ކުޅިވަރު

ޗެލްސީ ގަންނަން ހުށަހެޅި ޔޫކޭގެ ބިލިއަނަރަށް ނާކަމިޔާބު

އިނގިރޭސި ވިލާތުގެ ބިލިއަނަރެއް ކަމަށްވާ ޖިމް ރެކްލިފް ޗެލްސީ ގަންނަށް ހުށަހެޅުމުން، ޗެލްސީގެ ވެރިޔާ ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަހިމޮވިޗް އެ ހުށަހެޅުމަށް ނޫނެކޭ ބުނެފި އެވެ.

މިހާރުވެސް ސްވިޒަލޭންޑްގެ ކުލަބެއް ކަމަށްވާ ލުޒާން ސްޕޯޓްސްގެ އޮނަޝިޕް އޮންނަ ރެކްލިފަކީ، މެންޗެސްޓާ ޔުނައިޓަޑްގެ ސަޕޯޓަރެކެވެ. ނަމަވެސް އޭނާއަކީ ޗެލްސީގެ ސީޒަން ޓިކެޓް ގަނެފައިވާ ފަރާތަކެވެ. މިދިޔަ ސީޒަންގައި ޗެލްސީގެ ޓްރެއިނިން ގްރައުންޑް ކޯބްހަމްގެ ގެސްޓެއްގެ ގޮތުގައި ވެސް އޭނާ ހިމެނިފައި ވެއެވެ.

ޗެލްސީ ގަތުމަށް ހުށަހަޅާނަމަ ފެށޭ އަގަކަށް ވާނީވެސް އެއް ބިލިއަން ޕައުންޑެވެ. ރެކިލިފްގެ ގާތް އެކވެރިއެއް ޑެއިލީ މެއިލްއަށް ބުނެފައި ވަނީ ދެ ބިލިއަން ޑޮލަރު ހޭދަ ކުރުމަކީ ރެކްލިފްއަށް ކަނޑުން ފެންތިއްކެއް ނެގުންހާ ފަސޭހަ ކަމެއް ކަމަށެެވެ.

ސަންޑޭ ޓްއިމްސްއިން މިދިޔަ މަހު އާންމު ކުރި މަހުޖަނުންގެ ލިސްޓްގައި ރެކިލިފް ހިމެނިފައި ވަނީ އަބްރޮމާވިޗަށް ވުރެވެސް ކުރީގަ އެވެ. ރެކްލިފްގެ މިލްކިއްޔާތުގެ އަގަކީ 21.05 ބިލިއަން ޕައުންޑް ކަމަށް ސަންޑޭ ޓައިމްސްގައި ބުނެފައި ވެއެވެ. އަބްރަހިމޮވިޗް މިލްކިއްޔާތުގައި އަގަކީ 9.3 ބިލިއަން ޕައުންޑެވެ.

ރެކްލިފްގެ ކުންފުނިގެ ވިޔާފާރި 45 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ. އެ ކުންފުނީގެ މުވައްޒަފުންގެ ގޮތުގައި ދުނިޔޭގެ 22 ގައުމެއްގައި އެބައިތއްބެވެ. އެއީ ޖުމުލަ 18500 މުވައްޒަފުންނެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އާ ގާތް ގުޅުމެއް އޮންނަ އަބްރަހިމްވިޗް، 2003 ވަނަ އަހަރު ޗެލްސީ ގަތީ 140 މިލިއަން ޕައުންޑަށެވެ. މި ފަނަރަ އަހަރު ތެރޭ ޗެލްސީ ވަނީ ފަސް ފަހަރު އިނގިރޭސި ޕްރިމިއާ ލީގް ކާމިޔާބު ކޮށްފަ އެވެ.