ ބަހުން ވެސް ޝުކުރު އަދާކުރައްވާފަ އެވެ.

އިއްޔެގެ ވޯޓުގައި ރާއްޖެއާ އެއްކޮޅަށް 46 ގައުމަކުން ވޯޓު ދިންއިރު އޭގެ ތެރޭގައި އިންޑިއާ ހިމެނޭ ކަމަން ސާފެއް ނުވެ އެވެ. ވޯޓަކީ ސިއްރު ވޯޓެއް ކަމުން އެކަމުގައި އިންޑިއާ އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. އިންޑިއާއިން ވޯޓު ދީފައިވަނީ ރާއްޖެއާ އެއްކޮޅަށް ކަން އެ ގައުމުގެ އެއްވެސް ރަސްމީ އިދާރާއަކުން ކަށަވަރެއް ވެސް ނުކޮށްދެ އެވެ.

މިފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އިންޑޮނޭޝިއާއަށް ޒިޔާރަތް ކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި ޔޫއެންއެސްސީ އޭޝިއާ ޕެސިފިކް މެންބަރުކަމުގެ މަގާމަށް އިންޑޮނޭޝިއާގެ ކެންޑިޑެސީ އިއުލާން ކޮށްފައިވާތީ އެ މަގާމަށް އެ ގައުމު ހޮވައިދިނުމަށް އިންޑިއާގެ ސަޕޯޓަށް އިންޑޮނޭޝިއާގެ ސަރުކާރުން ވަނީ އެދިފަ އެވެ.

މި ފަހުން ރާއްޖޭގައި ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުންތަކާއި، ޗައިނާއާ ރާއްޖޭގެ ގުޅުން ބަދަހިވަމުންދިއުމާއެކު އިންޑިއާއާ ރާއްޖޭގެ ގުޅުން އޮތީ ކޮންމެވެސް ވަރަކަށް ހީނަރުވެފަ އެވެ. ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން އިންޑިއާއަށް ނާރުވާ ފޮނުވާލި މައްސަލަ ވެސް ވޯޓު ގާތްވެފައިވަނިކޮށް އޮތީ ފެންމަތިވެފަ އެވެ. އެކަމުގައި ވެސް އިންޑިއާއިން މިހާތަނަށް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.