ހަބަރު

"ގޮނޑި ނުލިބުމަކީ ހަޖޫ ޖަހަންޖެހޭ ކަމެއް ނޫން"

އދ. ގެ ސަލާމަތީ މަޖިލީހަށް ދާއިމީ ނޫން މެމްބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ރާއްޖެއަށް ނާކާމިޔާބުވުމަކީ އެކަމަށް ހަޖޫ ޖަހަން ޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ރައީސް އަބުދުﷲ ޔާމީނަށް ތައުރީފް ކުރަންޖެހޭ ކަމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބުދުﷲ، އަދުރޭ ވިދާޅުވެއްޖެ އެވެ.

ސަލާމަތީ މަޖިލީހުގެ މެމްބަރުން ހޮވުމަށް ރޭ އދ. ގެ ހެޑްކުއާޓަރުގައި ބޭއްވި ސިއްރު ވޯޓްގައި ވޯޓްލީ 190 ގައުމުގެ ތެރެއިން އިންޑޮނޭޝިޔާއަށް ލިބުނީ 144 ވޯޓެވެ. ރާއްޖެއަށް ލިބުނީ 46 ވޯޓެވެ. ގައުމަކަށް ސަލާމަތީ މަޖިލީހުގެ ގޮނޑި ކަށަވަރު ވާނީ އެންމެ މަދުވެގެން 120 ގައުމުގެ ވޯޓް ލިބިގެން އެވެ. ރާއްޖެ ބަލިވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން ވަނީ ސަރުކާރަށް އަމާޒު ކޮށްފަ އެވެ.

އަދުރޭ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެ ވާދަ ކުރުމަކީ ރައީސް ޔާމީން ގައުމާމެދު ދެކެވަޑައިގަންނަވާ ހުވަފެންފުޅު ހާމަވެގެންދިޔަ ކަމެއް ކަމަށެވެ. އަދި ގޮނޑި ކާމިޔާބު ނުވުމަކީ ހަޖޫ ޖަހަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެއީ ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެއް ކަމަށެވެ.

އަބްދުއް ރަހީމް ކުރެއްވި ޓްވީޓް

ގޮނޑި ކާމިޔާބު ނުވުމުން އިދިކޮޅު ގިނަ ފަރާތްތަކެއް ދަނީ ރާއްޖެއަށް އެ ގޮނޑި ހޯދުމުގެ ކެމްޕެއިންގައި އެންމެ އިސްކޮށް އުޅުއްވި މިނިސްޓަރު މުހައްމަދު ޝައިނީގެ އިސްތިއުފާއަށް ވެސް ގޮވަމުން ނެވެ. ވޯޓަށްފަހު މިނިސްޓަރު ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމު ބަލިވި ނަމަވެސް ކާމިޔާބު ހޯދުމަށް ކުރީ ބުރަ މަސައްކަތެއް ކަމަށެވެ. އެ ޓީމުގައި ހިމެނިވަޑައިގަތުމަކީ ފަހުރެއް ކަމަށާއި އެކަމުގައި ދެން އުޅުނު ހުރިހާ ފަރާތްތަކަށް ސެލިއުޓް ކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.