ދެކުނު އެފްރިކާގެ ރައީސްކަމުން ދާދި ފަހުން އިސްތިއުފާ ދެއްވި ޖޭކޮބް ޒޫމާއާ ހެދި އެގައުމުގެ ވެރިކަން ކުރާ އެފްރިކަން ނެޝަނަލް ކޮންގްރެސް ދެބައިވެދާނެކަމުގެ ބިރު އުފެދިއްޖެއެވެ.
އޭއެންސީ އަކީ ދެކުނު އެފްރިކާގައި އޮތް ނަސްލީ ތަފާތުކުރުމުގެ ސަރުކާރު ވައްޓާލައި އެގައުމުން ނަސްލީ އިމްތިޔާޒު ފުހެލެއްވި މަޝްހޫރު ލީޑަރު ނެލްސަން މަންޑޭލާ އެޕާޓީއެއްގެ ޓިކެޓުގައި ވެރިކަމަށް ވަޑައިގެންނެވި ޕާޓީއެވެ. މަންޑޭލާއެކޭ އެއްފަދައިން އޭއެންސީއަކީ ވެސް އެފްރިކާގެ ކަޅުމީހުންގެ ހައްގުތައް ހޯދައިދޭން ބުރަ މަސައްކަތެއް ކުރި ތާރީހީ ޕާޓީއެކެވެ.
ޒޫމާއާ ހެދީ އޭއެންސީ ދެބައިވެދާނެ ކަމުގެ ބިރު ހީވީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަކަށް ޑާބަންގެ ހައިކޯޓަށް އިއްޔެގައި ވަޑައިގެންނެވުމުން ކަންހިނގި ގޮތުންނެވެ. އިއްޔެގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކުރުމުން ޒޫމާ ވަނީ ކޯޓުން ބޭރުގައި ސަޕޯޓަރުންނާ އެކު އުފާފާޅުކުރައްވާފައެވެ.
ޒުމާ އަރިހުގައި ކޯޓުން ބޭރުގައި އުފާފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި އެގައުމުގެ ހުޅަނގު އުތުރު ޕްރޮވިންސްގެ ޕްރެމިއާ ކަމުގެ މަގާމުން ދާދިފަހުން އިސްތިއުފާދެއްވި ސުޕްރާ މަހުމަޕޭލޯ ހިމެނިވަޑައިގަންނަވައެވެ. އޭނާއަކީ ވެސް ޒޫމާއެކޭ އެއްފަދައިން އޭއެންސީން އަންގައިގެން މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ.
ޒޫމާއައި އޭއެންސީގެ ބައެއް އެހެން އިސް ބޭފުޅުން ތިއްބެވި މަގާމުތަކުން އިސްތިއުފާ ދެއްވީ އެބޭފުޅުންނަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އިސްތިއުފާދޭން އޭއެންސީން އެންގުމުންނެވެ.
ދެކު އެފްރިކާގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ޒޫމާއަށް އިއްޔެގައި ދެއްކި ތާއީދަކީ އޭއެންސީ ދެބައިވެދާނެ ކަމުގެ އަލާމާތެކެވެ.-- ބީބީސީ