ކުޅިވަރު

ތިންދުވަސްތެރޭ ހިމްނާ ދެވަނަ ރެކޯޑެއްވެސް މުގުރާލައިފި

އޭޝިއާގެ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަ ކުރަމުން އަންނަ ރާއްޖޭގެ ޒުވާން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން އަނެއްކާވެސް އިތުރު ގައުމީ ރެކޯޑެއް ހަދައިފި އެވެ.

އަންހެނުންގެ ޖޫނިއާ 200 މީޓަރުގެ ރެކޯޑްގައި ވާދަ ކޮށް ހިމްނާ ހެދީ ޔޫތު ކެޓަގަރީގެ ގައުމީ ރެކޯޑެކެވެ. ދުއިސައްތަ މީޓަރު ހީޓް އެކެއްގައި ވާދަ ކޮށް ހިމްނާ ރޭސް ނިންމީ 26.73 ސިކުންތުންނެވެ. ނަމަވެސް ހިމްނާ ދިޔައީ އެ ހީޓްގައި ވާދަ ކުރި ހަތް ބައިވެރިންގެ ތެރެއިން ހަތް ވަނަ އަށެވެ. އެ ހިޓުން އެއް ވަނަ ހޯދީ އިންޑިއާގެ ދުވުންތެރިޔެއް ކަމަށްވާ ޖިސްނާ މެތިއު އެވެ. އޭނާ ރޭސް ނިންމީ 24.64 ސިކުތުންނެވެ.

ހިމްނާ މިއަދު މުގުރާލި ރެކޯޑް، ކުރިންވެސް އޮތީ އޭނާ އަތުގަ އެވެ. މިއީ އެއް މަސްތެރޭ އޭނާ އެ ރެކޯޑް މުގުރާލި ދެ ވަނަ ފަހަރެވެ. މިދިޔަ މަހު ޝްރީލަންކާގައި ބޭއްވި ދެކުނު އޭޝިއާގެ ޖޫނިއާ އެތެލެޓިކްސް ޗެމްޕިއަންޝިޕްގެ 200 މީޓަރު އިވެންޓްގައި ވާދަ ކޮށް ހިމްނާ ރޭސް ނިންމީ 27.32 ސިކުންތުންނެވެ.

އޭނާގެ މިފަހަރުގެ ރެކޯޑާއެކު، އޭޝިއަން އެތެލެޓިކްސް ޗެމްޕިއަންޝިޕްގައި އޭނާ ވަނީ ގައުމީ ދެ ރެކޯޑެއް ހަދާފަ އެވެ. ފުރަތަމަ ރެކޯޑް އޭނާ ހެދީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ މީގެ އަށް އަހަރު ކުރިން، 2010 ވަނަ އަހަރު އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ތަޖުރިބާކާރު ދުވުންތެރިޔާ މިރުފަތު އަހްމަދު 400 މީޓަރުގެ ރޭހުގައި ވާދަކޮށް ހަދާފައިވާ ރެކޯޑެވެ. އޭރު މިރުފަތު ރޭސް ނިންމީ 1:00.33 (އެއް މިނެޓް ޕޮއިންޓް 33 ސިކުތުންނެވެ.

އޭޝިއަން ޗެމްޕިއަންޝިޕްގައި މިދިޔަ ބުރަސްފަތި ދުވަހު 400 މީޓަރުގައި ވާދަ ކޮށް ހިމްނާ ރޭސް ނިންމީ 59.76 ސިކުންތުންނެވެ.

އައްޑޫ ހައިސްކޫލް ގައި ކިޔަވަމުންދާ ހިމްނާ އަކީ އިންޓަ ސްކޫލް އެތެލެޓިކްސް މުބާރާތްތަކުގައި ވިދާލި ދުވުންތެރިޔެކެވެ. މި އަހަރު މާޗް މަހު ކުޅުދުއްފުށީގައި ބޭއްވި މަކިޓާ އެތެލެޓިކްސް ޗެމްޕިއަންޝިޕްގެ 17 އަހަރުން އަންހެން ދަށުގެ އެންމެ މޮޅު އެތުލީޓްގެ އެވޯޑާއި މުޅި ޗެމްޕިއަން ޝިޕްގެ އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް ހޯދި އެވެ. އަދި އެކި ކެޓަގަރީތަކުގައި ވާދަ ކޮށްގެން ތިން ރަން މެޑަލް ވެސް ހޯދި އެވެ.