ކުޅިވަރު

ޝަހްރުނާޒާއި ޑަބަލްސް ހަތަރު ޕެއާ ކްއާޓާ ފައިނަލަށް

މޮރިޝަސްގައި މިހާރު ކުރިއަށްދާ މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ކްއާޓާ ފައިނަލަށް ރާއްޖޭގެ އާމިނަތު ޝަހްރުނާޒް ދަތުރު ކޮށްފި އެވެ. އަދި ޑަބަލް އިވެންޓްގެ ކްއާޓާ ފައިނަލަށް ދިވެހި ހަތަރު ޕެއާ ވަނީ ދަތުރު ކޮށްފަ އެވެ.

ޝަހްރުޏާޒް ކްއާޓާ ފައިނަލަށް ދަތުރު ކުރީ، މުބާރާތް ބާއްވާ ގައުމު މޮރިޝަސްގެ ލުޗޫމުން ޕޮޝިޓާ ސީދާ ދެ ގޭމުން ބަލި ކުރުމަށް ފަހު އެވެ. އޭނާ މެޗު ކާމިޔާބު ކުރީ 21-4 އަދި 21-5 ންނެވެ.

އެ މެޗުގެ ކުރިން ޝަހްރުނާޒް ވަނީ މޮރިޝަޝްގެ އެހެން ކުޅުންތެރިޔެއް ކަމަށްވާ ޗިނާހް ޖެއިޝާއާ ދެކޮޅަށް ކުޅުނު މެޗުވެސް ދެ ގޭމުން ކާމިޔާބު ކޮށްފަ އެވެ. އެއީ 21-10 އަދި 21-5 ންނެވެ.

ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްގެ އިވެންޓްގެ ކްއާޓާ ފައިނަލަށް ކޮންމެ ކެޓަގަރީއަކުން ދެ ޕެއާ ވަނީ ދަތުރު ކޮށްފަ އެވެ. މުހައްމަދު އަޖުފާން ރަޝީދު އާއި ތޯއިފް އަހްމަދުގެ ޕެއާ ކްއާޓާ ފައިނަލަށް ދަތުރު ކުރީ މޮރިޝަސްގެ ދެ ކުޅުންތެރިން ކަމަށްވާ ނެވިން ލޫފޯ އާއި ކެސަވެން ވީރަޕެން ސީދާ ދެ ގޭމުން ބަލި ކުރުމަށް ފަހު އެވެ. އަޖުފާން އާއި ތޯއިފްގެ ޕެއާ މެޗު ކާމިޔާބު ކުރީ 21-12 އަދި 21-8 ންނެވެ.

ފިރިހެން ޑަބަލްސް ކްއާޓާ ފައިނަލަށް ދަތުރު ކުރި އަނެއް ދެ ކުޅުންތެރިންނަކީ ސާރިމް މުހައްމަދާއި އަހްމަދު ނިބާލްގެ ޕެއާއެވެ. އެ ދެ ކުޅުންތެރިން ވެސް ކްއާޓަ ފައިނަލަށް ދިޔައީ މޮރިޝަސްގެ ދެ ކުޅުންތެރިން ކަޓުވާލުމަށް ފަހު އެވެ.

އެއީ މޮރިޝަސްގެ ހުޒައިރު އަޝްރަފް އަލީ ބުއްޓޫ އާއި ސޫގުން ސީދާ ދެ ގޭމުން ބަލި ކުރުމަށް ފަހު އެވެ. ނިބާލް އާއި ސާރިމް މެޗު ކާމިޔާބު ކުރީ 21-17 އަދި 21-12 އިންނެވެ.

މިކްސް ޑަބަލްސް އިވެންޓުން، ކްއާޓާ ފައިނަލަށް ދަތުރު ކުރީ ސާރިމް އާއި ޝަހްރުނާޒްގެ ޕެއާގެ އިތުރުން ތޯއިފް އާއި އާމިނަތު ނަބީހާ އަބްދުރައްޒާގްގެ ޕެއާ އެވެ.

ސާރިމް އާއި ޝަހްރުނާޒްގެ ޕެއާ ކްއާޓާ ފައިނަލަށް ދަތުރު ކުރީ މޮރިޝަސްގެ ދެ ކުޅުންތެރިން ކަމަށްވާ މެލްވިން އަޕިއާ އާއި ވިލީނާ އަޕިއާގެ މައްޗަށް ސީދާ ދެ ގޭމުން ކާމިޔާބު ހޯދައިގެންނެވެ. ފުރަތަމަ ގޭމް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ސާރިމް އާއި ޝަހްރުނާޒްގެ ޕެއާ އެ ގޭމް ކާމިޔާބު ކުރި 27-25 ންނެވެ. ދެ ވަނަ ގޭމް ކާމިޔާބު ކުރީ 21-17 އިންނެވެ.

ތޯއިފް އާއި ނަބީހާގެ ޕެއާ ދެކޮޅަށް ވާދަ ކުރީ މޮރިޝަސްގެ ދެ ކުޅުންތެރިން ކަމަށްވާ ސަންޑޭޝް ގޮންޑަރީ އާއި މަންދިރާ ލުބާ އެވެ. ތޯއިފް އާއި ނަބީހާ ކާމިޔާބު ކުރީ 21-13 އަދި 21-10 ން ނެވެ.

އަންހެން ޑަބަލްސްގައި ނަބީހާ އާއި ފާތިމަތު ނަބާހާ އަބްދުރައްޒާގް ވަނީ ސެމީ ފައިނަލަށް ސީޑް ކޮށްފަ އެވެ. މިއަދު ކުޅޭ ސެމީ ފައިނަލުގައި އެ ދެ ކުޅުންތެރިން ވާދަ ކުރަނީ މޮރިޝަސްގެ ޖެމިމާ ލިއުޖު އާއި ގަނޭޝް މުންގަރާހް އާ ދެކޮޅަށެވެ.