ހަބަރު

އދ ވޯޓްގައި އިންޑިއާއިން ރާއްޖެއަށް ދިނީ ލަނޑު

Jun 19, 2018
15

އދ.ގެ ސަލާމަތީ މަޖިލީހަށް ދާއިމީ ނޫން މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި އިންޑިއާ އިން ރާއްޖެއަށް ވޯޓު ނުދޭކަމަށާއި، އެ ގޮނޑި ކާމިޔާބުވިޔަ ނުދިނުމަށް އިންޑިއާ އިން މަސައްކަތް ވެސް ކުރިކަމަށް، އެ ގައުމުގެ ހާރިޖީ ބޭފުޅުންނާއި ހަވާލާދީ އިންޑިއާ ނޫސްތަކުން ބުނެފި އެވެ.

އަންނަ 2019 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރުންގެ ގޮތުގައި ތިބޭނެ މެމްބަރުން ހޮވުމަށް އދ.ގެ އާއްމު މަޖިލީހުގައި ނެގި ވޯޓުގައި ރާއްޖެ ހިމެނޭ އޭޝިއާ ޕެސިފިކް ސަރަހައްދަށް އޮތް ޖާގަ ކާމިޔާބު ކުރީ އިންޑޮނޭޝިއާ އިންނެވެ.

އދގެ ހެޑްކުއާޓަރުގައި ބޭއްވި ސިއްރު ވޯޓްގައި ވޯޓްލީ 190 ގައުމުގެ ތެރެއިން އިންޑޮނޭޝިޔާއަށް ލިބުނީ 144 ވޯޓެވެ. ރާއްޖެއަށް ލިބުނީ 46 ވޯޓެވެ. ގައުމަކަށް ސަލާމަތީ މަޖިލީހުގެ ގޮނޑި ކަށަވަރު ވާނީ އެންމެ މަދުވެގެން 120
ގައުމުގެ ވޯޓް ލިބިގެން އެވެ.

ޖޫން 8 ގައި ބޭއްވުނު އިންތިހާބުގެ ކުރިން އިންޑިއާގެ ވޯޓު ރާއްޖެއަށް ލިބިދާނެ ކަމާމެދު ސުވާލު އުފެދުނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިންޑޮނޭޝިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ ވޯޓު އިންޑޮނީޝިއާ އަށް ދިނުމަށް ރަސްމީކޮށް އެދިފައިވާ ކަމަށް އޭރު މީޑިއާ ތަކުން ރިޕޯޓް ކުރި އެވެ.

އިންތިހާބުން ނާކާމިޔާބުވި ނަމަވެސް، އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު ވަނީ، އިންޑިއާގެ ސަޕޯޓަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެހެން ނަމަވެސް، ބައެއް ހާރިޖީ ބޭފުޅުންނާއި ހަވާލާދީ "ޓައިމްސް އޮފް އިންޑިއާ" ނޫހުން ބުނި ގޮތުގައި، ރާއްޖޭއާއި ދެމެދު ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި، އދ ގޮނޑިއެއް ރާއްޖެއަށް ކާމިޔާބުވެ ނުދިނުމަށް އިންޑިއާ އިން
މަސައްކަތް ކުރިކަމަށްވެ އެވެ.

އެހާ ބޮޑު ތަފާތަކުން ވޯޓު ނާކާމިޔާބުވީ، ރާއްޖެއަށް ވޯޓު ދޭނެކަމަށް ބުނި ގިނަ ގައުމުތަކުން އިންޑިއާގެ އެދުމުގެ މަތިން ފަހު ވަގުތު ނިންމުން ބަދަލުކުރުމުން ކަމުގައި ބައެއް ފަރާތްތަކާއި ހަވާލާދީ ބުނެ ފައިވެ އެވެ.

ޔޫއެންއެސްސީގެ އޭޝިއާ ބައްރުގެ މަތީ މަގާމެއް ރާއްޖެއަށް ކާމިޔާބުނުވީ އިންޑިއާގެ ސަބަބުން ކަމުގައި ފެންމަތިވެފައި މިވަނީ، ދެގައުމުގެ ގުޅުން ވަރަށް ބޮޑުތަނުން ހީނަރުވެފައިވާ ދަނޑިވަޅެއްގަ އެވެ.